ދުނިޔެ
އަފްޣާނިސްތާނަށް ބޮމުގެ ހަމަލާތަކެއް ދީފި، އަފްޣާނިސްތާނުން ބުނަނީ ޕާކިސްތާނުން ކަމަށް!
އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދު
އަފްޣާނިސްތާނުގެ ދެކުނު އިރުމަތީ ކޮސްތު ޕްރޮވިންސްގައި ހުންނަ ގެއަކަށް ބޮމުގެ ހަމަލާއެއް ދީފިއެވެ.
މި ހަމަލާގައި މަދުވެގެން ނުވަ ކުދިންނާއި އަންހެނަކު މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު އަންގާރަ ދުވަހު ވިދާޅުވީ، މި ހަމަލާ ދީފައިވަނީ ކޮސްތު ޕްރޮވިންސްގެ ގުރްބުޒް ޑިސްޓްރިކްޓްގައި ކަމަށެވެ.
މިފަދަ ހަމަލާތަކަކީ ދެ ޤައުމުގެ ދެމެދުގައި އަލުން ހަނގާރަ ފެށުމުގެ ނުރައްކާ އޮތް ކަމެއް ކަމަށާއި، މި ހަމަލާ އައިސްފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ވަރަށް ބަލިކަށި ހާލަތެއްގައި އޮތް ދަނޑިވަޅެއްގައެވެ. ދެ ފަރާތުން ވެސް ވާހަކަ ދެއްކުންތައް ހުއްޓިފައިވާ ކަމަށް ތުހުމަތުކުރެއެވެ.
މުޖާހިދު އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި، "ޕާކިސްތާނުގެ އަސްކަރީ ބާރުތަކުން ވަނީ އެ ސަރަހައްދުގެ ރައްޔިތެއް ކަމަށްވާ ގާޒީ މީރުގެ ދަރި ވަލިއަތު ޚާންގެ ގެއަށް ބޮން އަޅާފައި" އެވެ. އޭނާ އިތުރަށް ވިދާޅުވީ، "ނަތީޖާއެއްގެ ގޮތުން ނުވަ ކުދިން [ފަސް ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިން] އަދި އެއް އަންހެނަކު ޝަހީދުވެ، އޭނާގެ ގެ ވަނީ ހަލާކުވެފައި" ކަމަށެވެ.
މުޖާހިދު ވިދާޅުވީ، އިތުރު ވައިގެ ހަމަލާތައް އިރުއުތުރު ކުނާރާއި އިރުމަތީ ޕަކްޓިކާ ޕްރޮވިންސްތަކަށް ވެސް ދީފައިވާ ކަމަށާއި، އެ ހަމަލާތަކުގައި މަދުވެގެން ހަތަރު އާންމު ރައްޔިތަކަށް އަނިޔާވެފައިވާ ކަމަށެވެ.
އަފްޣާނިސްތާނުން މިހަމަލާގެ ތުހުމަތުގެ އިނގިލި ޕާކިސްތާނަށް ކުރިނަމަވެސް ޕާކިސްތާނުން އަދި މިހަމަލާއާއި ގުޅިގެން ރަސްމީ އަދި ނުަރަސްމީ ގޮތެއްގައިވެސް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.
އަފްޣާނިސްތާނަށް ދިން މި ބޮމުގެ ހަމަލާ އައިސްފައިވަނީ، ޕާކިސްތާނުގެ ފެޑެރަލް ކޮންސްޓަބިއުލަރީގެ މައި މަރުކަޒަށް އަމާޒުކޮށް ޕިޝާވަރުގައި ދިން އަމިއްލައަށް މަރުވާ ބޮމުގެ ހަމަލާއަށް ފަހު ދުވަހެއްގައެވެ. އެ ހަމަލާގެ ޒިންމާ ނަގާފައިވަނީ ޕާކިސްތާން ތާލިބާން (ޓީޓީޕީ) ގެ ބައިކުރި ގްރޫޕެއް ކަމަށްވާ ޖަމާއަތު-އުލް-އަހުރާރުންނެވެ. ޕާކިސްތާނުގެ ސްޓޭޓް ބްރޯޑްކާސްޓަރު ޕީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާ ދިން މީހުންނަކީ އަފްޣާން ރައްޔިތުންނެވެ.
