ދުނިޔެ
އައިއެސްއައިއެލް އާއި ދެކޮޅަށް އެމެރިކާއިން އިސްކޮށް ހިންގާ ކޯލިޝަނާ ސީރިއާ ގުޅިއްޖެ
ސީރިޔާގެ ރައީސް އަލް ޝަރާޢާގެ ވަފުދު އެެމެރިކާގައި
އައިއެސްއައިއެލް (އައިއެސްއައިއެސް) ޖަމާއަތާ ދެކޮޅަށް އެމެރިކާއިން އިސްކޮށް ހިންގާ ބައިނަލްއަޤްވާމީ ކޯލިޝަނާ ސީރިއާ ގުޅިއްޖެކަން މިއަދު އިޢުލާނުކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ސީރިއާގެ މަޢުލޫމާތާ ބެހޭ ވަޒީރު ހަމްޒާ އަލް-މުސްތަފާ އާއި އެމެރިކާގެ އޮފިޝަލުންނެވެ. މި އިޢުލާން ކޮށްފައިމިވަނީ ސީރިއާގެ ރައީސް އަޙްމަދު އަލް-ޝަރާޢާ އެމެރިކާއަށް ވަޑައިގެން، ހޯމަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތްޕުޅުން ވައިޓް ހައުސްގައި ހޫނު މަރުޙަބާއެއް ދެންނެވުމަށްފަހުގައެވެ.
އަލް-މުސްތަފާ ވިދާޅުވީ ސީރިޔާއިން ބައިނަލްއަޤްވާމީ ކޯލިޝަނާއެކު ސޮއިކުރި "ސިޔާސީ އެއްބާރުލުމުގެ އިޢުލާނު" އިން ސީރިއާގެ ދައުރު "ޓެރަރިޒަމާ ހަނގުރާމަކުރުމާއި އަދި ސަރަޙައްދީ ސުލްޙަ މަސަލަހަތު ދެމެހެއްޓުމުގައި" ކަށަވަރުކޮށްދޭ ކަމަށެވެ.
އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މި އެއްބަސްވުމަކީ ސިޔާސީ އެއްބަސްވުމެއް. އަދި މިހާތަނަށް މި އެއްބަސްވުމުގައި އަސްކަރީ އެއްވެސް ކޮމްޕޯނެންޓެއް ނުހިމެނޭ." މި އެއްބަސްވުމާއެކު، ސީރިއާއަކީ މި ކޯލިޝަނާ ގުޅުނު 90 ވަނަ ޤައުމެވެ. މި ކޯލިޝަންގެ މަޤްޞަދަކީ ބޭރުގެ ހަނގުރާމަވެރިން އައިއެސްއައިއެލްގެ ޖަމާއަތާ ގުޅުން ހުއްޓުވައި، މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި ތިބި އެ ޖަމާއަތުގެ ބާކީ ތިބި މެންބަރުން ނައްތާލުމެވެ.
މިކަން އިޢުލާނު ކުރާނެ ކަމުގެ އިޝާރާތެއް ކުރިންވެސް ވަނީ ވެފައެވެ. އަލް-ޝަރާޢާ އެމެރިކާއަށް ވަޑައިގެން ޓްރަމްޕާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނިކޮށް، ހޮނިހިރު ދުވަހު ސީރިއާގެ ދާޚިލީ ކަންކަމާ ބެހޭ ވުޒާރާގެ ތަރުޖަމާނަކު ވަނީ، އައިއެސްއައިއެލްގެ ސެލްތަކަށް އަމާޒުކޮށް ޤައުމީ ފެންވަރުގައި އިސްކުރި އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށް އިޢުލާންކޮށްފައެވެ. ސަރުކާރު ހިންގާ އަލް-އިޚްބާރިއްޔާ ޓީވީން ރިޕޯޓްކުރި ގޮތުގައި، ސީރިއާގެ ސަލާމަތީ ބާރުތަކުން 61 ރެއިޑް ހިންގައި، 71 މީހުން ހައްޔަރުކޮށް، ގޮވާ ތަކެއްޗާއި ހަތިޔާރުތަކެއް ވަނީ އަތުލައިގެންފައެވެ.
ހޯމަ ދުވަހު، ރޮއިޓާސް ނިއުސް އެޖެންސީން ނަން ނުޖެހޭ އޮފިޝަލުންނާ ޙަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލް-ޝަރާޢާ އަވަހާރަކޮށްލަން އައިއެސްއައިއެލް އިން ރޭވި ދެ ރޭވުމެއް ސީރިއާއިން ވަނީ ހުއްޓުވައިފައެވެ. ސީރިއާގެ އިސް ސަލާމަތީ އޮފިޝަލަކާއި މެދުއިރުމަތީގެ އިސް އޮފިޝަލަކު ވިދާޅުވީ، މިދިޔަ މަސްތަކުގެ ތެރޭގައި މި އަވަހާރަކޮށްލުމުގެ ރޭވުންތައް ހުއްޓުވުނު ކަމަށެވެ. އެމީހުން ވިދާޅުވީ، މި ރޭވުންތަކުން ދައްކުވައިދެނީ، 14 އަހަރުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ބައިބައިވެފައިވާ ޤައުމެއްގައި އަލް-ޝަރާޢާ ވެރިކަން ހަރުދަނާކުރަން މަސައްކަތްކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނަށް ކުރިމަތިވެފައިވާ ސީދާ ނުރައްކަލެވެ.
ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި، އަލް-ޝަރާޢާ އަށް ޓްރަމްޕް ވަނީ ތަޢުރީފު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި، ސީރިއާގެ މައްޗަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހަ މަސް ދުވަހަށް ހުއްޓާލުމުގެ އެއްބަސްވުމެއް ވެސް އަލް-ޝަރާޢާ ވަނީ ހޯއްދަވާފައެވެ.
ރައީސް އަލް-ޝަރާޢާ އަކީ ކުރީގެ ސީރިއާގެ ރައީސް ބައްޝާރު އަލް-އަސަދު ވެރިކަމުން ދުރުކުރެއްވީ ޑިސެމްބަރު މަހު ހިންގި އަސްކަރީ އަވަސް އޮޕަރޭޝަނެއްގައެވެ. އަލް-ޝަރާޢާ މީގެ ކުރިން އިސްކޮށް ހުންނެވީ އަލް-ޤައިދާގެ ގުޅުންތަކެއް ހުރި ހަޔާތު ތަޙްރީރު އަލް-ޝާމް ނަމަކަށް ކިޔާ ހަތިޔާރުއެޅި ޖަމާއަތެއްގެ ވެރިއެއްގެ ގޮތުގައެވެ.
ނަމަވެސް، އެމަނިކުފާނު ހައްޔަރުކޮށްދޭ މީހަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ދިނުމަށް އެމެރިކާއިން ކުރިން ނިންމާފައިވާ ނިންމުން މިދިޔަ ހަފްތާގައި ވަނީ ބާޠިލުކޮށް، އެމެރިކާގެ "ޓެރަރިސްޓް" ލިސްޓުން އެމަނިކުފާނުގެ ނަން ވަނީ ނަގާފައެވެ.