Ads by Stelco

ޚަބަރު

ތައިލެންޑްގައި އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ހުރުމުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ތައިލެންޑްގައި އުފައްދާ  ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ހުރުމުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޑިސެމްބަރު 2025، 12:37

14 ޑިސެމްބަރު 2025، 12:37

ތައިލޭންޑުން އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރިކަން ފާހަގަ ކުރެވިގެން، އެ ބޭސްތައް ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ. މި ބޭސްތަކުގައި އެންޑީއެމްއޭ ކެމިކަލް ހުންނަންޖެހޭ މިންގަނޑަށްވުރެ އިތުރަށް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ވިދާޅުވެފައިވަނީ، ތައިލޭންޑުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ، ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން  އިން ކުރި ތަހުލީލުތަކުން މިކަން ހާމަވެފައިވާ ކަމަށެވެ. މި މައުލޫމާތު އެމްއެފްޑީއޭއަށް ލިބިފައިވަނީ ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކް  މެދުވެރިކޮށެވެ. އެންޑީއެމްއޭ އަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާވެދާނެ ކެމިކަލެކެވެ.

އެމްއެފްޑީއޭއިން ބެލިބެލުމުން މި ބްރޭންޑްތަކުގެ ބޭސްތައް ރާއްޖެއަށް އިމްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެއަށް އެތެރެކޮށްފައި ނުވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންނަމަވެސް، ތައިލޭންޑަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވާތީ، އަދި ބައެއް ފަހަރު އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާތީ، މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ޕޯޓްތަކުން އެތެރެކުރާ ބޭސްތައް ހާއްސަ ސަމާލުކަމެއް ދީގެން ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްއެފްޑީއޭ އިން މައުލޫމާތު ދެއެވެ. މިއީ ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެކެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އެމްއެފްޑީއޭގެ ހޮޓްލައިން ނަމްބަރު 7200321 އަށް ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450