ޚަބަރު
ދުވާފަރުގައި ޤާއިމްކޮށްފައިވާ ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި
ޚިދުމަތް ދޭން ފެށުން/ފޮޓޯ: ރައީސް އޮފީސް
ބޮޑު ކަންނެލީގެ މަސްވެރިންނަށް އަގު ހެޔޮކޮން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މި ފިއުލް ޝެޑް ހުޅުއްވައިދެއްވާފައި ވަނީ، މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ރ. ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ބޮޑު ކަންނެލީގެ މަސްވެރިންގެ އޮތް ކަންބޮޑުވުންތައް ޙައްލުކޮށްދެއްވުމުގެ ގޮތުން އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާއިރު، ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު" ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. އެގޮތުން، ފުރަތަމަ ފިއުލް ޝެޑް ދުވާފަރުގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި އެސްޓީއޯ ރޭޓު ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ.
މަސްވެރިކަމުގެ ސިނާޢަތަކީ އަދުގެ ސަރުކާރުން މުހިންމު އިސްކަމެއްދެއްވާ ސިނާޢަތަކަށްވާއިރު، އެ ދާއިރާއިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގިނަ ވަޢުދުތަކެއް ސަރުކާރުން ގެންދަވަނީ ފުއްދަވައި ދެއްވަމުންނެވެ.