ދުނިޔެ
ހަނގުރާމައިގެ ސަބަބުން ޣައްޒާގައި 6،000 އަށް ވުރެ ގިނަ މީހުންގެ އަތާއި ފައި ބުރިކޮށްފައިވޭ
އެއްފައި ބުރިކުރެވިފައިވާ ޣައްޒާގެ ރައްޔިތެއް
2023 ވަނަ އަހަރުގެ ފަހުކޮޅު އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް ފަލަސްޠީނުގައި ފެށުނު ފަހުން 6،000 އަށް ވުރެ ގިނަ މީހުންގެ އަތާއިފައި ބުރިކޮށްފައިވާ ކަމަށް ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްޠީނުގެ ސިއްޙީ މުއައްސަސާތަކުން ރިޕޯޓުކޮށްފިއެވެ.
އަތާއިފައި ބުރިކުރެވުނު މީހުންގެ ތެރެއިން 25 އިންސައްތައަކީ ކުޑަކުދިންނެވެ. އަދި އަންހެނުންގެ ނިސްބަތަކީ 12.7 އިންސައްތައެވެ. ވާފާ ނިއުސް އެޖެންސީން ބުނާ ގޮތުގައި، މި ދެ ބައިމީހުންނަށް ވެސް ދިގު މުއްދަތުގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ވަގުތުން ބޭނުންވެއެވެ. އަދި ޞިއްޙީ ވަސީލަތްތަކާއި އެހީތެރިވާ ސާމާނު މަދުވުމުގެ ސަބަބުން ގުނަވަން ބުރިކުރެވިފައިވާ މީހުންގެ ތަކުލީފު އިތުރުވެފައިވެއެވެ.
ޣައްޒާގައި ފަސްދޮޅަސްހާހަކަށް ޒަޚަމްވެފައިވާ މީހުން އެ މީހުންގެ އާއިލާތަކަށް އޭގެ އަސަރުކުރަމުންދާ ކަމަށް އެ ފަރާތްތަކުން އިތުރަށް ބުނެފައިވެއެވެ.
ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ގޮވާލާފައި ވަނީ ޚާއްޞަކޮށް ޅަ އުމުރުގައި ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހޭ ކުޑަކުދިންނަށް ރިހެބިލިޓޭޝަން ޚިދުމަތްތަކާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވުމަށެވެ.
އިސްރާއީލާއި ޙަމާސްއާ ދެމެދު މި އަހަރުގެ އޮކްޓޫބަރު މަހު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއެކުވެސް ޣައްޒާގައި ދެ އަހަރު ދުވަހު ހިންގަމުން އައި ޖަރީމާތަކަށް ނިމުމެއް އައިސްފައެއް ނުވެއެވެ. އިސްރާއީލުން ވަނީ އެ ސަރަޙައްދުގައި ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގައިފައެވެ. މީގެ ސަބަބުން 65،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރެއިން ގިނަ ބަޔަކީ އަންހެނުންނާއި ކުޑަކުދިންނެވެ.