ދުނިޔެ

އިސްލާމްއާބާދު ކޯޓު ބޭރުގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި 12 މީހުން މަރުވެއްޖެ

އިސްލާމްއާބާދު ކޯޓު ބޭރުގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދުގެ ކޯޓު ބޭރުގައި ދިން ހަމަލާއަށް ފަހު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ނޮވެމްބަރު 2025، 05:37

11 ނޮވެމްބަރު 2025، 05:37

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ކޯޓު އިމާރާތެއްގެ ބޭރުގައި ދިން ޖާނުންފިދާވުމުގެ ހަމަލާގައި މަދުވެގެން 12 މީހުން މަރުވެއްޖެއެވެ. 

މި ހާދިސާގައި 27 މީހުން ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުގެ ދާޚިލީ ކަންތައްތަކާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ހަމަލާ ދީފައިވަނީ އާންމުކޮށް ގިނަ ބަޔަކު އެއްވާ ސަރަހައްދެއް ކައިރީގައި އަންގާރަ ދުވަހުއެވެ. ދާޚިލީ ކަންތައްތަކާބެހޭ ވަޒީރު މުޙްސިން ނަޤްވީ ނޫސްވެރިންނަށް ވިދާޅުވީ، ޖާނުން ފިދާވުމުގެ މިހަމަލާ ދީފައިވަނީ ކޯޓުގެ ގޭޓު ބޭރުގައި އޮތް ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށް ކަމަށެވެ. 

ނަޤްވީ ވިދާޅުވީ، ހަމަލާދިން މީހާ ކޯޓުގެ ތެރެއަށް ވަނުމަށް މަސައްކަތްކުރި ނަމަވެސް، އެކަން ނުވުމުން ފުލުހުންގެ އުޅަނދަކަށް އަމާޒުކުރީ ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، މި ހަމަލާގައި ގެއްލުންވި މީހުންގެ ތެރޭގައި ގިނައީ މަގުމަތިން ދިޔަ މީހުން ނުވަތަ ކޯޓުގެ ކަންތައްތަކަށް އައިސްތިބި މީހުންނެވެ. 

ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެއްވެސް ޖަމާއަތަކުން މި ހަމަލާގެ ޒިންމާ ނަގާފައެއް ނުވެއެވެ. ނަމަވެސް މިފަދަ ހަމަލާތައް ކުރިން ދީފައިވަނީ ޕާކިސްތާނުގެ ތާލިބާން (ޓީޓީޕީ) ފަދަ ހަތިޔާރުއެޅި ޖަމާއަތްތަކުންނެވެ. ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ، ފޮރެންސިކް ޓީމުގެ ރިޕޯޓު ލިބުމުން އިތުރު ތަފްސީލު ދެވޭނެ ކަމަށެވެ.

ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ މި "ޖާނުން ފިދާވުމުގެ ހަމަލާ" ކުށްވެރިކުރައްވައި، މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

 މި ނުރައްކާތެރި ހަމަލާއާ ގުޅިގެން ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. މިދިޔަ މަހު ދެ ޤައުމުގެ ބޯޑަރު ހުރަސްކޮށް ދިން ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދިފައެވެ.

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ، ޤައުމު މިހާރު އޮތީ "ހަނގުރާމައިގެ ހާލަތެއްގައި" ކަމަށާއި، މި ހަމަލާއަކީ "ހޭލާލުމުގެ ގޮވާލުމެއް" ކަމަށް ބަލަންޖެހޭނެ ކަމަށެވެ. އޭނާ އެކްސް (ކުރީގެ ޓްވިޓަރ) ގައި ލިޔުއްވާފައިވެއެވެ: "މިފަދަ މާޙައުލެއްގައި، ކާބުލްގެ ވެރިންނާ އެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް ބޮޑު އުންމީދެއް ނުކުރެވޭނެ ކަމަށެވެ.

ޕާކިސްތާނުން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ތުހުމަތުކުރަނީ ޓީޓީޕީ ފަދަ "ޓެރަރިސްޓުންނަށް" ވާގިވެރިވާ ކަމަށެވެ. އިސްލާމްއާބާދުގައި މި ހަމަލާ ދީފައިވަނީ، އަފްޣާނިސްތާނާ ގާތް ކައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސްގައި ހުންނަ ކެޑޭޓް ކޮލެޖަކަށް ހަތިޔާރުއެޅި ފައިޓަރުން ދޭން އުޅުނު ހަމަލާއެއް ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހުއްޓުވާލިތާ ކުޑައިރުކޮޅެއް ފަހުންނެވެ. އެ ހަމަލާގައި ޖާނުންފިދާވުމަށް ކާރު ބޮމެއް ބޭނުންކޮށްފައިވާ ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން