ދުނިޔެ
އިޒްރޭލާއި ހުޅަނގަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި 17 މީހަކަށް ހޫޘީ ކޯޓަކުން މަރުގެ ޙުކުމް ކޮށްފި
ހޫޘީންގެ ހަނގުރާމަވެރިން
ޔަމަނުގައި ހޫޘީންގެ ބާރުގެ ދަށުގައިވާ ސަނާގެ ސްޕެޝަލައިޒްޑް ކްރިމިނަލް ކޯޓުން އިޒްރޭލާއި ހުޅަނގުގެ ޤައުމުތަކަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި 17 މީހަކަށް މަރުގެ ޙުކުމް ކޮށްފިއެވެ. މި ޙުކުމްތައް ކޮށްފައިވަނީ ފަޔަރިން ސްކޮޑަކުން މެރުމަށެވެ.
ހޫޘީންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މި ޙުކުމްތައް ހޮނިހިރު ދުވަހު އިއްވާފައިވަނީ “އެމެރިކާ، އިޒްރޭލް އަދި ސަޢުދީގެ އިންޓެލިޖެންސާ ގުޅުން ހުރި ޖާސޫސް ނެޓްވޯކެއްގެ ތެރޭގައި ހިމެނޭ ޖާސޫސް ސެލްތަކެއްގެ” މައްސަލަތަކުގައެވެ. ކޯޓުން މި 17 މީހުން މަރަން ޙުކުމްކޮށްފައިވަނީ “އިބުރަތަކަށްޓަކައި އާންމު ތަނެއްގައި” ކަމަށް ސަބާ ނޫހާއި އެހެނިހެން ނޫސްތަކުން ބުނެފައިވެއެވެ. އަދި ޙުކުމް ކުރެވުނު މީހުންގެ ނަންތައް ވެސް ވަނީ އާންމުކޮށްފައެވެ.
މި މައްސަލައިގައި ޖުމްލަ 20 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އަންހެނަކާއި ފިރިހެނަކަށް 10 އަހަރުގެ ޖަލު ޙުކުމް އިއްވިފައިވެއެވެ. އަދި އަނެއް ފިރިހެނަކު ވަނީ ހުރިހާ ދައުވާއަކުން ބަރީއަވެފައެވެ. ހޫޘީންގެ މީޑިއާ ބުނާ ގޮތުން، ދައުލަތުގެ ވަކީލުން ވަނީ މި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް 2024 އާއި 2025 ގައި “ޔަމަނާ ދެކޮޅު ބޭރުގެ ޤައުމުތަކަށް ޖާސޫސްކޮށްދިނުުމުގެ” ދައުވާ އުފުލާފައިވެއެވެ.
މި ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ވެސް ހިމެނެއެވެ. ޙުކުމް އިއްވުނު ފަރާތްތަކަށް ނަޒަރީ ގޮތުން އިސްތިއުނާފުގެ ފުރުސަތު ލިބިގެންވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުގެ ޖާސޫސް އެޖެންސީ، މޮސާދުން ވަނީ މި ތުހުމަތުކުރެވޭ ޔަމަނުގެ ރައްޔިތުންނާ ގުޅުން ބަދަހިކުރި އިންޓެލިޖެންސް އޮފިސަރުންނަށް “މަގުދައްކާ” ދީފައެވެ. އެމީހުންގެ މަސައްކަތުގެ ސަބަބުން “ބައެއް އަސްކަރީ، ސަލާމަތީ އަދި ސިވިލް ތަންތަނަށް ހަމަލާ ދީ، އެތައް ބަޔަކު މަރުވެ، ބޮޑެތި އުމްރާނީ ތަރައްޤީތަކަށް ގެއްލުން ވެފައިވާ” ކަމަށް ތުހުމަތު ކުރެވެއެވެ.
އިޒްރޭލުން ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުމަށް ފަހު، އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ޔަމަނުގެ އެކި ސަރަހައްދުތަކަށް ޖޯއިންޓް ވައިގެ ހަމަލާތައް ދީފައެވެ. ހޫޘީން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އިޒްރޭލަށާއި ރަތް ކަނޑުގެ ބައިނަލްއަޤްވާމީ ކަނޑު މަގުތަކަށް ހަމަލާ ދޭން ފަށާފައެވެ. ނަމަވެސް، މިދިޔަ މަހު ޣައްޒާގައި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައިވާތީ، ހޫޘީން ވަނީ އެމީހުންގެ ހަމަލާތައް ހުއްޓާލާފައެވެ.
އިޒްރޭލުން ވެސް ވަނީ ޔަމަނަށް ބޮޑެތި ވައިގެ ހަމަލާތައް ދީ، ތެލުގެ ޓޭންކުތަކާއި ކަރަންޓް ސްޓޭޝަންތަކާއި އިންސާނީ އެހީ ފޯރުކޮށްދޭ މުހިންމު ބަނދަރުތަކަށް ތަކުރާރުކޮށް ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި ސިޔާސީ ލީޑަރުންނާއި އެތައް އާންމުނނެއް މަރުވެފައިވެއެވެ. އޮގަސްޓް މަހު ހޫޘީން ވަނީ ސަނާގައި ހުންނަ އެމީހުންގެ ސަރުކާރުގެ ބޮޑުވަޒީރު އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި މަރުވިކަން ކަށަވަރުކޮށްދީފައެވެ. އެއިރު ހޫޘީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަޙްމަދު އަލް-ރަހާވީ މަރުވީ އެހެން “ބައެއް” ވަޒީރުންނާ އެކު ކަމަށެވެ.
ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ހަތިޔާރު ބޭނުންކޮށްގެން ސަނާއާއި ޔަމަނުގެ އުތުރުގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލްކުރާ ހޫޘީންގެ އޮފިޝަލުން ވަނީ ހޮނިހިރު ދުވަހު އިއުލާންކުރި މި މައްސަލަތަކުގައި އދ ނުވަތަ އެހެން ބައިނަލްއަޤްވާމީ އެޖެންސީތަކާ ގުޅުން ހުރި ކަމަކަށް އިޝާރާތްކޮށްފައެއް ނުވެއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އެމީހުން ވަނީ އދ އާއި އެންޖީއޯ އޮފީސްތަކަށް ވަދެ، ގިނަ އަދަދެއްގެ ލޯކަލް އަދި ބައިނަލްއަޤްވާމީ މުވައްޒަފުން ހައްޔަރުކޮށް، ސާމާނުތައް އަތުލާފައެވެ.
އދ އާއި ބައިނަލްއަޤްވާމީ ފަރާތްތަކުން މިކަމަށް ފާޑުކިޔައި މުވައްޒަފުން ދޫކޮށްލުމަށް ގޮވާލާފައިވާއިރު، ހޫޘީން ވަނީ އިޒްރޭލުގެ އޮޕަރޭޝަންތައް ހުއްޓުވުމަށް މިފަދަ މަސައްކަތްތައް ކުރުން މުހިންމު ކަމަށް ބުނެފައެވެ.