ދުނިޔެ
އިންޑިއާގެ ޖައްމޫގައި ހުންނަ "ކަޝްމީރް ޓައިމްސް" އޮފީހުގައި ފުލުހުންގެ ރެއިޑެއް
ކަޝްމީރް ޓައިމްސްގެ އޮފީސް
އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ނޫސް އޮފީހެއް ކަމަށްވާ "ކަޝްމީރު ޓައިމްސް"ގެ އޮފީހަކަށް ފުލުހުންގެ ބަޔަކު ވަދެ ރެއިޑެއް ހިންގާފައިވާ ކަމަށް އެ ސަރަހައްދުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ދަ ހިންދޫ ނޫހާއި އެހެނިހެން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖައްމޫ އެންޑް ކަޝްމީރު ފުލުހުންގެ ބްރާންޗެއް ކަމަށްވާ ސްޓޭޓް އިންވެސްޓިގޭޝަން އެޖެންސީ (އެސްއައިއޭ) އިން ވަނީ ބުރާސްފަތި ދުވަހު ޖައްމޫގައި ހުންނަ އެ އޮފީހަށް ވަދެ ރެއިޑެއް ހިންގާފައެވެ. ނަމަވެސް މި ރެއިޑާ ގުޅިގެން ފުލުހުންގެ އެޖެންސީން ވަގުތުން ބަޔާނެއް ނެރެފައި ނުވާ ކަމަށް ދަ ހިންދޫ ނޫހުގައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފު ނުވި ނަމަވެސް، ބައެއް ނޫސްތަކުން ބުނެފައިވަނީ ކަޝްމީރު ޓައިމްސް އިން ދައުލަތާ ދެކޮޅު ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށް ބާރުތަކުން ތުހުމަތުކުރާ ކަމަށެވެ. ނަމަވެސް ކަޝްމީރު ޓައިމްސް އިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، އޮފީހަށް ވަދެ ހޯދުމަކީ "އަޅުގަނޑުމެންގެ އަޑު ކަނޑުވާލުމަށް ކުރި އިތުރު މަސައްކަތެއް" ކަމަށް ސިފަކޮށްފައެވެ.
އެ ނޫހުން ބުރާސްފަތި ދުވަހު ވެބްސައިޓްގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ، "އަޅުގަނޑުމެންނާ ދެކޮޅަށް ކުރާ އެއްވެސް ތުހުމަތެއްގައި ހަގީގަތެއް ނެތް. ސަރުކާރަށް ފާޑުކިޔުމަކީ ދައުލަތާ ދެކޮޅުވުމެއް ނޫން. ހަގީގަތުގައި އެއީ އެއާ މުޅިން އިދިކޮޅު ކަމެއް،" އެވެ. އަދި "ބާރަށް ޖަވާބުދާރީ ކުރުވައި، ކޮރަޕްޝަން ތަހުގީގުކޮށް، އަޑު ނީވޭ ފަރާތްތަކުގެ އަޑު އުފުލުމަކީ އަޅުގަނޑުމެންގެ ގައުމު ބަލިކަށިކުރާ ކަމެއް ނޫން، ބާރުގަދަ ކުރާ ކަމެއް،" ކަމަށް އެ ބަޔާނުގައިވެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް ވަނީ މި ރެއިޑާ މެދު ކަންބޮޑުވުން ފާޅުކޮށް، ފުލުހުން ހިފަހައްޓާފައިވާ އެއްވެސް ލިޔެކިޔުމެއް ނުވަތަ މުދަލެއް އަނބުރާ ދިނުމަށް ގޮވާލާފައެވެ. ސީޕީޖޭގެ އޭޝިއާ-ޕެސިފިކް ޕްރޮގްރާމް ކޯޑިނޭޓަރު ކުނާލް މަޖުމްދަރު ވިދާޅުވީ، "ކަޝްމީރު ޓައިމްސް އޮފީހަށް ވަދެ ހޯދުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އަދި މިއީ ޖައްމޫ އެންޑް ކަޝްމީރުގައި މީޑިއާ އަށް އަންނަ ޕްރެޝަރު އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް،" ކަމަށެވެ.
އަދި ބާރުތަކުން މި އަމަލުގެ ޤާޕނޫނީ އަސާސް ސާފުކޮށްދީ، ހުރިހާ ތަހުގީގެއް ހިންގަންވާނީ އިންސާފާއި ޝަފާފުކަމާއެކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކަޝްމީރަކީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު ދިގު މުއްދަތެއްގައި ދެބަސްވެފައިވާ ސަރަހައްދެކެވެ. 2019 ވަނަ އަހަރު އިންޑިއާއިން ވަނީ އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރަށް ދީފައިވާ ޚާއްސަ ދަރަޖަ ބާތިލްކޮށް، އެ ސަރަހައްދު ދެ ބަޔަށް (ޖައްމޫ އެންޑް ކަޝްމީރު އަދި ލަޑާޚް) ބަހާލައި ދިއްލީގެ ސީދާ ބާރުގެ ދަށަށް ގެނެސްފައެވެ. އިންޑިއާއާއި ޕާކިސްތާނުން ވެސް އަދިވެސް އެ ސަރަހައްދުގެ މައްޗަށް އެމީހުންގެ ހައްގު އޮތްކަމަށް ދައުވާ ކުރެއެވެ.