Ads by Stelco

ޚަބަރު

މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ރާއްޖެއަށް ދާއިމީ ކުރަން ނިންމައިފި

މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ރާއްޖެއަށް ދާއިމީ ކުރަން ނިންމައިފި

މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމެޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ނޮވެމްބަރު 2025، 04:52

11 ނޮވެމްބަރު 2025، 04:52

ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދާ ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ދާއިމީ ގޮތެއްގައި ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިނިންމުން ނިންމާފައިމިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމެޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މައްކާ ރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީން ވަނީ މައްކާ ރޫޓުގެ ދަށުން ޙައްޖުގެ ޚިދުމަތް ރާއްޖެއަށް ދާއިމީކޮށް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޙައްޖަކީ، ރާއްޖެއަށް މައްކާ ރޫޓުގެ ތަޖުރިބާގެ ފަހަރު ކަމަށް ވުމާއެކު، މިކަމާމެދު ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި، ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި، އެއަރޕޯޓާއި ކަސްޓަމްސްއާއި، އިމިގްރޭޝަނާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، އޭވިއޭޝަން ސެކިއުރިޓީއާއި ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި މުހިންމުކަން ސަޢުދީ ސަރުކާރުން ވަނީ ފާހަގަ ކުރައްވާފައެވެ.

ދާއިމީ ގޮތެއްގައި މައްކާ ރޫޓު ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ، ހައްޖުގެ އަޅުކަމުގެ ދަތުރު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ޚިދުމަތުގެ ސަބަބުން ޙައްޖުވެރިންނަށް ލިބޭ އެންމެ ބޮޑު ފަސޭހައަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާލެވުމެވެ.

މިކަމުގެ ސަބަބުން ޙައްޖުވެރިންނަށް ޖިއްދާ ނުވަތަ މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމްވެފައިވެއެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހި، އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ވެސް ސީދާ ޙައްޖުވެރިން ތިބޭ ހޮޓަލަށް ލިބިގެންދެއެވެ.

 މީގެ އިތުރުން ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މަގުފަހިވެ، ޞިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ކަންކަން ކަށަވަރުވުން ވެސް މި ޚިދުމަތުގައި ހިމެނެއެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްއަކީ، 2018 ވަނަ އަހަރުން ފެށިގެން ސަޢުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި، އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ މުހިންމު އިނިޝިއޭޓިވްއެކެވެ. މިއީ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި، ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ދާއިމީ ކޮށްދެއްވާ، ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަ ކަމެއް ހޯދައިދެއްވި ކަމަށްޓަކައި ވަޒީރު ޑރ. ޝަހީމް ވަނީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުއްވާފައިވަނީ، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން، މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދީގެންނެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން