ދުނިޔެ

ބަންގްލަދޭޝް އިން އިންޑިއާގައި ހުރި ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ ހަވާލުކުރުމަށް އެދިއްޖެ

ބަންގްލަދޭޝް އިން އިންޑިއާގައި ހުރި ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ ހަވާލުކުރުމަށް އެދިއްޖެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ނޮވެމްބަރު 2025، 03:05

24 ނޮވެމްބަރު 2025، 03:05

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ، އިންޑިއާގައި ފިލައިގެން ހުންނަވާތީ، އެކަމަނާ ހަވާލުކުރުމަށް އަނެއްކާވެސް އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ. 

 ޙަސީނާގެ މައްޗަށް މިދިޔަ އަހަރުގެ ތެރޭގައި ދަރިވަރުން އިސްވެގެން ހިންގި މުޒާހަރާތަކުގައި ހިންގި ލޭއޮހޮރުވުންތަކާ ގުޅިގެން، ޣައިރު ޙާޟިރުގައި މަރުގެ ޙުކުމް ވަނީ އިއްވާފައެވެ.

ބަންގްލަދޭޝްގެ ވަގުތީ އިދާރާގެ ފޮރިން އެފެއާޒް ޕޯޓްފޯލިއޯ ހަވާލުވެ ހުންނެވި ތައުޙީދު ޙުސައިން އާދިއްތަ ދުވަހު ވިދާޅުވީ، ކުރީގެ ބޮޑުވަޒީރު ހަވާލުކުރުމަށް އެދި ނިއުދިއްލީއަށް ދެ ދުވަސް ކުރިން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އުމުރުފުޅުން 78 އަހަރުގެ ޙަސީނާ، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރެވުމާ ހަމައަށް 15 އަހަރު ވަންދެން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރެއްވިއިރު، އިންޑިއާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އދ. އިން ބުނާ ގޮތުގައި މި މުޒާހަރާތަކުގައި 1,400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ހޯމަ ދުވަހު، ޑާކާގައި ހުންނަ ޚާއްސަ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން ވަނީ ޙަސީނާގެ މައްޗަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ކުށް ސާބިތުކޮށް، މަރުގެ ޙުކުމް އިއްވާފައެވެ. ސުލްޙައިގެ ނޯބެލް އިނާމު ލިބިވަޑައިގެންފައިވާ މުޙައްމަދު ޔޫނުސް އިސްވެ ހުންނަވައިގެން ހިންގާ ވަގުތީ ސަރުކާރުގެ މުހިންމު ވައުދެއް މި ޙުކުމާ އެކު ވަނީ ފުރިހަމަވެފައެވެ. ކޯޓުގެ ޙުކުމަށްފަހު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2013 ވަނަ އަހަރު ސޮއިކޮށްފައިވާ ދެގައުމުގެ މެދުގައިވާ އެކްސްޓްރެޑިޝަން އެއްބަސްވުމުގެ ދަށުން ކުރީގެ ލީޑަރު އަނބުރާ ހަވާލުކުރުމަކީ އިންޑިއާގެ މައްޗަށް ވާޖިބުވާ ކަމެއް ކަމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ، ޙަސީނާ ބެހެއްޓުމަކީ "އިދިކޮޅު ޢަމަލެއް" ކަމަށާއި، "އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް ކުށްވެރިވެފައިވާ މިފަދަ ފަރާތްތަކަށް އެހެން ޤައުމަކުން ސިޔާސީ ހިމާޔަތް ދިނުމަކީ ޢަދުލު އިންސާފަށް ހުރި ހުރަހެއް" ކަމަށެވެ. 

އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ޙަސީނާގެ ޙުކުމް "ނޯޓްކޮށްފައި" ކަމަށް ބުނެ ޖަވާބުދާރީވެފައެވެ. ނަމަވެސް، އިންޑިއާއިން މިހާތަނަށް އެކަމަނާ ހަވާލުކުރުމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ބަންގްލަދޭޝްގެ ނޫސް "ޕްރޮތޮމް އަލޯ" އިން ބުނާ ގޮތުގައި ބަންގްލަދޭޝްއިން މިފަދަ ތިން އެދުމެއް މިހާތަނަށް ހުށަހަޅާފައިވެއެވެ.

ޙަސީނާއަށް އިންޑިއާއިން ކުރިން ދިން އެއްބާރުލުމުގެ ސަބަބުން، އޭނާގެ ވެރިކަން ބަދަލުވުމަށްފަހު ދެކުނު އޭޝިއާގެ މި ދެ އަވަށްޓެރި ޤައުމުގެ ގުޅުން ވަނީ ހީނަރުވެފައެވެ.

 ނަމަވެސް، ބަންގްލަދޭޝްގެ ޤައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރު ޚަލީލުއްރަޙްމާން މި ހަފްތާގައި ސަރަޙައްދީ ސަލާމަތުގެ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގެން، އެޤައުމުގެ ހަމަ އެ މަގާމުގެ އޮފިޝަލް އަޖިތު ދޯވަލްއާ ބައްދަލުކުރެއްވުމާ ގުޅިގެން ވެސް ވެސް، ދެ ޤައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ކުޑަވެފައިވާ ކަމަށް ފެނެއެވެ. ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވަނީ، ރަޙްމާން ވަނީ ދޯވަލްއަށް ބަންގްލަދޭޝްއަށް ދަތުރުކުރެއްވުމަށް ދައުވަތު އަރުވާފައި ކަމަށެވެ.

މުޒާހަރާތަކަށްފަހު ބަންގްލަދޭޝްގައި ބާއްވާ ފުރަތަމަ އާންމު އިންތިޚާބު އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޙަސީނާގެ ޕާޓީ، އަވާމީ ލީގަށް ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުން ވަނީ މަނާކުރެވިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން