ޚަބަރު
މަސްވެރިކަމުގެ ސިނާޢަތަކީ ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސް
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
މަސްވެރިކަމުގެ ސިނާޢަތަކީ ޙަޤީޤީ މާނައިގައި ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރ. ދުވާފަރުގައި ބޭއްވެވި، ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މަސްވެރިކަމަކީ ދިވެހީންގެ ޝަޚުސިއްޔަތާއި ޤައުމިއްޔަތާ ގުޅިލާމެހިފައިވާ ސިނާޢަތެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ދިވެހި މަސްވެރިކަން އާލާކޮށް، ކޮޅަށްޖަހައި، އިތުރަށް ތަރައްޤީކުރުމަށްޓަކައި، 6 ދާއިރާއަކުން ކަނޑައަޅުއްވާފައިވާ 6 ސިޔާސަތެއްގެ މައްޗަށް ބިނާކުރައްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވެފައެވެ. މިގޮތަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، މާދަމާއިން ފެށިގެން މިފްކޯއިން މަސް ގަންނާނީ، ދޮޅު ކިލޯ މަހުގެ ބަދަލުގައި، އެއް ކިލޯ އާއި އެއަށްވުރެ ބަރުކޮށް ކިރާ މަހަށް އެންމެ މަތީ އަގު ދޭގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެއާއެކު، ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން އިތުރު 200 ފަރާތަކަށް އާރް.އެސް.ޑަބްލިއު ލޯން ދޫކުރުމަށް ހުޅުވާލާފައިވާ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރާ ޕްރޮސެސިންގ ކާރުޚާނާތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދަވައި، ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގައި، އަންނަ މާރިޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑްތައް ޤާއިމުކޮށް ނިންމޭނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ގަންނަ އަގުކަން ފާހަގަކުރައްވައި، އެކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަނީ، ފަރުވާތެރިކަމާއެކު ދުރުރާސްތާއަށް ވިސްނަވާވަޑައިގެން، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނޭ ގޮތަށްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމުވެސް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެއްސެވުމަށްޓަކައި އިތުރު މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އެމަނިކުފާނު އެންމެ ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންފުޅު ވަނީ، މަސްވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި ދިވެހީން މަސައްކަތްކުރާ ސިނާޢަތަކަށް ވާނޭ ދުވަސް ކަމަށެވެ. އެގޮތުން، ދިވެހި ޒުވާނުން މި ދާއިރާއަށް ނެރޭ ފަރާތްތަކާއި، އޮޑިފަހަރުގައި ހަމައެކަނި ދިވެހި ފަޅުވެރިން ގެންގުޅޭ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ ގޮތުން، ޤައުމީ ފެންވަރެއްގައި އެ ފަރާތްތަކުގެ އަގުވަޒަންކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސިނާޢަތް ކުރިއެރުވުމަކީ ފަރުދީ އަދި ޖަމަޢީ ތަރައްޤީއަށް ކުރެވޭ ޤައުމީ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި، ޤައުމީ ވިސްނުމާ ދެކޮޅު ސިޔާސީ އޮއިވަރުގައި ނުޖެހި، އެންމެން އެކުގައި މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.