ދުނިޔެ

އިސްރާއިލުން ލުބްނާންގެ ދެކުނަށް ހަމަލާދީ ދެމީހަކު ޝަހީދުކޮށްލައިފި

އިސްރާއިލުން ލުބްނާންގެ ދެކުނަށް ހަމަލާދީ ދެމީހަކު ޝަހީދުކޮށްލައިފި

އިސްރާއިލުން ލުބްނާނަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ނޮވެމްބަރު 2025، 10:58

04 ނޮވެމްބަރު 2025، 10:58

އިސްރާއިލުން ލުބްނާންގެ ދެކުނަށް ހަމަލާދީ ދެމީހަކު ޝަހީދުކޮށްލައި 7 މީހަކު ޒަޚަމްކޮށްލައިފިއެވެ. 

މިހަމަލާދީފައިމިވަނީ، ހިޒްބުﷲ އަށް ނިސްބަތްވާ ކަމަށް ބުނާ ޓާގެޓްތަކަށް ދެމުންދާ ހަމަލާތައް އިތުރުކުރާނެ ކަމުގެ އިންޒާރު އިސްރާއިލުން ދިންތާ އެއް ދުވަސް ފަހުންނެވެ.

ދެކުނު ސަރަޙައްދަށް ދިން ހަމަލާގެ އިތުރުން ބިންތު ޖުބައިލް ޑިސްޓްރިކްޓްގެ ބޯޑަރު ރަށެއް ކަމަށްވާ އައިތާ އަލް-ޝަޢަބަށް ދިން އެހެން ހަމަލާއެއްގައި އިތުރު މީހަކު ޝަހީދުވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ލުބްނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދުއައިރުގައި ކާރަކަށް ތިން މިސައިލް އަމާޒުކޮށްފައިވާއިރު، އެކަމުގެ ސަބަބުން ރޯވެފައިވާ އަލިފާން ގާތުގައި ހުރި އެހެން އުޅަނދުތަކަށާއި ޝޮޕިން ކޮމްޕްލެކްސްއަކަށް ވެސް ވަނީ ފެތުރިފައެވެ. އޭއެފްޕީ ނިއުސް އެޖެންސީގެ ރިޕޯޓެއްގައި ބުނެފައިވަނީ، އަލިފާން ނިއްވުމަށް ފަޔަރ ފައިޓަރުން މަސައްކަތްކުރަމުން ދިޔައިރު، އެމަޖެންސީ ޓީމުތަކުން ވަނީ ގެއްލުންވެފައިވާ ފިހާރަތަކުން ކުނިބުނިތަކާއި ބިއްލޫރިކޮޅުތައް ސާފުކޮށްފައި ކަމަށެވެ.

އިސްރާއިލްގެ ސިފައިން ބުނީ، ނަބަތީހް ސަރަހައްދުގައި ހިޒްބުﷲ ގެ “ޓެރަރިސްޓް” އިންފްރާސްޓްރަކްޗަރ ސައިޓްތައް އަލުން ބިނާކުރުމަށް މަސައްކަތްކުރަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ، ހިޒްބުﷲ ގެ ޚާއްސަ ޔުނިޓެއް ކަމަށްވާ ރަދުވާން ފޯސްގެ ކޮމާންޑަރެއް ކަމަށް ބުނާ މުޙައްމަދު އަލީ ހަދީދު މަރާލާފައިވާ ކަމަށެވެ.

 އިސްރާއިލްގެ ސިފައިން ދަޢުވާކުރާ ގޮތުގައި، އައިތާ އަލް-ޝަޢަބްގައި އިސްރާއިލްގެ ސިފައިންނާ ބެހޭ މައުލޫމާތު އެއްކުރަން މަސައްކަތްކުރަމުން ދަނިކޮށް ހިޒްބުﷲ ގެ އިތުރު މެންބަރަކު ވަނީ ޝަހީދުކޮށްލައިފައިވާކަމަށެެވެ. މި ހަމަލާތައް ދީފައި މިވަނީ، އެއް އަހަރަށްވުރެ ގިނަ ދުވަހު ހިނގި ބޯޑަރު ހަމަނގާ ބަޔާންތައް ހުއްޓާލުމަށް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ކަމަށް ވިޔަސް، ފަހަކަށް އައިސް އިސްރާއިލްގެ އޮފިޝަލުން ވަނީ އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަ ކުރުމަށް ވައުދުވެފައެވެ.

އާދީއްތަ ދުވަހު އިސްރާއިލްގެ ދިފާޢީ ވަޒީރު އިޒްރޭލް ކާޓްޒް ވަނީ ހިޒްބުﷲ އަކީ "އަލިފާނާ ކުޅެމުންދާ" ބައެއް ކަމަށް އިންޒާރު ދެއްވާފައެވެ. އަދި އެ ޖަމާއަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގައި ލުބްނާނުގެ ރައީސް "ފަސްޖެހެމުންދާ" ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ. ދިގުދެމިގެންދާ މި ހަނގުރާމައިގެ ސަބަބުން ބަލިކަށިވެފައިވާ ހިޒްބުﷲ އަށް ހަތިޔާރު ބަހައްޓަން ބައިނަލްއަޤްވާމީ ޕްރެޝަރު ވަނީ ބޮޑުވެފައެވެ. އެމެރިކާއިން ވަނީ އިސްރާއިލާ ސީދާ މަޝްވަރާ ކުރުމަށް މަސައްކަތް ކުރުމަށް ލުބްނާނަށް ގޮވާލާފައެވެ. އެމެރިކާގެ މަންދޫބު ޓޮމް ބެރަކް ވިދާޅުވީ ވޮޝިންޓަންއިން "މަޝްވަރާތަކަށް ހިތްވަރުދެމުން"ދާ ކަމަށެވެ.

ލުބްނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ހޮނިހިރު ދުވަހު ނަބަތީހްގައި އިސްރާއިލުން ދިން ހަމަލާތަކެއްގައި ހަތަރު މީހަކު ވަނީ ޝަހީދުވެފައިވެއެވެ.

 ރައީސް ޖޯސެފް އައުން ވަނީ އިސްރާއިލާ "އަމާންކަމަށް ދެވޭ އިޝާރާތްތަކަށް ޖަވާބުދެމުންދަނީ ވައިގެ ހަމަލާތައް ވަރުގަދަކޮށްގެން" ކަމަށް ތުހުމަތުކުރައްވާފައެވެ. މި ހަމަލާތަކުގެ ސަބަބުން އިސްރާއިލާއި ހިޒްބުﷲ އާ ދެމެދު އަލުން ހަމަލާތައް ބޮޑުވެދާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ. އެހެނީ ބަލިކަށިވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މާނައެއް ނެތް ކަމަށް މިހާރު ވަނީ ފެންނަން ފަށާފައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން