ދުނިޔެ
ވިހި މީހުންނާއެކު ތުރުކީގެ ޢަސްކަރީ މުދާ އުފުލާ ބޯޓެއް ވެއްޓިއްޖެ
ތުރުކީގެ ޢަސްކަރީ ބޯޓެއް ވެއްޓުން
ވިހި މީހުންނާއި އެކު ދަތުރުކުރި ތުރުކީގެ ޢަސްކަރީ މުދާ އުފުލާ ބޯޓެއް ވެއްޓިއްޖެއެވެ.
ތުރުކީގެ ދިފާޢީ ވުޒާރާއިން ވަނީ މިއަދު "ސީ 130" މޮޑެލްގެ މުދާ އުފުލާ ބޯޓެއް ވެއްޓިފައިވާކަން އިއުލާނުކޮށްފައެވެ. މި ބޯޓު ވެއްޓިފައި ވަނީ އަޒަރުބައިޖާނުން ތުރުކީއަށް ކުރި ދަތުރެއްގައި، ޖޯޖިއާ-އަޒަރުބައިޖާން ބޯޑަރު ސަރަހައްދުގައެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖޯޖިއާއަށް ވެއްޓުނު މި ޢަސްކަރީ މުދާ އުފުލާ ބޯޓުގައި 20 އަސްކަރީ މީހުން ތިބި ކަމަށާއި، ދެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ފްލައިޓް ރާޑަރ" ޕްލެޓްފޯމުން ބުނެފައިވަނީ، "ތުރުކީގެ ވައިގެ ސިފައިންގެ ލޮކްހީޑް ސީ-130 އީ ހަރކިއުލީސް މޮޑެލްގެ ބޯޓެއް އަޒަރުބައިޖާން ބޯޑަރާ ކައިރީގައި ޖޯޖިއާގައި ވެއްޓުނު ކަމުގެ ރިޕޯޓުތައް" ލިބި އެކަން ބަލަމުންދާ ކަމަށެވެ. މި ޕްލެޓްފޯމުން ފާހަގަކުރި ގޮތުގައި، ބޯޓު ފުރާފައިވަނީ ގްރީންވިޗް ގަޑިން 10:19 ގައި އަޒަރުބައިޖާނުގެ ގަންޖާ އެއާޕޯޓުންނެވެ. ނަމަވެސް މި މަޢުލޫމާތުތައް އަދި "ޔަޤީންކުރެވިފައިނުވާ" ކަމަށް ވެސް އެ ޕްލެޓްފޯމުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރްދުޣާން ވަނީ ބޯޓު ވެއްޓުމުން އެކަމުގެ ހިތާމަ ފާޅުކުރައްވާފައެވެ. އަދި ޖޯޖިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބޯޓު ވެއްޓުނު ސަރަހައްދަށް ދިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.
އަންކާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އުރްދުޣާން ވިދާޅުވީ، ޢަސްކަރީ މުދާ އުފުލާ ބޯޓެއް ޖޯޖިއާ އާއި އަޒަރުބައިޖާން ބޯޑަރުގައި ވެއްޓުނު ހިތާމަވެރި ޚަބަރު އަޑު އެއްސެވީ ހިތާމައާއިއެކުގައި ކަމަށެވެ. ތުރުކީގެ ރައީސް އިތުރަށް ވިދާޅުވީ، ބޯޓުގެ ބައިތައް ހުރި ތަނަށް ދިއުމަށް ޖޯޖިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރިއަށް އެބަދާކަމަށެވެ.
މިކަމާ ގުޅިގެން ތުރުކީގެ ހޯމް މިނިސްޓަރު އަލީ ޔެރްލިކާޔާ ވަނީ ޖޯޖިއާގެ ހޯމް މިނިސްޓަރު ގީކާ ގްލަޑްޒީއާ ފޯނުން ގުޅުއްވައި ހާދިސާގެ އެންމެ ފަހުގެ އަދާހަމަތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
ތުރުކީގެ "އިން ސޯޝަލް" ޕްލެޓްފޯމުގައި ޔެރްލިކާޔާ ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ، މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް އަދިވެސް ކުރިއަށްދާ ކަމަށާއި، ޖޯޖިއާގެ މިނިސްޓަރު ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން އެތަނުގެ ކަންކަން ބައްލަވައިފައި ކަމަށެވެ.
މީގެ އިތުރުން، ތުރުކީގެ ރިޔާސީ ކޮމިއުނިކޭޝަންސްގެ ޑިރެކްޓަރު ބުރުހާނުއްދީން ދޫރާން އާންމުންނަށް ގޮވާލައްވާފައިވަނީ ބޯޓުގެ ހާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމުގައި ހަމައެކަނި ރަސްމީ އިދާރާތަކުން ދޫކުރާ މަޢުލޫމާތުތަކަށް ބަރޯސާވުމަށެވެ.
އާންމުންނަށް ޞައްޚަ މަޢުލޫމާތު ލިބުން ކަށަވަރުކުރުމަށްޓަކައި، ރަސްމީ އިދާރާތަކުން ނެރޭ ބަޔާންތަކަށް ބަރޯސާވެ، ޔަޤީން ނޫން ޚަބަރުތައް ނުފެތުރުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.