ދުނިޔެ

ކެންޓަކީގެ އެއާޕޯޓަކުން ފުރި އެމެރިކާގެ ކާގޯ ބޯޓެއް ވެއްޓި 7 މީހުން މަރުވެއްޖެ

ކެންޓަކީގެ އެއާޕޯޓަކުން ފުރި އެމެރިކާގެ ކާގޯ ބޯޓެއް ވެއްޓި 7 މީހުން މަރުވެއްޖެ

ކެންޓަކީގެ އެއާޕޯޓަކުން ފުރި އެމެރިކާގެ ކާގޯ ބޯޓެއް ވެއްޓުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ނޮވެމްބަރު 2025، 12:53

06 ނޮވެމްބަރު 2025، 12:53

އެމެރިކާގެ ކެންޓަކީ ސްޓޭޓްގެ ލޫއިވިލް ސިޓީގައި ހުންނަ އެއާޕޯޓަކުން ހަވާއީއަށް ފުރަން އުޅުނު އެމެރިކާގެ ކާގޯ ބޯޓެއް ވެއްޓި ހަތް މީހުން މަރުވެއްޖެ ކަމަށް ކެންޓަކީ ސްޓޭޓްގެ ގަވަރުނަރު އެންޑީ ބީޝިއާ ވަނީ އިއުލާނުކުރައްވައިފިއެވެ.

ބީޝިއާ ވިދާޅުވީ މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ބޯޓު ވެއްޓުމުގެ ސަބަބުން ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އަދި މި ހާދިސާ ތަޙުޤީޤުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު، އެމެރިކާގެ ޝިޕިން ކުންފުނި ޔޫޕީއެސް (UPS) އަށް ނިސްބަތްވާ މި ކާގޯ ބޯޓުގައި 280،000 ގެލަންގެ ތެޔޮ ހުރި ކަމަށް ކެންޓަކީގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (FAA) އިން ބުނި ގޮތުގައި، މި ބޯޓު ވެއްޓުނީ ލޫއިވިލްގައި ހުންނަ މުހައްމަދު އަލީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅެނިކޮށް، އިއްޔެ ހަވީރު 5:15 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން އެ އެއާޕޯޓް ވަނީ ބަންދުކޮށްފައެވެ.

ޔޫޕީއެސް ކުންފުނިން ބުނި ގޮތުގައި، އެ ކުންފުނީގެ މި ބޯޓުގައި ތިން ފަޅުވެރިން ތިއްބެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކުރި ގޮތުގައި، ބޯޓު ވެއްޓުމާއެކު އެއާޕޯޓުގައި ބޮޑު އަލިފާންގަނޑެއް ރޯވިއެވެ. އެފްއޭއޭ އިން ބުނި ގޮތުގައި، މި ހާދިސާގެ ތަހުގީގު ހިންގުން ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑަށް (NTSB) ވަނީ ހަވާލުކޮށްފައެވެ. މި ހާދިސާ ހިނގާފައި މިވަނީ އެމެރިކާގެ ގިނަ އެއާޕޯޓުތަކުގައި މިހާރުވެސް ހަލަބޮލިކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރު ބަންދުކޮށްފައިވާތީ، އެއާ ޓްރެފިކް ކޮންޓްރޯލަރުން މަދުވުމުގެ ސަބަބުން މުޅި ނެވިގޭޝަން ސިސްޓަމް ހުއްޓުމަކަށް އައުމުގެ އިންޒާރުތައް ވަނީ ދީފައެވެ.

މީގެ ކުރިން އެމެރިކާގެ ނެވިގޭޝަން މަސްދަރުތަކުން ބުނެފައި ވަނީ، އެއާ ޓްރެފިކް ކޮންޓްރޯލަރުން މަދުވުމުގެ ސަބަބުން ގާތްގަނޑަކަށް 3 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުންގެ ދަތުރުތައް ކެންސަލްކުރަން ނުވަތަ ލަސްކުރަން ޖެހިފައިވާ ކަމަށެވެ. އެމެރިކާގެ ޓްރާންސްޕޯޓް މިނިސްޓަރު ޝޯން ޑޭފީ ވަނީ ސަރުކާރު ބަންދުކޮށްފައި އޮތް ނަމަ، ވައިގެ ދަތުރުފަތުރުގެ ހަރަކާތްތައް ބޮޑު ހަލަބޮލިކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އިންޒާރު ދެއްވާފައެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޮފީހުން ދަތުރުފަތުރު ރައްކާތެރި ނޫން ކަމަށް ނިންމައިފިނަމަ، އެމެރިކާގެ އެއާ ޓްރެފިކް ސިސްޓަމް ހުއްޓާލަން ޖެހިދާނެ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން