ދުނިޔެ
އަވަހަށް ފަލަވާން އުޅުނު ރަޝިޔާގެ ޒުވާން ފިޓްނެސް އިންފްލުއެންސަރަކު މަރުވެއްޖެ
އަވަހަށް ފަލަވާން އުޅުމުގެ ތެރޭގައި މަރުވި ފިޓްނެސް ޓްރެއިނަރ ޑިމިޓްރީ ނުޔަންޒިން.
ފަރުދުން
27 ނޮވެމްބަރު 2025، 04:19
27 ނޮވެމްބަރު 2025، 04:19
އަވަހަށް ފަލަވާންވެގެން ހަށިގަނޑަށް ނުކަތާހާ ގިނައިން ކައިބޮއި އުޅުމުގެ ސަބަބުން، ރަޝިޔާގެ އޮރެންބަރގްއަށް ނިސްބަތްވާ ޢުމުރުން 30 އަހަރުގެ ފިޓްނެސް އިންފްލުއެންސަރ ޑިމިޓްރީ ނުޔަންޒިން މަރުވެއްޖެއެވެ.
ރަޝިޔާގެ ފިޓްނެސް ދާއިރާގައި ޝުހުރަތެއް ލިބިފައިވާ ޑިމިޓްރީ އަވަހަށް ފަލަވާން ބޭނުންވި މަޤުޞަދަކީ، އޭނާ އިޝްތިހާރުކުރަމުން އަންނަ ބަރުދަން ލުއިކުރުމުގެ ޕްރޮގްރާމެއްގެ ނަތީޖާ ކަށަވަރުކޮށްދިނުމަށެވެ. މި ގޮތުން، އޭނާ ބޭނުންވީ އަވަހަށް ފަލަވުމަށް ފަހު، އެ ޕްރޮގްރާމްގެ ދަށުން އަވަހަށް ހިއްކާލެވޭކަން އޭނާގެ ފޮލޯވަރުންނަށް ދައްކާލުމަށެވެ.
މި މަޤުޞަދު ޙާޞިލުކުރުމަށްޓަކައި އޭނާގެ އެތެރެހައްޓަށް ނުކުޅަދާނަވާ މިންވަރަށް އޭނާ ވަނީ ކާއެއްޗެހި އެތެރެކޮށްފައެވެ. މި ކަމުގެ ސަބަބުން އޭނާގެ ހިތަށް ޕްރެޝަރު ބޮޑުވެ، ހިތް ހުއްޓުމުގެ ސަބަބުން މަރުވީއެވެ.
އިޖުތިމާޢީ ވިޔުގަތަކުގައި ރަޝިޔާ ބަހުން ޑިމިޓްރީ ހިންގާ އެކައުންޓްތަކުގެ ޕޯސްޓުތައް ތަރުޖަމާކޮށްލުމުން ހާމަވަނީ، އޭނާ ދުވާލަކު 10،000 ކެލޮރީ އެތެރެކުރަމުން އައިސްފައިވާކަމެވެ. މީގެ އިތުރުން، އޭނާ މަސައްކަތްކުރަމުން އައީ ކުރު މުއްދަތެއްގެ ތެރޭގައި ގާތްގަނޑަކަށް 23 ކިލޯ ޖެއްސުމަށްކަން ވެސް އޭނާގެ ސޯޝަލް މީޑިޔާއިން ހާމަވެއެވެ. އޭނާގެ މި ލަނޑުދަނޑިއާ ދިމާއަށް ކުރި މަސައްކަތުގެ ތެރެއިން، މަސް ދުވަސް ތެރޭގައި އޭނާގެ ބަރުދަން ގާތްގަނޑަކަށް 14 ކިލޯ ވަނީ އިތުރުވެފައެވެ.
ޑިމިޓްރީ ޙިއްޞާކުރި ޕޯސްޓެއްގައި ބުނީ، އޭނާ ފެށުމަށް ތައްޔާރުވަމުން އަންނަ ބަރުދަން ލުއިކުރުމުގެ ކޯހުގައި ޚާއްޞަ އިނާމުތައް ލިބުމުގެ އިތުރުން، ހަށިގަނޑުގެ ރޫފައާއި ޞޫރަ ރީތިކުރުމަށް މަގުފަހިވާނެކަމަށެވެ. އޭނާ ބުނީ، އޭނާ ބަރުވުމަށް މަސައްކަތްކުރަނީ، މި ޕްރޮގްރާމްގެ ބައިވެރީންނާ އެކު ހިކުމުގައި ޚުދު އޭނާ ވެސް ބައިވެރިވުމަށްޓަކައި ކަމަށެވެ. މިއީ އޭނާ ތަމްރީނު ދޭ ފަރާތްތަކަށް ހިތްވަރުދިނުމަށް ކުރާ ކަމެއް ކަމުގައި ވެސް ޑިމިޓްރީ ވަނީ ބުނެފައެވެ.
