Ads by Stelco

ޚަބަރު

ދުވާފަރުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ދުވާފަރުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 ޑިސެމްބަރު 2025، 01:03

13 ޑިސެމްބަރު 2025، 01:03

ރ. ދުވާފަރުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ރ. ދުވާފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދުވާފަރުގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ  ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ. މި ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ކައުންސިލްގެ ރައީސް އަދި ކައުންސިލްގެ މެންބަރުންނާއި، ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ އެކި  މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިހާރު 63 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ 36 ރަށް މިވަގުތު އެބައޮތެވެ. އެހެންކަމުން ޖުމްލަ 99 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. 

މީގެ އިތުރުން، މި މަހުގެ ތެރޭގައި އިތުރު 39 ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ. މިއާއެކު ޖުމްލަ 138 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަޝްރޫޢުތައް ހިނގަމުން ދާނެއެވެ. 

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅެކެވެ. ވީމާ، ސަރުކާރުން މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450