ދުނިޔެ
އަނެއްކާވެސް އިސްރާއިލްގެ ހަމަލާއެއް ލުބްނާނަށް، އެކަކު ޝަހީދުވެއްޖެ
އިއްޔެ އިސްރާއިލުން ލުބްނާނަށް ދިން ހަމަލާގެ ސަބަބުން ދުން އަރަނީ
އަނެއްކާވެސް އިސްރާއިލުން ލުބްނާނަށް ހަމަލާއެއް ދީފިއެވެ.
އިސްރާއިލްގެ މިހަމަލާދީފައިވަނީ މިއަދު ދެކުނު ލުބްނާނުގެ އަލް-ޞައްވާނާ ބޯޑަރު ސަރަހައްދުގެ މަގަކަށެެވެ.
އިސްރާއީލުން ދިން ވައިގެ މި ހަމަލާގައި ލުބްނާނުގެ ރައްޔިތަކު ވަނީ ޝަހީދުވެފައެެވެ.
ލުބްނާނުގެ ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ރިޕޯޓުކުރި ގޮތުގައި އިސްރާއީލުގެ ޑްރޯންތަކުން ވަނީ އަލް-ޞައްވާނާ އާއި ޚިރުބަތު ސަލްމް ދެމެދުގައި ދުއްވި "ޕިކަޕް"އަކަށް 3 މިސައިލުން ހަމަލާދީފައެވެ.
އިއްޔެ ވެސް އިސްރާއީލުގެ ހަމަލާތަކުގައި ލުބްނާނުގެ 3 ރައްޔިތުން ޝަހީދުވިއެވެ. އިސްރާއީލުގެ ޢަސްކަރިއްޔާއިން ބުނީ މަރުވީ ހިޒްބުﷲ ޖަމާއަތުގެ މެންބަރުން ކަމަށެވެ، ނަމަވެސް ހިޒްބުﷲ އިން މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އިސްރާއީލުގެ ޢަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި އެމީހުން ވަނީ ދެކުނު ލުބްނާނުގެ ބަރްޢަޝީތު ސަރަހައްދުން ހިޒްބުﷲ ގެ މެންބަރަކު ޝަހީދުކޮށްލައިފައެެވެ. އެމީހާ ޝަހީދުކޮށްލީ އެ ސަރަހައްދުގައި ހިޒްބުﷲ ގެ ޢަސްކަރީ ބިނާތައް އަލުން ތަރައްޤީ އަލުން މަސައްކަތްކުރަނިކޮށް ކަމަށް އިސްރާއީލުން ބުނެއެވެ. އަދި ހަމައެހެންމެ ހަތިޔާރު އެތެރެކުރަން މަސައްކަތްކުރި ކަމަށް ބުނެ ޝަބްޢާ އަވަށުން ހިޒްބުﷲ ގެ ދެ މެންބަރުން ޝަހީދުކޮށްލިކަމަށް ވެސް އިސްރާއީލުން އިއުލާނުކުރިއެވެ.
މިކަމާ ގުޅިގެން އިސްރާއީލުގެ ބްރޯޑްކާސްޓިންގ އޮތޯރިޓީން ރިޕޯޓުކުރި ގޮތުގައި ސަލާމަތީ މަސްދަރުތަކުން ވަނީ އިސްރާއިލުން އެމެރިކާއަށާއި ލުބްނާނުގެ ޢަސްކަރިއްޔާއަށް އިންޒާރު ދީފައެވެ.
އެ އިންޒާރުގައި ބުނެފައިވަނީ ހިޒްބުﷲ އިން ދެކުނު ލުބްނާނުގައި އެ ޖަމާއަތުގެ ޢަސްކަރީ ޤާބިލިއްޔަތު އަލުން ބިނާކުރަމުންދާ ކަމަށާއި، ފާއިތުވި ހަފްތާތަކުގައި ސީރިއާއިން ސަތޭކަ މިސައިލް އެތެރެކޮށްފައިވާ ކަމަށެވެ. އަދި ހިޒްބުﷲ ގެ ހަރަކާތްތައް ހުއްޓުވުމަށް ލުބްނާނުގެ ޢަ ސްކަރިއްޔާއިން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވެސް އެ މަސްދަރުތަކުން ބުނެއެވެ.
މި މަސްދަރުތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، ސީރިއަސް އޮޕަރޭޝަންތަކެއް ހިންގާފައި ނުވާނަމަ، އިސްރާއީލުން ލުބްނާނުގެ ތެރޭގައި ހިޒްބުﷲ ގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތައް ދެމުން ގެންދާނެއެވެ. އެމީހުން ދަޢުވާކުރާ ގޮތުގައި ހިޒްބުﷲ އިން ވަނީ ހަނގުރާމަތަކުގައި ހަލާކުވި މިސައިލްތަކާއި ޕްލެޓްފޯމްތައް އަލުން މަރާމާތުކޮށް، ހާސްކުރާ އަދަދަކަށް އާ މެންބަރުން ޖަމާޢަތަށް ވެއްދުމުގައި ކާމިޔާބު ހޯދާފައެވެ.
މިކަންކަން ހިނގަމުންދަނީ ލުބްނާނުގެ ދެކުނު ބޯޑަރުގައި ހަމަލާތައް ވަރަށް ބޮޑަށް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލުގެ ޢަސްކަރިއްޔާއިން ކޮންމެ ދުވަހަކު ވެސް ގިނަ އަވަށުތަކަށް ހަމަލާދެމުންދާއިރު، ފަހުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު އެންމެ ބޮޑަށް ރައްޔިތުންނަށް ހުސްކުރުމުގެ އިންޒާރު ދީފައެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ބާތިލުކުރި ފަހުން އިސްރާއީލުން ވަނީ އެތައް ހާސް ފަހަރެއްގެ ޚިލާފުވުންތައް ހިންގާފައެވެ. އެކަމުގެ ސަބަބުން ސަތޭކަ އަށް ވުރެ ގިނަ ލުބްނާނުގެ ރައްޔިތުންނަށް އަނިޔާވެ ނުވަތަ މަރުވެފައިވެއެވެ.