ޚަބަރު
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ އަންނަ ޖެނުއަރީގެ 4 ގައި ކުރިމަތިލެވޭނެ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތައް
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ގެދޮރުވެރިކަމާ ބޯހިޔާވަހިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ ސަރުކާރުން އިއްޔެ އިފްތިތާޙުކުރި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ 4 އިން ފެށިގެން މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާނެއެވެ. 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވެސް މި ސްކީމަށް ކުރިމަތިލެވޭނެ ކަމަށް އެވުޒާރާއިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ކުރީގެ އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގާފައިވާ ގޮތުން އޭގެ އިންސާފުވެރިކަމާއި އަދުލުވެރިކަމާ މެދުގައި ޝައްކު އުފެދިފައިވާ ކަމަށެވެ.
"އޭގެ ސަބަބުން މިފަދަ ޕްރޮގްރާމްތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ، މާޔޫސްވާން ޖެހިފައިވޭ،" ވަޒީރު ވިދާޅުވިއެވެ. އެކަމަކު ސަރުކާރުން ކަނޑައަޅާފައިވާ އާ ސިޔާސަތުތަކާ އެކު ރައްޔިތުން ތަހައްމަލުކުރަމުންދާ އުނދަގުލަށް ނިމުމެއް ގެނެސްދީ، ކުރާ އުއްމީދު ޙަޤީޤަތަކަށްވެ، އަމިއްލަ ބޯހިޔާވަހިކަމެއްގައި ކޮންމެ އާއިލާއަކަށް ވެސް އަބުރުވެރި ދިރިއުޅުމެއް ލިބޭނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލު ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގެ ތެރެއިން ކޮންމެވެސް އެއް ބަޔަކަށެވެ. ސަރުކާރުން ވަނީ މި މަޝްރޫޢުގެ ދަށުން ޖުމްލަ 7،500 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ކަނޑައަޅާފައެވެ.
ފްލެޓް ދޫކުރުން: ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭގެ ރަށްވެހިންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެއެވެ. މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް ކަނޑައަޅާފައިވާއިރު، މާލޭގައި ރަށްވެހިވެފައިނުވާ، އެކަމަކު މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް ވަނީ ހާއްސަކޮށްފައެވެ. ބާކީ 2،000 ފްލެޓުގެ ތެރެއިން 800 ފްލެޓް ދައުލަތުގެ މުއައްސަސާތަކާއި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްފައިވާއިރު، އެކަނިވެރި މައިންނާއި ބަފައިންނާއި، މަސްވެރިންނާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، ޓެކްސީ ޑްރައިވަރުންނަށް ވެސް ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ގޯތި ދޫކުރުން: ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދެ ކެޓަގަރިއަކަށް ބަހާލައިގެން ދޫކުރާނެއެވެ. މާލޭ ރަށްވެހިންނަށް 10،000 ގޯތި ދޫކުރާނެއެވެ. އޭގެ ތެރެއިން، އުފަންވީއްސުރެ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 7،000 ގޯއްޗާއި، މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ގޯތި އަދި ފަހުން މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 2،000 ގޯތި ހިމެނެއެވެ. މާލޭގައި ދިރިއުޅޭ އެެހެން ރަށްވެހިންނަށް 3،000 ގޯތި ކަނޑައަޅާފައިވާއިރު، އެހެން ރަށްރަށުގެ މީހުންނަށް ގޯއްޗަށް ކުރިމަތިލެވޭނީ ވެސް މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުމަށް ފަހުގައެވެ.
ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިއްޔެ އިފްތިތާހުކޮށްފައިވާއިރު، މި ސްކީމަކީ އެ ސިޔާސަތުގެ ދަށުން ފަށާ އެންމެ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ 4 ގައި ހުޅުވާލުމާއެކު، ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.