ދުނިޔެ

ތޫނިސްގެ މަގުތަކުގައި އެޤައުމުގެ ރައީސް ސަޢީދުގެ ވެރިކަމާދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފި

ތޫނިސްގެ މަގުތަކުގައި އެޤައުމުގެ ރައީސް ސަޢީދުގެ ވެރިކަމާދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފި

ތޫނިސްގެ މަގުތަކުގައި ކުރެވުނު މުޒާހަރާގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ނޮވެމްބަރު 2025، 04:17

23 ނޮވެމްބަރު 2025، 04:17

ތޫނިސްގެ ރައީސް ކައިސް ސައީދުގެ ވެރިކަމުގެ ދަށުން ޤައުމުގައި ހިންގަމުންދާ ހުދުމުޚްތާރު ކަންކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ޖަލަށްލުމާ ދެކޮޅަށް، އެތައް ހާސް ބަޔަކު ތޫނިސްގެ ވެރިރަށުގެ މަގުތަކަށް ނިކުމެ މުޒާހަރާކޮށްފިއެވެ.

 މި މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ސައީދުގެ އަމިއްލަ މަޞްލަޙަތަށް ބިނާކޮށް ޤައުމު ހިންގުމާ ދެކޮޅު ހަދާފައެވެ.

ހޮނިހިރު ދުވަހު ތޫނިސްގެ މަގުތަކުގައި ކުރިއަށްދިޔަ މި މުޒާހަރާގައި މަދުވެގެން 2,000 މީހުން ބައިވެރިވިއެވެ. ކަޅު ހެދުން އަޅައި، ިއަދި ރަތް ރިބަން އަޅައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ "ވެރިކަން ވައްޓާލަން ރައްޔިތުން ބޭނުންވޭ" އަދި "ބިރެއް ނެތް، ޓެރަރިޒަމެއް ނެތް، މަގުތައް މިލްކުވަނީ ރައްޔިތުންނަށް" ފަދަ ޝިއާރުތައް ގޮވާފައެވެ. ބައެއް މީހުން ވަނީ "ބަޔާން ނުކުރެވޭ ވަރުގެ އަނިޔާ ހުއްޓާލާ" އަދި "މިއީ އަހަރެންގެ ރައީސެއް ނޫން" ލިޔެފައިވާ ބޯޑުތައް ހިފައިގެން މުޒާހަރާކޮށްފައެވެ.

"އަނިޔާވެރިކަމާ ދެކޮޅަށް" މި ޝިއާރުގެ ދަށުން ކުރިއަށްދިޔަ މި މުޒާހަރާގައި އެކްޓިވިސްޓުން، ސިވިލް ސޮސައިޓީ ޖަމިއްޔާތައް އަދި ސިޔާސީ ޕާޓީތަކުގެ ބައިވެރިން ބައިވެރިވިއެވެ. މިއީ ރައީސް ސައީދުގެ ވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އެއްބައިވަންތަކަމާއެކު ނިކުތް މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ.

 މި މުޒާހަރާ ކޮށްފައި މިވަނީ ޝަރުޢީ ދާއިރާ ސިޔާސީ ކުރުމަށް ފާޑުކިޔަމުންދިޔަ ކުރީގެ އިދާރީ ފަނޑިޔާރު އަހުމަދު ސުއާބަށް ތޫނިސްގެ ކޯޓަކުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިތާ ހަފްތާތަކެއް ފަހުންނެވެ.

އަލް ޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ތޫނިސްގެ ނޫސްވެރިޔާ ސައީދު ޒުއާރީ ވިދާޅުވީ މި މުޒާހަރާތަކުން ދައްކުވައިދެނީ ތަފާތު ފިކުރުތަކުގެ މީހުންގެ މެދުގައި އާ އެއްބައިވަންތަކަމެއް އުފެދިފައިވާ އުފެދުން ކަމަށެވެ. ނަމަވެސް ޒުއާރީ ވިދާޅުވީ މި މުޒާހަރާތަކަށް ރިޔާސީ ގަނޑުކޮޅު ކާރތޭޖް ޕެލަސްއިން އެއްވެސް އިޖާބައެއް ނުލިބޭ ކަމަށެވެ. ތޫނިސްގެ ސަރުކާރުން ވަނީ "ދައުލަތުގެ ސަލާމަތަށް ޚިޔާނާތްތެރިވުމުގެ" ތުހުމަތުގައި އެތައް ބައިވަރު އިދިކޮޅު ފަރާތްތަކާއި، ނޫސްވެރިންނާއި، ވަކީލުންނާއި، ވިޔަފާރިވެރިން ޖަލަށްލާފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ ރައީސް ސައީދު ޝަރުޢީ ދާއިރާ އާއި ފުލުހުން ބޭނުންކުރަނީ އޭނާގެ ސިޔާސީ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ކަމަށެވެ.

