ދުނިޔެ

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަށް ތަޣައްޔަރުވެ، މަދަރުސާތަކުގެ ކިޔެވުން އޮންލައިން

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަށް ތަޣައްޔަރުވެ، މަދަރުސާތަކުގެ ކިޔެވުން އޮންލައިން

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަށް ތަޣައްޔަރުވުން.

farudhun logo

ފަރުދުން

15 ޑިސެމްބަރު 2025، 05:38

15 ޑިސެމްބަރު 2025، 05:38

އިންޑިޔާގެ ދިއްލީއާއި، ދިއްލީ ގާތުގައިވާ ސަރަޙައްދުތަކުގައި، ނުރައްކާތެރި މިންވަރަށް ވައި ތަޣައްޔަރުވުމުގެ ސަބަބުން، މަދަރުސާތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް އެ ޤައުމުގެ ކަމާ ބެހޭ އިދާރާތަކުން އަންގައިފިއެވެ. މީގެ އިތުރުން، ރޭނުމާއި ޢިމާރަތްކުރުން ފަދަ މަސައްކަތްތައް ވެސް ވަޤުތީ ގޮތުން މެދުކަނޑާލުމަށް އަމުރުކޮށްފައިވެއެވެ.

އަދު ހެނދުނު ދިއްލީގެ ޖައްވު އިންތިހާއަށް ތަޣައްޔަރުވެ، މަތިންދާބޯޓާއި ރޭލުގެ ދަތުރުތައް ވަނީ ތާވަލުން ފަސްކުރަން ޖެހިފައެވެ.

ވައިގެ ތެރޭގައި ނުރައްކާތެރި މާއްދާތައް އެކުލެވޭ މިންވަރު ވަޒަންކުރުމަށް ބޭނުންކުރާ "އެއާ ކޮލިޓީ އިންޑެކްސް" (އޭ.ކިޔު.އައި.) ބޭނުންކޮށްގެން ދިއްލީގެ ހަވާ ތަޙުލީލުކުރި އިރު، ދުުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ.)އިން ކަނޑައަޅާފައިވާ ރައްކާތެރި ޙުދޫދަށް ވުރެ ތިރީސް ގުނަ އިތުރެވެ. ވީމާ، ޚާއްޞަ ގޮތެއްގައި ކުޑަކުދީންނާއި ޢުމުރުން ދުވަސްވީ ފަރާތްތަކުގެ ނޭވާލާ ނިޒާމަށް މި ކަމުގެ ސަބަބުން ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް އިންޑިޔާގެ އިދާރާތަކުން ހާމަކުރެއެވެ.

އިންތިހާ ދަރަޖައަށް ވައި ނުސާފުވުމަކީ ދިއްލީގައި އަލަށް ހިނގާ ކަމެއް ނޫނެވެ. އެއީ ކޮންމެ އަހަރެއްގެ ވެސް ފިނިމޫސުމާ ދިމާކޮށް، އެ ސަރަޙައްދަށް އާދައިގެ މަތީން ކުރިމަތިވާ މައްސަލައެކެވެ. އެ ކަމުގެ ސަބަބުތަކުގެ ތެރޭގައި: ކާރުޚާނާތަކުން ބޭރުކުރާ ވިހަގަދަ ދުންތަކާއި، ދުއްވާ އުޅަނދުފަހަރުން ދޫކުރާ ދުންތަކާއި، މި ދުވަސްވަރާ ދިމާކޮށް ވައިރޯޅި މަޑުވުން ވެސް ހިމެނިގެންވެއެވެ.

ދިއްލީގެ ރަސްމީ ދަތުރުފަތުރާ ބެހޭ އެޕްލިކޭޝަން "ސަފަރް"ގައިވާ ގޮތުން، އަދު ހެނދުނު އެ ސަރަޙައްދުގެ ވައި ހުރީ އޭ.ކިޔު.އޭ. މިންގަނޑުން 471ގައެވެ. އޭ.ކިޔު.އޭ. މިންގަނޑުން 400އަށް ވުރެ މަތިވާނަމަ ބެލެވޭނީ ވައިގެ ތަޣައްޔަރުވުން "ސިވިއަރ" ނުވަތަ އިންތިހާއަށް ނުރައްކާތެރި ކަމަށެވެ.

މިދިޔަ ހަފުތާގެ ކުރީކޮޅު ދިއްލީގެ ފަޒާއަށް ކޮންމެވެސް ވަރެއްގެ ސާފުކަމެއް އަތުވުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަނެއްކާ ވެސް ވަނީ ޙާލަތު ގޯސްވެފައެވެ.

ވުމާ އެކު، އިއްޔެ އިންޑިޔާގެ އެއާ ކޮލިޓީ އޮތޯރިޓީން ވަނީ، ވިސަޑު ކޮންޓުރޯލުކުރުމުގެ އެންމެ ބޮޑެތި ފިޔަވަޅުތައް އިޢުލާންކޮށްފައެވެ. މި ގޮތުން، ގިނަދުވަސްވެފައިވާ ޑީސަލްއެޅި އުޅަނދުފަހަރު ދުއްވުން މަނާކޮށް، މަދަރުސާތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް އަންގައި، ޝަރީޢަތުގެ މަޖިލިސްތައް ވެސް ސުމޭކު ވަސީލަތްތަކުގެ އެހީގައި ބޭއްވުމަށް އެ އޮތޯރިޓީން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، ޒަރޫރީ ބޭނުމަކާ ނުލައި ގެއިން ނުނުކުތުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ބޭރަށް ދާން ޖެހިއްޖެ ޙާލަތުގައި މާސްކު އެޅުމަށް ވަނީ އަންގާފައެވެ.

ވައި ވިސަޑުވުމުގެ ސަބަބުން ޞިއްޙަތު ސަލާމަތުން ހުންނަ މީހުނަށް ވެސް ބޮޑެތި ގެއްލުންތައް ލިބިދެއެވެ. މި ގޮތުން، 2022ވަނަ އަހަރާއި 2024ވަނަ އަހަރާ ދެމެދު ދިއްލީގެ ސަރުކާރު ހޮސްޕިޓަލުތަކުގައި ދެ ލައްކައަށް ވުރެ ގިނަ ނޭވާލާ ނިޒާމާ ގުޅޭ ބަލިތަކުގެ ކޭސްތައް ރިކޯޑުކުރެވިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450