ދުނިޔެ
ޣައްޒާގައި އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްޠީނުގެ 24 ރައްޔިތުން ޝަހީދުކޮށްފި
ޝަހީދުވި މީހުންގެ ހަށިތަކާއި އަނިޔާވި މީހުން އުފުލަނީ
ޣައްޒާގައި އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި ފަލަސްޠީނުގެ 24 ރައްޔިތުން ޝަހީދުކޮށްލައިފިއެވެ.
ހަމަލާތައް ހުއްޓާލުމުގެ މުޢާހަދާއާއި ޚިލާފުވެ އިޒްރާއިލުން ފާޅުގައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ހަމަލާތައް ދެމުންދާތާ ހަފްތާއެއްހާ ދުވަސްވެފައިވާއިރު މިހަމަލާތަކުގައި ކުޑަކުދިން ވެސް ހިމެނޭ ގޮތަށް މަދުވެގެން 24 ފަލަސްޠީނުގެ ރައްޔިތުން ވަނި ޝަހީދުކޮށްފައެވެ.
މި ހަމަލާތަކުގެ ސަބަބުން އިތުރު 87 މީހުންނަށް ވަނީ އަނިޔާވެފައެވެ. ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި މި ހަމަލާތައް ދީފައިވަނީ ހޮނިހިރު ދުވަހުއެވެ.
މަންޒަރުދުށް މީހުން ބުނި ގޮތުގައި ފުރަތަމަ ހަމަލާ އަމާޒުކުރީ ޣައްޒާ ސިޓީގެ އުތުރުގައި އޮތް ކާރަކަށެވެ. އޭގެ ފަހުން މެދުތެރޭ ދޭރުލް ބަލާހް އަދި ނުސައިރާތު ރެފިއުޖީ ކޭމްޕަށް އިތުރު ހަމަލާތައް ދީފައިވެއެވެ. ޣައްޒާ ސިޓީގެ ރިމާލް އަވަށުގައި ދިން ޑްރޯން ހަމަލާގައި 11 މީހުން ޝަހީދުވެ، 20 މީހުންނަށް އަނިޔާވި ކަމަށް އަލް-ޝިފާ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު ރާމީ މަހަންނާ ވިދާޅުވިއެވެ.
ދޭރުލް ބަލާހްގައި އިޒްރޭލުން ދިން ހަމަލާއެއްގައި ގެއަކަށް އަމާޒުކޮށް ހަމަލާދިނުމުގެ ސަބަބުން އަންހެނަކު ވެސް ހިމެނޭ ގޮތަށް މަދުވެގެން ތިން މީހުން ޝަހީދުވިއެވެ. މަންޒަރުދުށް ޚަލީލް އަބޫ ހަތާބް ބުނީ މި ހަމަލާގެ ސަބަބުން ވަރަށް ބާރުގަދަ ގޮވުމެއް އިވުނު ކަމަށެވެ. އޭނާ ވިދާޅުވީ، "އަހަރެން ބޭރަށް ބަލާލިއިރު މުޅި ސަރަހައްދު ވަނީ ދުމުން ފޮރުވާލެވިފައި. އެއްވެސް އެއްޗެއް ނުފެނުނު. އަހަރެން ކަންފަތުގައި އަތްއަޅާލާފައި ސަފާރީގައި ތިބި އެހެން މީހުންނަށް ދުއްވައިގަންނަން ގޮވާލަން ފެށިން. އަހަރެން އަނެއްކާވެސް ބަލާލިއިރު، އަހަރެންގެ އަވަށްޓެނިގެ ގެއިން މަތީ ފަންގިފިލާ ވަނީ ނެތި ގޮސްފަ. ހަނގުރާމަ ހުއްޓާލުމަށް ވެފައިއޮތް އެއްބަސްވުމުގެ ބަލިކަށިކަން މިކަމުން އެނގޭ، މިއީ އަހަރެމެންނަށް ދިރިއުޅެވޭނެ ޙާލަތެއް ނޫން، ރައްކާތެރި އެއްވެސް ތަނެއް ނެތް." އެނާ ބުނެފައިވެއެވެ.