 އެމީހުން އިންޒާރު ދެނީ 2011 ވަނަ އަހަރު ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ޒައިން އަލް އަބިދީން ބެން އަލީ ވެރިކަމުން ދުރުކުރި، އަރަބި ބަހާރުގެ އުފަން ބިމުގައި ވޭތުވެދިޔަ އަހަރުތަކުގައި ހޯދި ޑިމޮކްރެޓިކް ކުރިއެރުންތައް ގެއްލެމުންދާ ކަމަށެވެ. 

ހޮނިހިރު ދުވަހުގެ މުޒާހަރާގެ އިންތިޒާމުކުރި ފަރާތްތަކުގެ ތެރޭގައި ހިމެނޭ އަޔޫބް އަމާރާ ވިދާޅުވީ، ވޭތުވެދިޔަ 14 އަހަރުގެ ހުރިހާ ކުރިއެރުމެއް ވަނީ ބަދަލުކުރެވިފައެވެ. ތޫނިސް މިވަނީ ހުރިހާ ތޫނިސްގެ ރައްޔިތުންނަށް ފުދޭ ވަރަށް ބޮޑުވެފައެވެ. އެއްވެސް މީހަކަށް އޭނާގެ އަމިއްލަ ހިތް އެދޭ ގޮތަކަށް ޤައުމުގެ ވެރިކަން ނުކުރެވޭނެކަމަށެވެ.

ޖަލުގައި ހުރި އިދިކޮޅު ސިޔާސީ ބޭފުޅެއް ކަމަށްވާ އަބްދުލްހަމީދު ޖުލާސީގެ އަނބިކަނބަލުން މޯނިޔާ އިބްރާހިމް ވިދާޅުވީ، "އެތައް ތޫނިސް ރައްޔިތުންނަށް ބޮޑެތި އަނިޔާތަކާ ކުރިމަތިވެފައިވާ" ކަމަށް ޤަބޫލުކުރެވޭތީ މުޒާހަރާގައި ބައިވެރިވީ ކަމަށެވެ. 

އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ، "އަހަރެން މި އައީ ރައްޔިތެއްގެ ހައިސިއްޔަތުން އަހަރެންގެ ހައްޤުތައް ދިފާއުކުރަން. ސިޔާސީ ގައިދީންނަށް އެނގޭ، އެމީހުން ޖަލުގައި ތިބެން ޖެހެނީ އެމީހުންގެ އުސޫލުތަކުގެ އަގު ދައްކަން ކަމާއި، އެމީހުންގެ މަދަނީ އަދި ސިޔާސީ ހަރަކާތްތަކުގެ ޤާނޫނީ ހައްޤުތަކުގެ ސަބަބުން ކަމާއި، އަދި މިހާރު ތޫނިސްގައި ގާއިމުވެފައިވާ ވެރިކަމުގެ ދަށުގައި އެމީހުން ހައްޔަރުކުރެވިފައިވާ ކަމެވެ."

ހައްޔަރުކުރެވިފައިވާ މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ތިބީ ނުކައި ބަނޑުހައިކަމުގެ ހަޅުތާލުގައެވެ.

 އޭގެ ތެރޭގައި ޤާނޫނު އަސާސީގެ ޕްރޮފެސަރު ޖައުހަރު ބެން މުބާރަކް ހިމެނެއެވެ. އޭނާ ވަނީ 20 ދުވަހަށް ވުރެ ގިނަ ދުވަހު ހަޅުތާލުކޮށްފައެވެ. ހޮނިހިރު ދުވަހުގެ މުޒާހަރާ އައިސްފައި މިވަނީ ރައީސް ސައީދުގެ ވެރިކަމުގެ ދަށުގައި ޤައުމުގައި ހިނގަމުންދާ ސިޔާސީ އަދި އިޤްތިޞާދީ ހަލަބޮލިކަމާ ގުޅިގެން މުޅި ޤައުމުގައި މުޒާހަރާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ބުރާސްފަތި ދުވަހު ތޫނިސްގެ ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމާއި، މަޝްހޫރު ސިވިލް ސޮސައިޓީ ޖަމިއްޔާތަކެއް ވަގުތީ ގޮތުން ހުއްޓާލުމާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.

ސައީދު 2019 ވަނަ އަހަރު ޑިމޮކްރެޓިކް އިންތިޚާބަކުން ވެރިކަމަށް ވަޑައިގަތީ، އެ އަހަރުގެ ކުރީކޮޅު އަވަހާރަވި ބޭޖީ ކައިދު އެސެބްސީގެ ބަދަލުގައެވެ. 70 އަހަރުގެ ރައީސް ސައީދު 2021 ވަނަ އަހަރު ވަނީ ޤާނޫނު ހަދާ މަޖިލިސް ހުއްޓާލައި، ބާރުގެ ހުރިހާ ބައިތައް އެއްކޮށްލާފައެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ސިޔާސީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން