ދުނިޔެ
ސަޢުދީ ވަލީއަހުދު އެމެރިކާގެ ރައީސްއާއި ބައްދަލުކުރައްވަން އެމެރިކާއަށް ވަޑައިގަންނަވަނީ
ޓްރަމްޕާއި އެކު ސަޢުދީ ވަލީއަހުދު
ސަޢުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) މިމަހުގެ ފަހުކޮޅު އެމެރިކާގެ ވޮޝިންގްޓަން ޑީސީއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
މި ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު ރަސްމީ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ހަތް އަހަރުގެ ތެރޭގައި ސަޢުދީގެ ލީޑަރު އެމެރިކާގެ ވެރިރަށަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 18 ގައި ކަމަށް ރޮއިޓަރސް އިން ހޯމަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. ސަޢުދީގެ ވަލީއަހުދު މި ދަތުރުފުޅު މިކުރައްވަނީ އިސްރާއިލާއި ގުޅުން އާދައިގެ ހާލަތަކަށް ގެނައުމަށް އެކުލަވާލި 'އަބްރަހަމް އެކޯޑްސް' އާ ގުޅުމަށް ޓްރަމްޕް އެހެން ޤައުމުތަކަށް ބާރުއަޅުއްވަމުންދާ ދަނޑިވަޅެއްގައެވެ. 2020 ވަނަ އަހަރު ޓްރަމްޕް ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރައިން، ސޫދާން އަދި މޮރޮކޯއާ އެކު އިސްރާއިލާ ގުޅުން އާދައިގެ ހާލަތަކަށް ގެނައުމުގެ އެއްބަސްވުންތަކެއް ޤާއިމުކުރައްވާފައެވެ.
ނަމަވެސް ސަޢުދީ އަރަބިއްޔާއިން ދަނީ އިސްރާއިލާ ގުޅުން އާދައިގެ ހާލަތަކަށް ގެނައުމަށްޓަކައި، އިސްރާއިލާ އެކު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ސާފު މަގެއް އޮންނަންޖެހޭނެ ކަމަށް ބުނަމުންނެވެ.
އާދިއްތަ ދުވަހު ސީބީއެސް ނިއުސްގެ 60 މިނިޓްސް ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ސަޢުދީ އަރަބިއްޔާ އޭގެ ފަހުން ވެސް މި އެއްބަސްވުމާ ގުޅޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ޓްރަމްޕްގެ އިދާރާގެ ނަން ހާމަނުކުރާ އިސް އޮފިޝަލަކު ރޮއިޓަރސް ނިއުސް އެޖެންސީއަށް ބުނީ، "ވަލީއަހުދު ވަޑައިގަންނަވާއިރު އެއްޗެއްގައި ސޮއިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށާއި، ނަމަވެސް ތަފްސީލުތައް އަދިވެސް ކަނޑައެޅިފައި ނުވާ" ކަމަށެވެ. ފައިނޭންޝަލް ޓައިމްސް އިން ދެ ހަފްތާ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމްބީއެސްގެ މި ދަތުރުފުޅުގައި ދެ ޤައުމުން ދިފާޢީ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް އުންމީދުކުރެވެއެވެ.
ސަޢުދީ އަރަބިއްޔާ އާއި އެމެރިކާއަކީ ދިފާޢީ ދާއިރާ ވެސް ހިމެނޭ ގޮތަށް، އެތައް ދިހަ އަހަރެއް ވަންދެން ވަރުގަދަ ގުޅުންތަކެއް ބާއްވަމުން އަންނަ ދެ ޤައުމެވެ. ޓްރަމްޕް މޭ މަހު ރިޔާޟަށް ކުރެއްވި ދަތުރުފުޅުގައި، އެމެރިކާއިން ވަނީ ސަޢުދީ އަރަބިއްޔާއަށް 142 ބިލިއަން ޑޮލަރަށްވުރެ އަގުބޮޑު ހަތިޔާރު ޕެކޭޖެއް ވިއްކުމަށް އެއްބަސްވެފައެވެ. ޓްރަމްޕްގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި، 2017 ވަނަ އަހަރު ވެސް، އެމަނިކުފާނުގެ ފުރަތަމަ ބޮޑު ބައިނަލްއަޤްވާމީ ދަތުރުފުޅުގައި ސަޢުދީ އަރަބިއްޔާ ހިމެނުނުއިރު، އެ ދަތުރުފުޅު ވެސް ނިމިގެންދިޔައީ ބިލިއަނުން ޑޮލަރުގެ ހަތިޔާރުގެ މުޢާމަލާތަކުންނެވެ. އެމްބީއެސް ވައިޓް ހައުސްއަށް ޒިޔާރަތްކުރައްވައި އެމެރިކާގެ އެކި ސިޓީތަކަށް ދަތުރުކުރެއްވީ ވެސް ޓްރަމްޕްގެ ފުރަތަމަ ދައުރުގައެވެ.