ދުނިޔެ
އިޒްރާއިލުން މުޢާހަދާއާއި ޚިލާފުވާތީ ޙަމާސްއިން މިޞްރުގެ ޖާސޫސީ އިދާރާގެ ވެރިޔާގެ އަރިހަށް
ޣައްޒާއަށް ދިން ހަމަލާއެއްގައި އަނިޔާވި ކުޑަކުއްޖަކު ފަރުވާއަށް ގެންދަނީ
އިޒްރާއިލުން ހަމަލާތައް ހުއްޓާލުމުގެ މުޢާހަދާއާއި ޚިލާފުވަމުންދާތީ ޙަމާސްއިން ޞުލްޙައިގެ ވާހަކަތަކުގެ އެއް މެދުވެރިޔާ މިޞްރުގެ ޖާސޫސީ އިދާރާގެ އިސްވެރިޔާ އާއި ބައްދަލުކުރައްވައިފިއެވެ.
މިކަން ޙަމާސްއިން ހާމަކޮށްފައިވަނީ މިޞްރުގެ އިންޓެލިޖެންސްގެ އިސް ވެރިޔާ، ހަސަން ރަޝާދްއާ ބައްދަލުކޮށް މަޝްވަރާކުރުމަށް ފަހުގައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން ދިން ހަމަލާތަކުގައި ގިނަ ޢަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވަނިކޮށެވެ.
އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ޙަމާސްއިން ބުނެފައިވަނީ، އެމީހުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރުމަށް ދެމިތިބިކަން ކަށަވަރުކޮށްދީފައި ކަމަށެވެ.
ނަމަވެސް، އިސްރާއީލުން "އެއްބަސްވުމަށް ބުރޫއަރާނެ" ފަދަ ގޮތްގޮތަށް ޢަމަލުކުރަމުންދާ ކަމަށް ޙަމާސްއިން ވަނީ ތުހުމަތުކޮށްފައެވެ. ޙަމާސްގެ ވަފުދުގައި ޣައްޒާގެ އަރުވާލެވިފައިވާ ވެރިޔާ ޚަލީލް އަލް-ހައްޔާ ވެސް ހިމެނިވަޑައިގަންނަވައެވެ.
ޙަމާސްއިން ވަނީ އެއްބަސްވުމާ ޚިލާފުވާ ކަންކަން ރެކޯޑުކޮށް، އެކަން ހުއްޓުވުމަށް މެދުވެރިންގެ ބެލުމުގެ ދަށުން "ސާފު އަދި ކަނޑައެޅިފައިވާ ނިޒާމެއް" ޤާއިމުކުރުމަށް ގޮވާލާފައެވެ. މި އެއްބަސްވުން ޤާއިމުކުރުމުގައި މިޞްރާއި، ޤަތަރު އަދި އެމެރިކާއިން ވަނީ މެދުވެރިކަން ކޮށްފައެވެ.
މީގެ އިތުރުން، އިސްރާއީލުގެ ބާރުގެ ދަށުގައިވާ ޣައްޒާގެ ރަފަޙް ސަރަހައްދުގައި ހުރި ޓަނަލްތަކުގެ ތެރޭގައި ތާށިވެފައިވާ ޙަމާސްގެ މެމްބަރުންގެ މައްސަލަ އަވަހަށް ހައްލުކުރުމާ ބެހޭގޮތުން ވެސް މިޞްރާއި މަޝްވަރާކުރި ކަމަށް ޙަމާސްއިން ބުނެއެވެ. އެމީހުންނާ ދެމެދު މުވާޞަލާތީ ގުޅުން ކެނޑިފައިވާ ކަމަށް ވެސް ޙަމާސްއިން ހާމަކުރެއެވެ.
މި ބައްދަލުވުން އައީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވައިގެ މަގުން ހަމަލާތަކެއް ދީ، ކުޑަކުދިން ވެސް ހިމެނޭ ގޮތަށް މަދުވެގެން 24 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވިތާ އެއް ދުވަސް ފަހުންނެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި ޙަމާސްގެ ކޮމާންޑަރެއް ވެސް މަރުވެފައިވާ ކަމަށާއި، އެމީހުން އަމާޒުކުރީ ޙަމާސްގެ މެމްބަރުންނަށް ކަމަށެވެ. ނަމަވެސް، ޙަމާސްއިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، އިސްރާއީލުން މީހުން މަރާލުމަށް ބަހަނާއެއް ހޯދަމުންދާ ކަމަށް ބުނެފައެވެ.
ޙަމާސްއިން ވަނީ މެދުވެރިން ކަމަށްވާ މިޞްރު، ޤަތަރު އަދި އެމެރިކާއަށް ގޮވާލާފައިވަނީ އިސްރާއީލުގެ މި ޚިލާފުވުންތައް އަވަހަށް ހުއްޓުވުމަށް އެދި ޕްރެޝަރު ކުރެއްވުމަށެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި އޮކްޓޯބަރު 10 އިން ފެށިގެން އިސްރާއީލުން ވަނީ މަދުވެގެން 497 ފަހަރު އެއްބަސްވުމާ ޚިލާފުވެފައެވެ. މި ހަމަލާތަކުގައި 342 އާންމު ރައްޔިތުން ޝަހީދުވެފައިވާއިރު، ޝަހީދުވި މީހުންގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ.
އަލްޖަޒީރާގެ ރިޕޯޓަރު ތާރިޤް އަބޫ ޢައްޒޫމް ޣައްޒާ ސިޓީން ރިޕޯޓުކުރައްވަމުން ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ ހަމަލާތައް އިތުރަށް ފުޅާވެދާނެ ކަމަށް ބިރުގަންނަ ކަމަށެވެ. "އިސްރާއީލުގެ ބާރުގެ ދަށުގައިވާ 'ޔެލޯ ލައިން' އޭ ކިޔާ ސަރަހައްދުން ބޭރުން ވެސް ހަމަލާތައް ދެމުންދާތަން މި ފެންނަނީ. އާންމު ރައްޔިތުންގެ ތަންތަން ހަލާކުކޮށް، މި ސަރަހައްދު ހަނަފަސް ތަނަކަށް ބަދަލުކުރަމުން އެބަދެއެވެ،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއިން ދެވަނަ މަރުހަލާއަށް ދެވޭނެ ކަމާމެދު ވެސް ރައްޔިތުން ސުވާލު އުފައްދަމުންދާ ކަމަށް ރިޕޯޓުގައި ވެއެވެ.