ދުނިޔެ

ޕާކިސްތާނުގެ އިރުމަތީގައި ހުންނަ ގްލޫ ފެކްޓަރީއެއްގައި އެއްޗެއް ގޮވައި 16 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިރުމަތީގައި ހުންނަ ގްލޫ ފެކްޓަރީއެއްގައި އެއްޗެއް ގޮވައި  16 މީހުން މަރުވެއްޖެ

ހާދިސާ ހިނގި ސަރަހައްދުގައި މީހުން ސަލާމަތްކުރާ މީހުން ހަރަކާތްތެރިވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ނޮވެމްބަރު 2025، 01:06

22 ނޮވެމްބަރު 2025، 01:06

ޕާކިސްތާނުގެ ގްލޫ އުފައްދާ ފެކްޓަރީއެއްގައި އެއްޗެއް ގޮވައި މަދުވެގެން 16 މީހުން މަރުވެ، ހަތް މީހުން ޒަޚަމްވެއްޖެއެވެ. 

މި ގޮވުމުގެ ސަބަބުން ފެކްޓަރީ ވެއްޓި، ކައިރީގައި ހުރި ގޭގެގައި އަލިފާން ރޯވެފައިވާ ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު ޕަންޖާބު ޕްރޮވިންސްގެ ލާހޯރުގެ ހުޅަނގަށް ވާ ގޮތަށް އޮންނަ ފައިސަލާބާދުގެ މަލިކްޕޫރު ސަރަހައްދުގައެވެ. ފައިސަލާބާދުގެ ކޮމިޝަނަރު ރާޖާ ޖަހަންގީރު އަންވަރު ވިދާޅުވެފައިވާ ގޮތުގައި، އިބްތިދާއީ ތަޙުޤީޤުތަކުން ދައްކާ ގޮތުގައި މިކަން ހިނގާފައިވަނީ ފެކްޓަރީގެ ކެމިކަލް ގުދަނުގައި ގޭހެއް ލީކުވުމުގެ ސަބަބުންނެވެ.

ގޮވުމުގެ ސަބަބުން ފެކްޓަރީގެ ފުރާޅާއި، ކައިރީގައި ހުރި މަދު ގޭގެއެއްގެ ފުރާޅު ވެއްޓި، އެތަނުގެ ތެރެއިން މަދުވެގެން ތިން ގެއެއްގައި އަލިފާން ރޯވެފައިވާ ކަމަށް ޕާކިސްތާނުގެ ޗެނަލް އާޖު ޓީވީން ބުނެއެވެ. އެ ޗެނަލުން ނެރެފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި ގޮވުން ހިނގި މަރުކަޒީ ސަރަހައްދުން އަލިފާންގަނޑު ބޯކޮށް އަރަމުންދާއިރު، ސަލާމަތީ މަސައްކަތްތެރިން އަނދަމުންދާ އިމާރާތެއްގެ ތެރެއަށް ވަދެ މަސައްކަތް ކުރަމުން ދިޔައެވެ. މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކައިރީގައި ދިރިއުޅޭ މީހުން ކަމަށާއި، އޭގެ ތެރޭގައި ހަ ކުޑަ ކުދިން ހިމެނޭ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ގޮވުމާ ގުޅިގެން ފެކްޓަރީގެ މެނޭޖަރު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވެ ފިލައިގެން ދިޔަ ފެކްޓަރީގެ ވެރިމީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ޓީވީ ޗެނަލް ޖިއޯ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލާމަތީ މަސައްކަތްތެރިން ވަނީ ވެއްޓުނު ފަސްގަނޑުތަކުގެ ތެރެއިން މީހުން ހޯދައި ނަގާފައެވެ. ޒަޚަމްވި ހަތް މީހުންނަށް ކައިރީގައި ހުންނަ ހޮސްޕިޓަލެއްގައި ދަނީ ފަރުވާ ދެމުންނެވެ.

ޤައުމުގައި ފެކްޓަރީތަކުގައި އަލިފާނުގެ ހާދިސާތައް ހިނގަނީ ވަރަށް އާންމުކޮށެވެ. 2024 ވަނަ އަހަރު ފައިސަލާބާދުގައި ހުންނަ ފޮތިގަނޑު އުފައްދާ މިލްއެއްގައި ހިނގި ގޮވުމެއްގައި 12 މީހުން މަރުވިއިރު، މިދިޔަ ހަފްތާގައި ކަރާޗީގައި ހުންނަ ބާރުދާނާ ފެކްޓަރީއެއްގައި ހިނގި ގޮވުމެއްގައި ހަތަރު މީހުން މަރުވެ 11 މީހުން ޒަޚަމްވެފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން