ޚަބަރު
މިއިން ޒަމާނަކު މަސްވެރި ސިނާޢަތަށް އިންވެސްޓު ނުކުރާ ވަރަށް މި ސަރުކާރުން ވަނީ އިންވެސްޓު ކޮށްފައި: ޝިޔާމް
ވަޒީރު ޝިޔާމް/ފޮޓޯ: ވުޒާރާ
މިއިން ޒަމާނަކު މަސްވެރިކަމުގެ ސިނާޢަތަށް ސަރުކާރަކުން އިންވެސްޓް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓްތަކެއް މި ސަރުކާރުން ކޮށްފައިވާކަމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރު ޙަވާލުވި އިރު މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ނާޒުކު ޙާލަތެއްގައި ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ ދުރު ވިސްނުމެއް މީގެ ކުރީ އެއްވެސް ސަރުކާރަކުން ގެންގުޅެފައި ނުވާކަމަށާއި، ހޯދާފައި ހުރީ ވަގުތީ ޙައްލު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މަސްވެރި ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށެވެ. މީގެ ކުރީ ސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާ އަށް ބޮޑުކުރިކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ، އެ އަގުގައި ބެހެއްޓިނަމަ ސަރުކާރުން މިފްކޯއަށް އަހަރަކު 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހުނީސް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަމިއްލަ ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ޖުމްލަ ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އެކިއެކި ވުޒާރާތަކާއި، ވުޒާރާގެ ޓީމުން ކުރި މަސައްކަތުން 4.5 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ފަށާފައިވާ ކަމަށާއި، އެ މަޝްރޫޢުތައް ކުރިއަތް އޮތް 2 އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މިއިން ޒަމާނަކު މަސްވެރިކަމުގެ ސިނާޢަތަށް އެހެން އެއްވެސް ސަރުކާރަކުން އިންވެސްޓް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މިފަސް އަހަރު ނިމޭއިރު ދިވެހިރާއްޖޭގައި އެއްފަހަރާ 25،000 ޓަނު މަސް ރައްކާކުރެވޭނެ ޤާބިލްކަން އިތުރުކުރެވިގެންދާނެ ކަމަށާއި، މިގޮތުން ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ.
ހަމަ އެހެންމެ، މި ފަސް އަހަރު ނިމިގެންދާއިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލުތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.