ޚަބަރު
ކުނި މެނޭޖްކުރުމާ ގުޅޭ ހުރިހާ މަޢުލޫމާތެއް ހިމެނޭ ޑޭޓާ ބޭސްއެއެއް ތަޢާރަފްކޮށްފި
ކުނި މެނޭޖްކުރުމާ ގުޅޭ ހުރިހާ މަޢުލޫމާތެއް ހިމެނޭ ޑޭޓާ ބޭސް އިފްތިތާޙުކުރުން / ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ
ފަރުދުން
27 ނޮވެމްބަރު 2025، 10:10
27 ނޮވެމްބަރު 2025، 10:10
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން، ކުނި މެނޭޖްކުރުމާ ގުޅޭ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެ ޑޭޓާ ބޭސްއެއް ތަޢާރަފު ކޮށްފިއެވެ.
"އުކާލާ ތަކެތީގެ ހިސާބު" ކުރުކޮށްލުމަށްފަހު "އުތަހި"ގެ ނަމުގައި ތަޢާރަފު ކުރި މި ޑޭޓާ ބޭސްއަކީ އޮންލައިންކޮށް ބަލާލެވޭގޮތަށް ހަދާފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކުނި މެނޭޖުކުރުމުގެ ޤާނޫނު ބުނާގޮތުން ކުނި މެނޭޖުކުރުމުގެ މަޢުލޫމާތުގެ ރެކޯޑު ބެލެހެއްޓުމާއި، ރިޕޯޓުކުރުން ކުނި މެނޭޖުކުރާ ފަރާތްތަކަށް ލާޒިމުކަމެކެވެ. އެހެންކަމުން މި ޕްލެޓްފޯމަކީ، އެ ކަމަށް މަގު ފަހިކޮށްދިނުމަށާއި އެ ވުޒާރާގެ މެންޑޭޓްގައި ހިމެނޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ދަށުން އެއްކުރަންޖެހޭ މަޢުލޫމާތު ރައްކާކުރުމުގެ އިތުރުން، އެ ދާއިރާއާ ގުޅުންހުރި ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެނަލައިޒް ކުރުމުގެ ބޭނުމުގައި ތަޢާރަފު ކުރެވުނު ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ހިންގަމުންދާ 'އިނީޝިއޭޓިވް ފޯ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ މޯލްޑިވްސް' (އައިކެޓް) ޕްރޮޖެކްޓް، އަދި ސައުތު އޭޝިއާ ކޯ-އޮޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް)ގެ ޕްލާސްޓިކް ފްރީ ރިވާސް އެންޑް ސީސްފޯ ސައުތު އޭޝިއާ (ޕްލީޒް) ޕްރޮޖެކްޓްގެ ފަންނީ އެހީތެރިކަމާއެކުއެވެ. މި ޕްލެޓްފޯމްގެ އެހީގައި ދިވެހިރާއްޖޭގައި އުފައްދާ ކުންޏާއި ބެހޭ ތަފާސްހިސާބުތައް ރެކޯޑުކުރެވި، ކުނީގެ ޒަރީޢާއިން ޖައްވަށް ބޭރުވާ ގްރީންހައުސް ގޭސްގެ މިންވަރު ދެނެގަނެވޭނެ ކަމުގައި އެ ވުޒާރާއިން މަޢލޫމާތު ދެއެވެ.
Introducing Uthahi — Maldives’ new unified digital platform for all waste related data management. The platform includes an admin portal, a waste tracking system, and a citizen app, which will soon be available on Android and iOS. pic.twitter.com/A3UciyzDtn
— Ministry of Tourism and Environment (@MoTmv) November 26, 2025
މި ޕްލެޓްފޯމްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެޑްމިން ޕޯޓަލްއަކާއި ކުނި ޓްރެކްކުރާ ސިސްޓަމެއްގެ އިތުރުން، ޢާއްމު ރައްޔިތުންނަށް އަމާޒުކޮށް ފަރުމާކޮށްފައިވާ ސިޓިޒަން އެޕެއްކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. މި ސިޓިޒަން އެޕަކީ އެންޑްރޮއިޑާއި އޯއެސް ސިސްޓަމްތަކުގައި ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ އެޕެކެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެޑްމިން ޕޯޓަލްއިން ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބާތްތަކާއި މިންވަރުތައް ދެނެގަނެވުމުގެ އިތުރުން، އެ މަރުކަޒުތަކުގައި ބޭނުންކުރާ މެޝިނަރީސްގެ މަޢުލޫމާތު އޭގެ އޮޕަރޭޝަނަލް ސްޓޭޓަސް އާއެކު ފެންނަން ހުންނާނެއެވެ.
އަދި ކުނިކޮށީގައި ނައްތާލެވޭ ކުނީގެ މިންވަރު އަދި ނައްތާލެވޭ ގޮތްތަކާއި، މަރުކަޒުތަކަށް ގެންދެވޭ ކުނީގެ ބާވަތްތައް އަދި އެނޫންވެސް މަޢުލޫމާތުތަކުގެ ރިޕޯޓާއި، އެއްތަނުން އަނެއްތަނަށް ގެންދެވޭ ކުނީގެ ހަރަކާތްތައް ދެނެގަނެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ. އެގޮތުން ކުނި އުފުލާ އުޅަނދު ސިސްޓަމްގައި ރެޖިސްޓާ ކުރެވި، އުޅަނދުގެ ތަފްސީލާއި ޓައިމް ސްޓޭންޕްގެ ތަފްސީލާއި، އުޅަނދު ދަތުރުކުރާ މަގު އަދި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އެންމެ ތެޔޮ ޚަރަދު ކުޑަކޮށް ދަތުރު ކުރެވޭނެ މަގު ވެސް ޓްރެކްކުރެވޭނެކަމަށް ހާމަކޮށްފައި ވެއެވެ.
ސިޓިޒަން އެޕްލިކޭޝަނުން އާންމު ރައްޔިރުންނަށް ފަސޭހަކަމާއިއެކު ކުނި ނަގަން ކަނޑައަޅާފައިވާ ތާވަލު ފެންނާނެހެން "ވޭސްޓް ކަލަންޑަރ" ވަނީ ފަރުމާކޮށްފައެވެ. މިއީ ކޮންމެ ރަށަކަށްވެސް އެ ރަށެއްގެ ކުނި ނެގުމުގެ ތާވަލް ކަސްޓަމައިޒް ކުރެވޭނެގޮތަށް ތައްޔާރުކުރެވިފައިވާ ނިޒާމެކެވެ. އަދި ކުންޏާއި ގުޅޭ ޝަކުވާތަކާއި މައްސަލަތައް ރިޕޯޓްކުރުމުގެ ފީޗާރ އެއްވެސް މި އެޕްލިކޭޝަންގައި ޤާއިމުކޮސްފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. އެގޮތުން އާންމުންނަށް ހިނގާ ބިނގާވެއުޅުން ދަތިވާނެހެން މަގުމައްޗަށް އަޅާފައި ހުންނަ ކުނިތަކުގެ މަޢުލޫމާތު ފޮޓޯއާއެކު މި އެޕްލިކޭޝަން މެދުވެރިކޮށް ރިޕޯޓްކުރެވޭނެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ވުޒާރައިން މަސައްކަތްކުރަމުންދަނީ ސިޓިޒަން އެޕްލިކޭޝަން ޑިސެމްބަރު މަހުގެ ކުރީކޮޅު ޢާއްމުންނަށް ހުޅުވާލުމަށެވެ.