ދުނިޔެ
އިޒްރޭލުން ލުބްނާނުގެ ވެރިރަށަށް ދިން ހަމަލާއެއްގައި ހިޒްބުﷲގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލައިފި
އިޒްރާއިލުން ލުބްނާނަށް ދިން ހަމަލާގައި ހަލާކުވެފައިވާ އިމާރާތެއް
އިޒްރާއިލުން ލުބްނާނުގެ ވެރިރަށަށް ދިން ހަމަލާއެއްގައި ހިޒްބުﷲގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލައިފިއެވެ.
ހިޒްބުﷲ ޖަމާއަތުން ވަނީ އެޖަމާޢަތުގެެ އެންމެ އިސް އަސްކަރީ ކޮމާންޑަރު ހައިތަމް އަލީ ތަބާތަބާއީ، ލުބްނާނުގެ ވެރިރަށަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފިކަން ކަށަވަރުކޮށްދީފައެވެ.
މި ހަމަލާގައި މަދުވެގެން ފަސް މީހުން ުޝަހީދުކޮށްލައިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ފަހު އިޒްރޭލުން ޝަހީދުކޮށްލި ހިޒްބުﷲގެ އެންމެ އިސް ކޮމާންޑަރެވެ.
ހިޒްބުﷲގެ ހަތިޔާރު އެޅި ފިޔަ ކަމަށްވާ އަސްކަރީ ލީޑަރުންގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ތަބާތަބާއީ ޝަހީދުކޮށްލާފައިވަނީ އާދީއްތަ ދުވަހު ދެކުނު ބެއިރޫތުގައި ހިޒްބުﷲގެ ބާރުގަދަ ސަރަހައްދެއް ކަމަށްވާ ދާހިޔާގެ އެޕާޓްމަންޓް ބްލޮކަކަށް ދިން ހަމަލާއެއްގައެވެ. ލުބްނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެންއެންއޭ) ރިޕޯޓުކޮށްފައިވާ ގޮތުގައި ހާރަތު ހުރައިކްގައި ހުންނަ އެޕާޓްމަންޓް އިމާރާތަށް ދެ މިސައިލް އަމާޒުކޮށްފައިވާއިރު، ކާރުތަކަށާއި ވަށައިގެންވާ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މަހާނަ ކޮމާންޑަރު" ތަބާތަބާއީ ޝަހީދުކޮށްލާފައިވަނީ "ބެއިރޫތުގެ ދެކުނު ސަބަރބްސްގައިވާ ހާރަތު ހުރައިކް ސަރަހައްދަށް އިޒްރޭލުން ދިން ބާރުގަދަ ހަމަލާއެއްގައި" ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ މި ހަމަލާގައި ތަބާތަބާއީ "ނައްތާލާފައި" ވާ ކަމަށް ބުނެފައެވެ. އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ކުރިން ބުނެފައިވަނީ އޭނާއަކީ މި ހަމަލާގެ އަމާޒު ކަމަށެވެ. އިޒްރޭލުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މިދިޔަ އަހަރުގެ ހަނގުރާމައަށް ފަހު އޭނާ ޝަހީދުކޮށްލުމަށް އިޒްރޭލުން ކުރި ތިންވަނަ މަސައްކަތަކީ މިއެވެ. ލުބްނާނުގެ އާންމު ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި ހަމަލާގައި 28 މީހުން ޒަޚަމްވެފައިވެއެވެ.
މި ހަމަލާއާ ގުޅިގެން ހިޒްބުﷲގެ އިސް އޮފިޝަލެއް ކަމަށްވާ މަހްމޫދު ޤުމާތީ ވިދާޅުވެފައިވަނީ އިޒްރޭލުގެ މި ހަމަލާއަކީ "ރަތް ރޮނގެއް" ހުރަސްކޮށްފައިވާ ކަމެއް ކަމަށާއި، ޖަމާއަތުގެ ލީޑަރޝިޕުން މިކަމަށް ރައްދު ދޭނެތޯ ބަލަމުންދާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ "ދެކުނު ސަބަރބްސްއަށް މިއަދު ދިން ހަމަލާއަކީ މުޅި ލުބްނާނުގައި ހަމަލާތައް އިތުރުވުމުގެ ދޮރު ހުޅުވައިލި ކަމެއް." ކަމަށެވެ.
ބެއިރޫތުން ރިޕޯޓުކުރަމުންދާ އަލް ޖަޒީރާގެ ނޫސްވެރިޔާ ޒައިނާ ޚުދްރު ވިދާޅުވީ، އިޒްރޭލުން ހަމަލާތައް އިތުރުކުރާނެ ކަމުގެ ކަންބޮޑުވުން ލުބްނާނުގައި ބޮޑުވަމުންދާ ކަމަށެވެ. ސެކިއުރިޓީ އެފެއާޒް އެނަލިސްޓް އަލީ ރިޒްކް ވިދާޅުވީ، ހިޒްބުﷲ މިހާރު ރައްދު ދޭނީ ކިހިނެއްތޯއެވެ.
"އަޅުގަނޑުގެ ނަޒަރުގައި، ނަތަންޔާހޫ ބޭނުންވާ ކަމެއް، އެބަހީ ލުބްނާނާ ދެކޮޅަށް އަނެއްކާވެސް ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ފެށުމުގެ ބަހަނާއެއް ނަތަންޔާހޫއަށް ދޭން ހިޒްބުﷲ ތައްޔާރަށް ހުންނާނެހެން ހިއެއް ނުވެއެވެ. އެއީ ނަތަންޔާހޫގެ ސިޔާސީ ފުރުސަތުތަކަށް އެހީވެދާނެ ކަމެއް. އަދި އެއީ ވަރަށް ބޮޑު ގެއްލުމެއް ވެދާނެ ކަމެއް." އޭނާ ވިދާޅުވިއެވެ.
ލުބްނާނުގެ ރައީސް ޖޯސެފް އައުން ވަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވަރުގަދަ އިންޒާރެއް ދެއްވާ އެދިވަޑައިގެންފައެވެ. އޭނާގެ ބަޔާނުގައި ލުބްނާނުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލަނީ މި ހަމަލާތައް ހުއްޓުވުމަށް ވަރުގަދަ އަދި ސީރިއަސް ފިޔަވަޅުތަކެއް އަޅައި، ޒިންމާ ނެގުމަށެވެ.