މި ނޮވެންބަރު މަހުގެ 18ވަނަ ދުވަހު ޑިމިޓްރީ ހާމަކުރީ، އޭނާގެ ބަރުދަން 103 ކިލޯއަށް އުފުލިފައިވާ ކަމެވެ. އޭނާ ހަށިގަނޑަށް އެތެރެކުރަމުން އައީ ޞިއްޙަތަށް ގެއްލުން ހުރި، ފެޓްސްގެ މާއްދާ ނުހަނު ގިނައިން އެކުލެވޭ ކާނާތަކެވެ. މިސާލަކަށް، އޭނާ ހެނދުނު ސަޔަށް ބޭނުންކުރަނީ ތެލުލި ކާނާ އާއި ބޮޑު ކޭކެއްގެ ދެބައިކުޅަ އެއްބައި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާ ރޭގަނޑުގެ ކެއުމަށް ކަނީ ދެ ޕިއްޒާއެވެ. އަދި އެ ދޭތެރޭގައި އަބަދު ވެސް ހުންނަނީ ކޫސަނި ޖަންކް ފޫޑް ކާލަކާލައެވެ.
ޑިމިޓްރީ މަރުވުމުގެ ކުރިން، އޭނާނެ ޠަބީޢީ ޙާލަތު ވަނީ ޚަރާބުވެފައެވެ. ވީމާ، އޭނާގެ ޓްރޭނިންގ ސެޝަންތައް މަދުކޮށް، އޭނާއަށް ޞިއްޙީ ފަރުވާ ބޭނުންވެދާނެ ކަމަށް ރައްޓެހީން ގާތުގައި ވެސް ވަނީ ބުނެފައެވެ. ޙާލަތު މިހެން އޮއްވައި އޭނާ މަރުވީ، ނިދާފައި ވަނިކޮށް، ހިތް ހުއްޓުމުގެ ސަބަބުންނެވެ.
ކެއިމުގެ މިންވަރު ކުއްލިގޮތަކަށް އިންތިހާއަށް އިތުރުކުރުމަކީ ހަށިގަނޑަށް ވަރަށް ގެއްލުންދެނިވި ޢަމަލެއް ކަމަށް ޞިއްޙީ މާހިރުން ކިޔައިދެއްވައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ބޮޑެތި ހަށިގަނޑުތަކަށް ލޭ ފޮނުވައިދިނުމަށް ހިތުން ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހެއެވެ. ވީމާ، އިންސާނާގެ ބަރުދަން ކުއްލިއަކަށް އިތުރުވުމުން، އާ ބަރުދަނަށް އަހުލުވެރިވުމުގެ ފުރުޞަތު މީހާގެ ހިތަކަށެއް ނުލިބެއެވެ.
ޑިމިޓްރީގެ މަރާ ވިދިގެން، ނުރައްކާތެރި ކެއިމުގެ ޢާދަތަކާއި ބަރުދަން އިތުރުކުރުމުގެ ޗެލެންޖްތަކާ ބެހޭ ގޮތުން ގިނަ ބަޔަކު ދަނީ ޚިޔާލު ފާޅުކުރަމުންނެވެ. ޚާއްޞަ ގޮތެއްގައި އިންޓަރނެޓުގައި މީހުންގެ ސަމާލުކަން ދަމައިގަތުމަށް ކުރާ މި ފަދަ ކަންކަމަކީ ވަރަށް ބިރުވެރި ޢަމަލުތަކެއް ކަން، ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
🇷🇺 Famous fitness blogger from Orenburg died after a gaining weight marathon, eating only fast food 🍔
— Lord Bebo (@MyLordBebo) November 26, 2025
30y.o. Dmitry Nuyanzin decided to gain weight rapidly to show his followers he could lose weight quickly & efficiently. He also promised to pay 10,000 rubles to those weighing… pic.twitter.com/V6089REoAq