ދުނިޔެ

އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަނުގެ މަޤްޞަދަކީ ބިމުގެ ޙަޤީޤަތް ބަދަލުކުރުން: ޠޫބާސްގެ ގަވަރުނަރު

އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަނުގެ މަޤްޞަދަކީ ބިމުގެ ޙަޤީޤަތް ބަދަލުކުރުން: ޠޫބާސްގެ ގަވަރުނަރު

ހުޅަނގުއައްސޭރީގައި އިޒްރާއިލް ސިފައިން ހަރަކާތްތެރިވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ނޮވެމްބަރު 2025، 09:06

26 ނޮވެމްބަރު 2025، 09:06

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އުތުރުގައިވާ ޠޫބާސް ޕްރޮވިންސްގައި އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނަކީ ސިޔާސީ އޮޕަރޭޝަނެއް ކަމަށާއި، އެކަމުގެ މަޤްޞަދަކީ ބިމުގެ ޙަޤީޤަތް ބަދަލުކޮށް، 1970 ގެ އަހަރުތަކުގައި ހުށަހެޅި 'އަލޯން ސެޓްލްމަންޓް ޕްލޭން' ތަންފީޒުކުރުން ކަމަށް ޠޫބާސްގެ ގަވަރުނަރު އަޙްމަދު އަލްއަސްޢަދު ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާ ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި އަލްއަސްޢަދު ވިދާޅުވީ، މި ޕްލޭނުގެ ދަށުން ހުޅަނގު އައްސޭރީގެ ތިންބައިކުޅަ އެއްބައި އިޒްރޭލާ ގުޅުވައިލުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ، އިޒްރޭލުގެ މި ބޮޑު އަސްކަރީ އޮޕަރޭޝަން ޠޫބާސްގައި ފަށާފައިވަނީ ފަތިހު 4:00ގައި ކަމަށާއި، އިޙްތިލާލުކުރާ ފަރާތުން ވަނީ ޕްރޮވިންސްގެ ހުރިހާ ސަރަޙައްދެއްގައި ކާފިއު ހިންގައިފައެވެ. އަދި ސިޓީގައި އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކުރުމުގެ މަގުތައް ވަނީ ކަނޑާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަލްއަސްޢަދު ވިދާޅުވީ، 410 އަކަކިލޯމީޓަރުގެ ބޮޑުމިނުގެ ޠޫބާސްގެ ދެބައިކުޅަ އެއްބައި މިހާރުވެސް އިޒްރޭލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މިހާރުގެ އޮޕަރޭޝަނުގެ މަޤްޞަދަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ސްޓްރެޓީޖިކް މަޤްޞަދަށް އަސަރުކުރާނެ ޙަޤީޤަތްތައް ބިމުގައި ތަންފީޒުކުރުން ކަމަށެވެ.

ޠޫބާސް އަކީ ސަލާމަތީ، އަސްކަރީ އަދި އިޤްތިޞާދީ ގޮތުން މުހިންމު ސަރަޙައްދެއް ކަމަށާއި، ހުޅަނގު އައްސޭރީގެ ދެވަނައަށް އެންމެ ބޮޑު ފެނުގެ މަސްދަރު އެ ސަރަޙައްދުގައި ހިމެނޭ ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ. 

އިޒްރޭލުގެ އާ ޕްލޭނުގައި ހިމެނެނީ އުރުދުން ކޯރުން ފެށިގެން ޠޫބާސްއާ ހަމައަށްވާ ސަރަޙައްދުތައް އެއްކޮށް ބާރުގެ ދަށަށް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަލްއަސްޢަދު ވިދާޅުވީ، ޠޫބާސްގައި އިޒްރޭލުން މިހާރު ހިންގާ އޮޕަރޭޝަނަށް ޚާއްޞަކުރި އަސްކަރީ ބާރުގެ ބޮޑުކަމުންވެސް ދޭހަވަނީ މިއީ ސިޔާސީ އޮޕަރޭޝަނެއް ކަމަށާއި، އެކަން އިޒްރޭލުގެ ކުރިއަށް އޮތް އިންތިޚާބުތަކާ ގުޅުންހުރި ކަމަށެވެ.

އިޒްރޭލުން ދަޢުވާކުރާ ގޮތުގައި، މި އޮޕަރޭޝަން ހިންގަނީ ފަލަސްޠީނުގެ ހަތިޔާރުއެޅި ފަރާތްތަކަށް އަލުން އިންތިޒާމުވުމުގެ ފުރުޞަތު ނުދިނުމަށް ކަމަށް ބުނެފައިވާ ދަޢުވާ އޭނާ ދޮގުކުރެއްވިއެވެ. އަލްއަސްޢަދު ވިދާޅުވީ، އިޙްތިލާލުކުރާ ފަރާތުން އަބަދުވެސް ދޮގުހަދާ ކަމަށާއި، ހުޅަނގު އައްސޭރީގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ޣައްޒާގައި އަދި އިޙްތިލާލުކުރެވިފައިވާ ޤުދުސްގައި ހިނގާ ކަންކަމާ އެއްގޮތް ކަންކަން ކަމަށެވެ. އަދި ޣައްޒާގައި ހިންގާ ޤަތުލުއާންމުތަކަށް އެއްވެސް ބަހަނާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ގަވަރުނަރު އިޝާރާތްކުރެއްވި ގޮތުގައި، ހުޅަނގު އައްސޭރީގައި އިޒްރޭލުން އަންނަނީ ހުޅަނގު އައްސޭރި އިޒްރާއިލަށް ނެގުމަށް ނިންމި ނިންމުން ތަންފީޒުކުރަމުންނެވެ.

 ނަމަވެސް، އިޙްތިލާލުކުރާ ފަރާތުން ނިންމާ ކޮންމެ ނިންމުމެއް ބިމުގައި ތަންފީޒު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން 1968 ވަނަ އަހަރު އިރުމަތީ ޤުދުސް ބައިވެރިކުރުމަށް ނިންމި ނަމަވެސް، އެ ސަރަޙައްދު އަދިވެސް ޢަރަބި ސަރަޙައްދެއްގެ ގޮތުގައި ބާކީ އޮތް ކަން އޭނާ ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން