ދުނިޔެ

ޕާކިސްތާނުގެ ޕެޝާވަރުގައި ސެކިއުރިޓީ ކޮމްޕްލެކްސްއަކަށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ތިން މީހަކު މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރުގައި ސެކިއުރިޓީ ކޮމްޕްލެކްސްއަކަށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ތިން މީހަކު މަރުވެއްޖެ

ޕޭޝަވަރުގައި ދިން ޖަނުންފިދާވުމުގެ ހަމަލާގައި ހަލާކުވެފައިވާ ކާރެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ނޮވެމްބަރު 2025، 12:12

24 ނޮވެމްބަރު 2025، 12:12

ޕާކިސްތާނުގެ ޕެޝާވަރު ސިޓީގައި ހުންނަ ޕެރަމިލިޓަރީ ފޯސްއެއްގެ މައި މަރުކަޒުގައި ޖާނުންފިދާވުމުގެ ތިން ހަމަލާދީ، އެންމެ މަދުވެގެން ތިން ސެކިއުރިޓީ އޮފިސަރުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

ދަ ޑޯން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެޑެރަލް ކޮންސްޓެބިއުލަރީ (އެފްސީ) ގެ މައި މަރުކަޒަށް ހޯމަ ދުވަހުގެ ފަތިހު ދިން މި ހަމަލާގައި، ހަމަލާދިން މީހުންގެ ތެރެއިން އެކަކު ވަނީ އެ ކޮމްޕްލެކްސްގެ ގޭޓް ކައިރީގައި އޭނާގެ ހަށިގަނޑުގައި ބޮން ގޮއްވާލާފައެވެ.

 އަނެއް ދެ މީހުން އެތެރެއަށް ވަނުމަށް މަސައްކަތްކުރި ނަމަވެސް، ސިފައިންގެ ހުޝިޔާރުކަމުގެ ސަބަބުން އެ ދެ މީހުންގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ.

ޕެޝާވަރު ކެޕިޓަލް ސިޓީގެ ފުލުހުންގެ އޮފިސަރު މިއަން ސައީދު އަހުމަދު ވިދާޅުވީ، "ފުރަތަމަ ތިން ހަނގުރާމަވެރިން މި މައި މަރުކަޒަށް ހަމަލާދޭން މަސައްކަތްކުރި. އެކަކު ގޭޓް ކައިރީގައި އޭނާގެ ހަށިގަނޑުގައި ބޮން ގޮއްވާލިއިރު، އަނެއް ދެ މީހުން އެތެރެއަށް ވަނުމަށް މަސައްކަތްކުރި ނަމަވެސް އެފްސީގެ ސިފައިން ވަނީ އެ ދެ މީހުން މަރާލާފައި،" ކަމަށެވެ. ދުންޔާ ނިއުސް ވެބްސައިޓުން ވެސް ސައީދާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި ތިން އެފްސީ އޮފިސަރުންނަކީ ގޭޓް ކައިރީގައި ޑިއުޓީގައި ތިބި މީހުންނެވެ. އެމީހުން މަރުވީ ބޮން ގޮއްވާލުމުގެ ސަބަބުންނެވެ.

ޕެޝާވަރުގެ ފުލުހުންގެ ޗީފް ސައީދު އަހުމަދު އެސޯސިއޭޓް ޕްރެސްއަށް ވިދާޅުވީ، ހަމަލާދިން ވަގުތު އެ މަރުކަޒުގެ ތެރޭގައި ހެނދުނުގެ ޕެރޭޑް ޑްރިލްސްއަށްޓަކައި ގިނަ އަދަދެއްގެ ސެކިއުރިޓީ ސިފައިން އެއްވެފައި ތިބި ކަމަށެވެ.

 "މިއަދުގެ ހަމަލާގައި ބައިވެރިވި ޓެރަރިސްޓުން އައީ ފައިމަގުގައި. އެމީހުންނަށް ޕެރޭޑް ސަރަހައްދާ ހަމައަށް ދެވޭ ގޮތެއް ނުވި. އަދި އަޅުގަނޑުމެންގެ ފައުޖުތަކުން ވަގުތަށް ދިން ރައްދު ދިނުމުގެ ސަބަބުން މާ ބޮޑު ހާދިސާއެއް ހިނގުން ވަނީ ހުއްޓުވާފައި،" އޭނާ ވިދާޅުވިއެވެ.

ޑޯން ނޫހުން ބުނާ ގޮތުގައި މި ހަމަލާގައި މަދުވެގެން ހަ އާންމު ރައްޔިތަކަށް ވެސް އަނިޔާވެފައިވާއިރު، އެމީހުންނަށް ޕެޝާވަރުގެ ލޭޑީ ރީޑިންގ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

 ހޮސްޕިޓަލްގެ ތަރުޖަމާނަކު ޑޯން ނޫހަށް ވިދާޅުވީ، އަނިޔާވި ހުރިހާ އެންމެންގެ ހާލު ރަނގަޅު ކަމަށެވެ. މި ހަމަލާގެ ސަބަބުން ލޭޑީ ރީޑިންގ ހޮސްޕިޓަލާއި ކައިބަރު ޓީޗިންގ ހޮސްޕިޓަލްގައި ވަނީ ކުއްލި ހާލަތު އިޢުލާނުކޮށްފައެވެ.

މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެއެވެ. ނަމަވެސް، މިފަދަ ހަމަލާތައް ދިނުމުގައި ޕާކިސްތާން ތާލިބާން (ތަހްރީކް-އީ-ތާލިބާން ޕާކިސްތާން ނުވަތަ ޓީޓީޕީ) ގެ ތުހުމަތު ވަނީ ކުރެވިފައެވެ. ޓީޓީޕީއަކީ އެފްޣާނިސްތާނުގެ ތާލިބާނާ ގުޅުން އޮންނަ ނަމަވެސް ވަކި ޖަމާއަތެކެވެ. މި ހަމަލާއަކީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފުލުހުންގެ ކާރަކާ ކައިރީގައި އަމިއްލަ މަރުގެ ބޮމެއް ގޮއްވާލައި 12 މީހުން މަރާލި ހާދިސާއަށް ދެ ހަފްތާ ނުވަނީސް ދިން ހަމަލާއެކެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ޕެޝާވަރުގެ ހަމަލާ ކުށްވެރިކުރައްވައި، ސެކިއުރިޓީ ފޯސްތަކުން ވަގުތަށް ދިން ރައްދު ފާހަގަކުރައްވާފައެވެ. 

ޝަރީފް ވިދާޅުވީ، "މި ހާދިސާގެ ފަހަތުގައި ތިބި ފަރާތްތައް އަވަހަށް ދެނެގަނެ، ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް. ޕާކިސްތާނުގެ ހަމަޖެހުމަށް ހުރަސްއަޅަން މަސައްކަތްކުރާ ޓެރަރިސްޓުންގެ ނުބައި ރޭވުންތައް އަޅުގަނޑުމެން ނާކާމިޔާބުކުރާނަން،" ކަމަށެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން