ދުނިޔެ / ވިޔަފާރި
އެޕަލްގެ އުފެއްދުންތަކުގައި ހަނގުރާމައިގެ ސަރަހައްދުތަކުގެ މައުދަންތައް ބޭނުންކުރާކަމުގެ ތުހުމަތު!
ކޮންގޯއަށް ނިސްބަތްވާ ބައެއް ފަރާތްތައް އެޕަލް ގެ އޮފީސް ބޭރުގައި އަޑުއުފުލުން ފޮޓޯޅ އިންޓަނެޓް
އެމެރިކާގެ ވޮޝިންޓަން ޑީ.ސީ.ގައި ހަރަކާތްތެރިވާ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމާޢަތެއް ކަމަށްވާ އިންޓަރނޭޝަނަލް ރައިޓްސް އެޑްވޮކޭޓްސް އިން، އެޕަލް ކުންފުންޏާ ދެކޮޅަށް އައު ދަޢުވާއެއް ހުށަހަޅައިފިއެވެ. މި ދަޢުވާގައި ތުހުމަތުކުރަނީ، އައިފޯން އުފައްދާ އެޕަލް ކުންފުނިން އެކަން ދޮގުކުރި ނަމަވެސް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އަދި ރުވާންޑާގައި ހިނގާ ހަނގުރާމަތަކާއި އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައުދަން ބޭނުންކުރަމުންދާ ކަމަށެވެ.
ވޮޝިންޓަން ޑީ.ސީ.ގައި ހުންނަ ސުޕީރިއަރ ކޯޓް އޮފް ދަ ޑިސްޓްރިކްޓް އޮފް ކޮލަންބިއާގައި މިދިޔަ އަންގާރަ ދުވަހު ހުށަހެޅި މި ދަޢުވާގައި ބުނެފައިވަނީ، އެޕަލްގެ ސަޕްލައި ޗެއިންގައި ކޮބަލްޓް، ޓިން، ޓެންޓަލަމް، އަދި ޓަންގްސްޓަން ފަދަ މައުދަންތައް އަދިވެސް ހިމެނޭ ކަމަށެވެ. މި މައުދަންތަކަކީ ޑީއާރުސީ އަދި ރުވާންޑާގައި ހިނގާ ކުޑަކުދިންނާއި މަޖުބޫރުކޮށްގެން ހިންގާ ލޭބަރުންގެ މަސައްކަތުގެ އިތުރުން ހަނގުރާމަވެރި ހަތިޔާރުއެޅި ގުރޫޕުތަކާ ގުޅުންހުރި މައުދަންތަކެއް ކަމަށް ދަޢުވާގައިވެއެވެ.
މި ދަޢުވާގެ ކުރިންވެސް އައިއާރްއޭ އިންވަނީ ޓެސްލާ، އެޕަލް، އަދި އެހެނިހެން ޓެކް ކުންފުނިތަކާ ދެކޮޅަށް ކޮބަލްޓް ހޯދުމުގެ މައްސަލަތަކެއް ހުށަހަޅާފައެވެ. ނަމަވެސް އެމެރިކާގެ ކޯޓުތަކުން އެ މައްސަލަތައް މިދިޔަ އަހަރު ބާތިލްކޮށްފައިވެއެވެ. އަދި ޑީއާރުސީއިން އެޕަލްގެ ދަށުކުންފުނިތަކާ ދެކޮޅަށް ފްރާންސްގައި ހުށަހެޅި މައްސަލައެއްވެސް ހެކި ނެތުމުގެ ސަބަބުން މިދިޔަ ޑިސެމްބަރު މަހު ފްރާންސްގެ ޕްރޮސެކިއުޓަރުން ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް ބެލްޖިއަމްގައި ހިނގަމުންދާ ކުށުގެ ތުހުމަތުގައި ހުށަހެޅި މައްސަލައެއް އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ޑީއާރުސީގެ ގާނޫނީ މައްސަލަތަކަށް ރައްދުދެމުން އެޕަލްއިން ވަނީ އެއްވެސް ކުށެއް ނުކުރާކަމަށް ބުނެފައެވެ. އަދި އެޕަލްގެ ސަޕްލަޔަރުންނަށް ޑީއާރުސީ އަދި ކައިރީގައިވާ ރުވާންޑާއިން މައުދަން ނުހޯދުމަށް އަންގާފައިވާ ކަމަށްވެސް އެޕަލްއިން ބުނެފައިވެއެވެ. އެޕަލްއިން މިފަހުގެ ދަޢުވާއާ ގުޅިގެން ވަގުތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
އައިއާރްއޭއިން ހުށަހެޅި ދަޢުވާގައި ބުނެފައިވާ ގޮތުން، ޗައިނާގެ ތިން ފެކްޓަރީއެއް ކަމަށްވާ ނިންގްޒިއާ އޮރިއެންޓް ، ޖިއުޖިއަންގް ޖިންޒިން އަދި ޖިއުޖިއަންގް ޓެންބްރީ އިން ވަނީ ކޮލްޓަން ޕްރޮސެސް ކޮށްފައެވެ. މި ކޮލްޓަންއަކީ ޑީއާރުސީގެ އިރުމަތީގައި ހަނގުރާމަވެރި ގުރޫޕުތަކުން ރޯމާގެ ކަނޑުތައް ހިފުމަށްފަހު ރުވާންޑާ މެދުވެރިކޮށް އެތެރެކުރި ކޮލްޓަން ކަމަށް އދ. އަދި ގްލޯބަލް ވިޓްނެސްގެ ތަހުގީގުތަކުން ދައްކާ ކަމަށް ދަޢުވާގައިވެއެވެ. އަދި މި މައުދަންތަކަކީ އެޕަލްގެ ސަޕްލައި ޗެއިންއާ ގުޅުންހުރި މައުދަން ކަމަށްވެސް ބުނެފައިވެއެވެ.
ދަޢުވާގައި އިތުރަށް ބުނެފައިވަނީ 2025 ވަނަ އަހަރު ޝާއިއުކުރެވުނު ނޮޓިންގހަމް ޔުނިވަރސިޓީގެ ދިރާސާއެއްގައި، އެޕަލްގެ ސަޕްލަޔަރުންނާ ގުޅުންހުރި ޑީއާރުސީގެ ސަރަހައްދުތަކުން މަޖުބޫރުކޮށްފައިވާ ލޭބަރުން އަދި ލޭބަރުން ގޮތުގައި ކުދަކުދިން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ދަޢުވާގެ މަޤްސަދަކީ، އެޕަލްގެ އަމަލުތަކަކީ ކޮންސިއުމަރުން ރައްކާތެރިކުރުމުގެ ގާނޫނާ ޚިލާފު އަމަލެއް ކަމަށް ކޯޓުން ކަނޑައެޅުމާއި، އޮޅުވާލާ މާކެޓިން ހުއްޓުވުމަށް އަމުރެއް ނެރުމާއި، ގާނޫނީ ޚަރަދުތައް އަނބުރާ ދިނުމެވެ. ނަމަވެސް ފައިސާގެ ބަދަލެއް ނުވަތަ ކްލާސް ސެޓިފިކޭޝަންއެއް މި ދަޢުވާގައި ހޯދާފައެއް ނުވެއެވެ. ނިންގްޒިއާ އޮރިއެންޓް، ޖިއުޖިއަންގް ޖިންޒިން އަދި ޖިއުޖިއަންގް ޓެންބްރީ އިންވެސް މިފަހުގެ ތުހުމަތުތަކާ ގުޅިގެން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.