ނުސައިރާތުގައި އިޒްރޭލުން ދިން ހަމަލާ އަމާޒުކޮށްފައިވަނީ ވެސް މީހުންދިރިއުޅޭ އިމާރާތަކަށެވެ. ހަމަލާގެ މަންޒަރުތައް ދުށްމީހެއް ކަމަށްވާ އަނަސް އަލް-ސަލޫލް ބުނީ އޭނާ ގޭގައި އިންދާ އޭނާގެ އަވަށްޓެރިންގެ ގެއަށް މިސައިލް ހަމަލާއެއް އެރިކަމަށެވެ. "އަހަރެމެން އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިޔައި. އަނިޔާވި މީހުންނާއި ޝަހީދުވި މީހުން ވެސް ތިބި. މަގުމަތީގައި ތިބި ހުރިހާ އެންމެން ވެސް ވަނީ ކުނޑިތަކުން ފޮރުވާލެވިފައި،" އޭނާ އިތުރަށް ބުންޏެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، އޮކްޓޯބަރު 10 ވަނަ ދުވަހު އެމެރިކާ މެދުވެރިވެގެން ހެދި ހަނގުރާމަ ހުއްޓާލުމުގެ މުޢާހަދާއަށް އިޒްރޭލުން ވަނީ މަދުވެގެން 497 ފަހަރު ހިލާފުވެފައެވެ. މި ހަމަލާތަކުގައި 342 އާންމުން ޝަހީދުވެފައިވާއިރު، ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ހިމެނެއެވެ.
އެއޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އިޒްރޭލުގެ ގަދީމީ ބާރުތަކުން ހަނގުރާމަ ހުއްޓާލުމުގެ މުޢާހަދާއާއި ހިލާފުވެ، ސިސްޓަމެޓިކްކޮށް ކުރިއަށް ގެންދާ ބޮޑެތި އަނިޔާވެރިކަން އަހަރެމެން އެންމެ ބޮޑަށް ކުށްވެރިކުރަން." މިހެނެވެ.
"މި ޚިލާފުވުންތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާއި އެއްބަސްވުމާ ގުޅިފައިވާ އިންސާނީ ޕްރޮޓޮކޯލްތަކާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވުމެކެވެ. މި ޚިލާފުވުންތަކުގެ ތެރެއިން 27 ޚިލާފުވުން ހިނގާފައިވަނީ ހޮނިހިރު ދުވަހުއެވެ. އެއީ 24 މީހުން ޝަހީދުވެ 87 މީހުންނަށް އަނިޔާވުމަށް މެދުވެރިވި ހަމަލާތަކެވެ." އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ، މިހަމަލާތަކަކީ އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދެއްގައި ހަމާސްގެ މެންބަރަކު އިޒްރޭލުގެ ސިފައިންނަށް ހަމަލާދިނުމާ ގުޅިގެން ދިން ހަމަލާތެކެެއް ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "ޖަވާބުގައި، އިޒްރޭލުން ވަނީ ހަމާސްގެ ފަސް އިސް މެންބަރުން ނައްތާލާފަ." ކަމަށެވެ.
ޝަހީދުވި މެންބަރުންނާ ބެހޭ ގޮތުން ހަމާސްއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ހަމަލާތައް ދެމުންދަނިކޮށް، ފަލަސްޠީނުގެ ޖަމާއަތުން ވަނީ "އުފެއްދި ދޮގު ބަހަނާތަކެއްގެ ދަށުން" އިޒްރޭލުން ހަނގުރާމަ ހުއްޓާލުމާ ހިލާފުވަމުންދާ ކަމަށް ތުހުމަތުކޮށް، މެދުވެރިން ކަމަށްވާ އެމެރިކާ، މިޞްރު އަދި ޤަޠަރުން އަވަހަށް ބައިވެރިވުމަށް ގޮވާލާފައެވެ. އަދި އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ ސިފައިން ތިބެންޖެހޭ ރީނދޫ ރޮނގުން ހުޅަނގަށް އިޒްރޭލުން ފޭބުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހަމާސްއިން ވަނީ ބުނެފައެވެ.