ދުނިޔެ

ކޮޕް31 މޫސުމީ ސަމިޓް ބާއްވާނެ ޤައުމަކަށް ތުރުކީވިލާތް

ކޮޕް31 މޫސުމީ ސަމިޓް ބާއްވާނެ ޤައުމަކަށް ތުރުކީވިލާތް

ތުރުކީގެ ނައިބު ރައީސް އަދި އޮސްޓްރޭލިޔާގެ ރައީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2025، 04:09

20 ނޮވެމްބަރު 2025، 04:09

އަންނަ އަހަރު ބާއްވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އެންމެ މުހިންމު ބައްދަލުވުން ކަމަށްވާ ކޮޕް31  ސަމިޓް ބާއްވާނެ ޤައުމެއްގެ ގޮތުގައި ތުރުކީވިލާތް ހޮވައިފިއެވެ. 

މިކަމާ ގުޅިގެން އޮސްޓްރޭލިއާއާއި ތުރުކީއާ ދެމެދު ދިގު މުއްދަތެއްގައި ހިނގަމުންދިޔަ ހަމަނުޖެހުމަކަށް މިހާރު ވަނީ ނިމުމެއް އައިސްފައެވެ. މި ބައްދަލުވުން ބާއްވާނީ ތުރުކީގެ އެންޓަލިޔާގައެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ބުރާސްފަތި ދުވަހު ހެނދުނު ވިދާޅުވީ، 2026 ވަނަ އަހަރުގެ އ.ދ.ގެ މޫސުމީ ބައްދަލުވުމާ ހަމައަށް ވާހަކަތައް ކުރިއަށް ގެންދިއުމަށް ޕެސިފިކް ޤައުމުތަކާ އެކު އޮސްޓްރޭލިއާއިން ތުރުކީއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި ރަސްމީ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ތުރުކީން ކަމަށް ވެސް ވިދާޅުވިއެވެ. އަލްބަނީޒް އޮސްޓްރޭލިއާގެ ޕަބްލިކް ބްރޯޑްކާސްޓަރު އޭބީސީ ރޭޑިއޯ ޕާތު އަށް ވިދާޅުވީ، "މިއީ އޮސްޓްރޭލިއާ އަދި ތުރުކީއަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެއް" ކަމަށެވެ.

މި އަހަރުގެ ކޮޕް30 މޫސުމީ ސަމިޓް ބްރެޒިލްގެ ބެލެމްގައި ނިންމާލުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ. އޮސްޓްރޭލިއާއިން ވަނީ އަންނަ އަހަރު ކޮޕް31 ބާއްވަން މަސައްކަތްކޮށްފައި "ޕެސިފިކް ކޮޕް" ގެ ނަމުގައި، ކަނޑުގެ ސަރަހައްދު އުފުލުމާއި މޫސުމީ ކާރިސާތަކުގެ ސަބަބުން ނުރައްކާވާ ދެކުނު ޕެސިފިކްގެ ތިރި ރަށްރަށާ އެކު ބާއްވަން ބޭނުންވެފައެވެ. ނަމަވެސް ތުރުކީން ވަނީ ސަމިޓް ބޭއްވުމުގެ ބިޑުން ފަހަތަށް ޖެހިފައެއް ނުވެއެވެ.

ތުރުކީން ބުނެފައިވަނީ، ތަރައްޤީވަމުން އަންނަ އިޤްތިޞާދެއްގެ ގޮތުގައި، އެ ގައުމުގެ ސަމިޓްގައި މުއްސަނދި އަދި ފަގީރު ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރާނެ ކަމަށާއި، މި ބައްދަލުވުމަކީ ސަރަހައްދީ ފޯކަސްއަކަށް ވުރެ ބޮޑަށް ދުނިޔޭގެ ފެންވަރުގައި ފޯކަސްކުރާ ބައްދަލުވުމަކަށް ވާނެ ކަމަށެވެ. 

ހޯސްޓްކުރުމުގެ މަސައްކަތް ކަށަވަރުކުރުމަށް ދިގު މުއްދަތެއް ނެގުމާއި، ދެ ގައުމަކުން އެއްފަހަރާ ހޯސްޓްކުރަން ބޭނުންވުމުން އުފެދޭ ހާލަތުތައް ބަލަހައްޓަން އޮންނަ އުސޫލުތަކެއް ނެތުމުގެ ސަބަބުން، ތުރުކީއަށް މިހާރު އެންޓަލިޔާ އެކްސްޕޯ ސެންޓަރުގައި ބައްދަލުވުން ރޭވުމަށް އެންމެ 12 މަސް ދުވަސް ލިބޭނެއެވެ.

އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ފްރޭމްވޯކް ކޮންވެންޝަން  ގެ ރިޔާސަތު އާދަޔާ ހިލާފަށް ބަދަލުވަމުން އަންނަނީ ފަސް ސަރަހައްދެއްގެ މެދުގައެވެ. އެއީ އެފްރިކާ، އޭޝިއާ، ލެޓިން އެމެރިކާ އަދި ކެރިބިއަން، މެދުތެރޭ އަދި އިރުމަތީ ޔޫރަޕް، އަދި ހުޅަނގު ޔޫރަޕާއި އެހެނިހެން ގައުމުތަކެވެ. އޮސްޓްރޭލިއާއާއި ތުރުކީ ވެސް ހިމެނެނީ ފަހު ކެޓަގަރީގައެވެ. މާނައަކީ އޮސްޓްރޭލިއާއަށް އަނެއްކާ ވެސް މި ބައްދަލުވުމަށް ބިޑު ހުށަހެޅުމަށް ފަސް އަހަރު ދުވަސް ވަންދެން މަޑުކުރަން ޖެހޭނެއެވެ.

އިތިއޯޕިއާގެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު ފިތްސުމް އަސޭފާ އަދޭލާ މިދިޔަ ހަފްތާގައި ވަނީ 2027 ވަނަ އަހަރު ކޮޕް32 ބޭއްވުމަށް އެފްރިކާގެ ވާހަކަދައްކާ ފަރާތްތަކުގެ އެއްބާރުލުން އެ ގައުމަށް ލިބިފައިވާ ކަމަށް އިއުލާންކުރައްވާފައެވެ. އިންޓަނޭޝަނަލް އެނަރޖީ އެޖެންސީއާ ހަވާލާދީ ބުނާ ގޮތުގައި، އޮސްޓްރޭލިއާއާއި ތުރުކީ ވެސް ހަކަތައަށް ބޮޑަށް ބަރޯސާވެފައިވަނީ ކޯލް، ތެޔޮ އަދި ގޭހަށެވެ.

 ނަމަވެސް ދެ ޤައުމުން ވެސް އަންނަނީ އާ ހަކަތަ އުފެއްދުމުގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދަމުންނެވެ. އޮސްޓްރޭލިއާގެ ފެޑެރަލް ލޭބަރ ސަރުކާރުން އުންމީދުކުރީ، ދެކުނު އޮސްޓްރޭލިއާގެ ސްޓޭޓްގައި އާ ހަކަތަ އުފެއްދުމުގެ ކުރިއެރުންތައް، އެ ސްޓޭޓްގެ ވެރިރަށް އެޑިލެއިޑްގައި ބައްދަލުވުން ބާއްވައިގެން ދައްކާލުމަށެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން