ދުނިޔެ
ޣައްޒާއަށް ބޭނުންވާ އެހީގެ ތަކެތި ގެނައުމަށް އިސްރާއީލުން ހުރަސް އަޅަމުންދާ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެފި
ޣަައްޒާގައި ކާއެއްޗެހި ބަހާ ތަނެއްގައި މީހުން އެއްވެފައި
ޣައްޒާއަށް ބޭނުންވާ އަސާސީ ތަކެތި ގެނައުމަށް އިސްރާއީލުން ހުރަސް އަޅަމުންދާ ކަމަށް ބައިނަލްއަޤްވާމީ އެހީދޭ ޖަމާއަތްތަކުން ބުނެފިއެވެ. ހަނގުރާމައިގެ ސަބަބުން ލޮޅުން އަރުވާލާފައިވާ މި ސަރަޙައްދަށް އެހީގެ ޓްރަކްތައް ވަނުމަށް ހުރަސް އެޅުމުގެ ސަބަބުން، އެތައް ބަޔަކަށް ބޭނުންވާ އެހީގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ޖަމާއަތްތަކުން ބުނެއެވެ.
އެމެރިކާއާއި އިސްރާއީލާ ދެމެދު ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއް ވެފައި ވީނަމަވެސް، ދުވާލަކު ޣައްޒާއަށް ވަންނަން ދޫކުރަނީ ގާތްގަނޑަކަށް 100 އެހީގެ ޓްރަކެވެ. ހިއުމެނިޓޭރިއަން ޖަމާއަތްތަކުން ކަށަވަރުކޮށްދޭ ގޮތުގައި، ހަނގުރާމައިން ހަލާކުވެފައިވާ މި ސަރަޙައްދަށް އެހީގެ ތަކެތި ފޯރުކޮށްދިނުމަށް "އިސްރާއީލުން ހުރަސް އަޅަމުންދާ" ކަން ވަނީ ހާމަވެފައެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، ހަމަލާ ހުއްޓާލި އޮކްޓޯބަރު 10 އާއި ނޮވެމްބަރު 6 އާ ދެމެދު، ޣައްޒާއަށް ވަނުމަށް ހަމަޖެހިފައިވާ 15,600 ޓްރަކުގެ ތެރެއިން އިސްރާއީލުން ދޫކޮށްފައި ވަނީ އެންމެ 4,453 ޓްރަކެވެ. މިއީ ޖުމްލަ ޓްރަކުގެ އެންމެ 28% އެވެ. އެހީގެ ޕްރޮޓޮކޯލްގައި ދުވާލަކު 600 ޓްރަކު ވަނުމަށް ހަމަޖެހިފައި ވީނަމަވެސް، ދުވާލަކު އެވްރެޖްކޮށް ވަނީ އެންމެ 171 ޓްރަކެވެ. މި އޮފީހުން ބުނި ގޮތުގައި މިއީ ޣައްޒާގައި ދިރިއުޅޭ 2.4 މިލިއަން ފަލަސްތީނުގެ ރައްޔިތުންނަށް "މަޙްރޫމްކުރުމުގެ ސިޔާސަތާއި ސިޔާސީ ޕްރެޝަރު އިސްރާއީލުން ދެމެހެއްޓުމުގެ" ހެއްކެކެވެ.
އިސްރާއީލުން ޣައްޒާއަށް ވަނުމަށް ހުރަސް އަޅާ ތަކެތީގެ ތެރޭގައި 350 އަށް ވުރެ ގިނަ އަސާސީ ކާނާގެ ބާވަތްތައް ހިމެނެއެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ބޭނުންވާ ތަކެތި ހިމެނެއެވެ. ހުރަސް އަޅާ މުހިންމު ބައެއް ބާވަތްތަކުގެ ތެރޭގައި: ބިސް، އެއްގަމު މަސް، މަސް، ޗީޒް، ކިރުގެ ބާވަތްތައް، ތަރުކާރީ، އަދި ނިއުޓްރިޝަނަލް ސަޕްލިމެންޓްސް ހިމެނެއެވެ. މީގެ އިތުރުން މާބަނޑު މީހުންނާއި ބަލިމީހުންނާއި ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ ފަރާތްތަކަށް މުހިންމު އެތައް ބާވަތްތަކެއް ހިމެނެއެވެ.
ނޯވޭޖިއަން ރެފިއުޖީ ކައުންސިލް (އެންއާރްސީ) އިން ކަށަވަރުކޮށްދޭ ގޮތުގައި، އދ. ގެ ނިޒާމުގެ ތެރެއިން ޣައްޒާއަށް ދުވާލަކު ވަންނަނީ އެންމެ 100 އެހީގެ ޓްރަކެވެ. އެންއާރްސީ އާއި އެހެނިހެން ހިއުމެނިޓޭރިއަން ޖަމާއަތްތަކަށް ބޭނުންވާ އެހީގެ ތަކެތި ގެނައުމަށް "އިސްރާއީލުން ހުރަސް އަޅާފައިވާ" ކަމަށް އެ ޖަމާއަތުން ބުނެއެވެ. އެންއާރްސީގެ ކޮމިއުނިކޭޝަން އެޑްވައިޒަރު ޝައިނާ ލޯ އަލްޖަޒީރާއަށް ވިދާޅުވީ، ޣައްޒާގެ ބޮޑު ބޭނުމަށް ބަލާއިރު މި އަދަދު "މުޅިން ނުފުދޭ" ކަމަށެވެ.
ލޯ އިތުރަށް ވިދާޅުވީ، އެ ޖަމާއަތުގެ 4 މިލިއަން ޑޮލަރުގެ އެހީގެ ތަކެތި މިޞްރުގެ ވެއަރހައުސްތަކުގައި ހުރި ކަމަށާއި، މި ތަކެތީގެ ތެރޭގައި ފިނި މޫސުމަށް ބޭނުންވާ ހިޔާވައްސާއި ސާފުތާހިރުކަމުގެ ތަކެތި ހިމެނޭ ކަމަށެވެ. "އިސްރާއީލުގެ ކިބައިން ހުއްދައަށް އެދޭ ކޮންމެ ފަހަރަކު އަޅުގަނޑުމެންނަށް ދެކޮޅު ހަދަނީ،" ލޯ ވިދާޅުވިއެވެ. ހަނގުރާމައިން ހަލާކުވެފައިވާ ޣައްޒާގައި ހާސްކުރިފައިވާ އެތައް ލައްކަ ބަޔަކަށް އަސާސީ ފޭލިވެސް ނުލިބޭ ކަމަށާއި، "ގިނަ ބަޔަކަށް ފޭލިގެވެސް ނެތް. ޣައްޒާގައި ފޭލި ލިބިފައިވާ މީހުންނަކީ ނަސީބު ރަނގަޅު މީހުން،" ކަމަށް ލޯ ވިދާޅުވިއެވެ. އެހެންކަމުން ލޯ ގޮވާލެއްވީ ފޭލި ފަދަ އަސާސީ ހިޔާވައްސުގެ ތަކެތި ޣައްޒާއަށް ވައްދައިދިނުމަށެވެ.
މި ހަފްތާގައި ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން ބުނެފައިވާ ގޮތުގައި ޣައްޒާއަސް ވެއްދެމުންދަނީ ބޭނުންވާ ކާނާގެ އަދަދުގެ ދެބައިކުޅަ އެއްބައި އެކަންޏެވެ.
ޑަބްލިޔުއެފްޕީގެ އިސް ތަރުޖަމާނު އަބީރު އެތޭފާ ވިދާޅުވީ މި ހާލަތަކީ "ވަގުތާ ދެކޮޅަށް ކުރަމުންދާ ރޭހެއް" ކަމަށެވެ. "އަޅުގަނޑުމެންނަށް ފުރިހަމަ ހުއްދަ ބޭނުންވޭ. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ކަމެއް އަވަހަށް ކުރިއަށް ދާން، ފިނި މޫސުން އަންނަނީ. މީހުން އަދިވެސް ތިބީ ބަނޑުހައި ހޫނުކަމުގައި، އަދި ބޭނުންތައް ވަރަށް ގިނަ” އޭނާ އިތުރަށް ބުނެފައިވެއެވެ.
“ވާރޭ ފެނާއި ފެންބޮޑުވުންތައް، އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ކައިރީގައި ހުރި ކުނިގޮނޑުތަކުގެ ސަބަބުން ބަލިތައް ފެތުރިދާނެ،" އދ. އާ ގުޅިގެން މަސައްކަތްކުރާ ފަލަސްތީނުގެ އެޖެންސީތަކުގެ ވެރިޔާ އަމްޖަދު އަލް-ޝާވާ ވިދާޅުވިއެވެ.
މިފަހަރުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އިސްރާއިލުން ޣައްޒާއަށް އިންސާނީ އެހީތައް ވަނުމުގެ ހުއްދަ ދިނުމަށް ޝަރުޠުކޮށްފައިވެއެވެ. އެހެންނަމަވެސް، އަދިވެސް މުހިންމު ތަކެއްޗަށް ވަނުމުގައި ބޮޑެތި ލަސްވުންތަކާ ކުރިމަތިލާން ޖެހެއެވެ. ރައްޔިތުން ބުނާ ގޮތުގައި، ބްލޮކޭޑުގެ ސަބަބުން ދިރިއުޅުމަށް ބޭނުންވާ ކާނާއާއި އެހީތައް ލިބުން އަދިވެސް ހަނިކުރެވިފައިވެއެވެ. ފާއިތުވި އޮގަސްޓު މަހު، އިންޓަގްރޭޓެޑް ފުޑް ފޭސް ކްލެސިފިކޭޝަން (އައި.ޕީ.ސީ.) އިން ރަސްމީކޮށް އިއުލާނުކުރީ ޣައްޒާއަށް ކުރިމަތިވެފައިވަނީ އިޒްރޭލުން އުފެއްދި ބަނޑުހައިހޫނުކަމެއް ކަމަށެވެ. މިދިޔަ މަހުގެ ނިޔަލަށް، ޣައްޒާގައި ކާނާ ނުލިބުމުގެ ސަބަބުން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 447 އަށް އަރާފައިވާ ކަމަށާއި، އޭގެ ތެރޭގައި 147 ކުދިން ހިމެނޭ ކަމަށެވެ.