ރައީސް އާސިފް ޒަރުދާރީ ވަނީ އެ ހަމަލާގެ ތުހުމަތު "އަޖްނަބީންގެ އެހީގައި ހިންގާ ފިތުނަ އަލް-ޚަވާރިޖް" އަށް ކުރައްވާފައެވެ. މިއީ އަފްޣާނިސްތާނުގެ ބިމުން ހަރަކާތްތެރިވާ ބައެއް ކަމަށް ތުހުމަތުކުރާ ޓީޓީޕީގެ ހަނގުރާމަވެރިންނަށް އިސްލާމްއާބާދުން ދީފައިވާ ނަމެކެވެ. މި މަހުގެ ކުރީކޮޅު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ދިން އިތުރު ޖާނުން ފިދާވުމުގެ ހަމަލާއެއްގައި މަދުވެގެން 12 މީހުން މަރުވިއިރު، އެ ހަމަލާގެ ޒިންމާ ވެސް ނަގާފައިވަނީ ޕާކިސްތާން ތާލިބާނުގެ ބައިކުރި ފެކްޝަނަކުންނެވެ.
ޕާކިސްތާނުން ތުހުމަތުކުރަނީ އެ ހަމަލާ ދިނީ "އަފްޣާނިސްތާނުގައި ގާއިމުވެފައިވާ މަތީ ކޮމާންޑުން ކޮންމެ ފިޔަވަޅެއްގައި ވެސް އިރުޝާދު ދީފައިވާ" ސެލްއަކުން ކަމަށެވެ.
2021 ވަނަ އަހަރު ތާލިބާނުން އަލުން ވެރިކަމަށް އައި ފަހުން ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދުގެ ގުޅުން ވަނީ ވަރަށް ގޯސްވެފައެވެ. މި ގުޅުން އިތުރަށް ގޯސްވީ އޮކްޓޯބަރު މަހު ބޯޑަރު ސަރަހައްދުގައި ދެ ފަރާތުން 70 އެއްހާ މީހުން މަރުވި ހަމަނުޖެހުންތަކަށް ފަހުގައެވެ. ޤަތަރާއި ތުރުކީގެ މެދުވެރިކަމާއެކު މި ހަނގުރާމަ ހުއްޓާލި ނަމަވެސް، އިސްތަންބޫލްގައި ބޭއްވި ވާހަކަތަކުން ދާއިމީ އެއްބަސްވުމެއް ނުހޯދުނެވެ. ސަލާމަތީ ކަންކަމާއި، ޚާއްޞަކޮށް ކާބުލްއިން ޓީޓީޕީގެ ހަނގުރާމަވެރިން ކޮންޓްރޯލް ކުރުމަށް ޕާކިސްތާނުން އެދޭ އެދުންތަކަކީ ވާހަކަ ދެއްކުންތަކަށް ހުރަސް އެޅޭ ކަމެއްގެ ގޮތުގައި ދެކެއެވެ.
ޕާކިސްތާނުން ތުހުމަތުކުރަނީ ތާލިބާނުން ޓީޓީޕީ ވެސް ހިމެނޭ ގޮތަށް އެތައް އަހަރެއް ވަންދެން އެ ޤައުމާ ދެކޮޅަށް ހިންގާ ހަމަލާތަކުގެ ފަހަތުގައިވާ ހަނގުރާމަވެރިންނަށް ހިޔާވަހިކަން ދޭ ކަމަށެވެ. އަފްޣާނިސްތާނުން މި ތުހުމަތުތައް ދޮގުކުރާއިރު، ޕާކިސްތާނުން އެ ޤައުމާ ދެކޮޅު ގްރޫޕްތަކަށް ހިޔާވަހިކަން ދީ، އެ ޤައުމުގެ ސަރަހައްދީ ބާރަށް އިޚްތިރާމް ނުކުރާ ކަމަށް ތުހުމަތުކުރެއެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ގޯސްވެ، ސަރަހައްދީ ހަމަޖެހުން ގެއްލިގެން ދިއުމުގެ ބިރު ބޮޑެވެ.