ދުނިޔެ
ފަލަސްތީނުގެ ޤައިދީންނަށް މަރުގެ އަދަބު ދިނުމުގެ ބިލެއް އިސްރާއީލުން ކުރިއަށް ގެންދަނީ
އިސްރާއިލްގެ ސިފައިންތަކެއް ފަލަސްޠީނުގެ ގައިދީންތަކެއް އެއްކޮށްގެން
ފަލަސްތީނުގެ ގައިދީންނަށް މަރުގެ އަދަބު ދިނުމުގެ ބިލެއް އިސްރާއީލުގެ ޕެނަލަކުން ހޯމަ ދުވަހު ފާސްކޮށް، އެ ބިލު މަޖިލީހަށް ފޮނުވުމުގެ މަގު ފަހިކޮށްފިއެވެ.
މިކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރުގެ ހައްދުފަހަނަޅާފައިވާ ޔަހޫދީ ޕާވަރު ޕާޓީން ހުށަހެޅި މި ހުށަހެޅުމުގެ ދަށުން، "ޤައުމީ ސަބަބުތަކަށް" އިސްރާއީލުގެ ވަޒަންވެރިން މަރާލާ ފަލަސްތީނުގެ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ބާރު އިސްރާއީލުގެ ކޯޓުތަކަށް ލިބިގެންދާނެއެވެ.
ނަމަވެސް، މި ޤާނޫނު ހިނގާނީ ހަމައެކަނި ފަލަސްތީނުގެ މީހުންގެ މައްޗަށް ކަމަށްވާއިރު، އެފަދަ ހާލަތްތަކުގައި ފަލަސްތީނުގެ މީހުން މަރާލާ އިސްރާއީލުގެ މީހުންނަށް މި ޤާނޫނު ހިނގާ ގޮތަކަށް އެކުލަވާލާފައެއް ނުވެއެވެ. މި ބިލު ކުރިއަށް ގެންދިއުމަށް ހައްދުފަހަނަޅާފައިވާ އިސްރާއީލުގެ ޕާޓީތަކުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާ ފެށުމުގެ ކުރިން ވެސް މަސައްކަތްކޮށްފައެވެ. އަދި ފަހަކަށް އައިސް މި ބިލު އަލުން ފާސްކުރުމަށް ގޮވާލުންތައް ވަނީ އިތުރުވެފައެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ބިލު ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާކަމަށް، ގައިދީންނާއި ގެއްލިފައިވާ މީހުންގެ ކޯޑިނޭޓަރު ގަލް ހާޝް ބުނެފައިވެއެވެ. އޭނާ ވަނީ ހޯމަ ދުވަހު ވޯޓު ނެގުމުގެ ކުރިން ކޮމިޓީއާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ. ހާޝް ބުނީ ބަހުސްގެ ކުރިން ނަތަންޔާހޫއާ އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވި ކަމަށާއި، ދެ މީހުން ވެސް މި އާ ޤާނޫނު ތަޢާރަފުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. ކުރިން ހާޝް މި ބިލަށް ދެކޮޅު ހެދީ، ޣައްޒާގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ހުރަސް އެޅިދާނެ ކަމުގެ ބިރު އޮތުމުންނެވެ. ނަމަވެސް، މިދިޔަ މަހު ހަމާސްއިން ދޫކޮށްލި ހުރިހާ ގައިދީން ދޫކޮށްލުމަށްފަހު، އޭނާގެ ދެކޮޅު ހެދުން މިހާރު ވަނީ "ބޭކާރު" ކަމަކަށް ވެފައި ކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި ބިލު އިސްރާއީލުގެ މަޖިލީސް، ނުވަތަ ކްނެސެޓްގައި ބުދަ ދުވަހު ފުރަތަމަ ކިޔުން ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތެވެ. ބެން-ގްވީރު ވަނީ ނަތަންޔާހޫގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ އެކްސްގައި ލިޔެފައިވަނީ، "ޓެރަރިސްޓުންނަށް މަރުގެ އަދަބު ދިނުމަށް ޔަހޫދީ ޕާވަރުގެ ބިލަށް އެއްބާރުލުން ދެއްވީތީ ބޮޑުވަޒީރަށް ޝުކުރު ދަންނަވަން" ކަމަށެވެ.
ނަމަވެސް، އޭނާ ވަނީ އަދަބު ކަނޑައެޅުމުގައި ކޯޓުތަކަށް އިޚްތިޔާރު ލިބިގެންނުވާނެ ކަމަށް ބާރުއަޅާފައެވެ. އަދި "މީހުން މަރަން ނިކުންނަ ކޮންމެ ޓެރަރިސްޓަކަށް ވެސް މަރުގެ އަދަބު ދޭނެކަން އެނގެން ޖެހޭނެ" ކަމަށްވެސް ބުނެފައިވެއެވެ.
ހަމާސްއިން ވަނީ މި އަމަލު ކުށްވެރިކޮށް، މި ބިލަކީ "ޒަޔަނިސްޓް އިޙްތިލާލުގެ ނުބައި ފެސިސްޓް ސޫރަ" ކަމަށް ސިފަކޮށްފައެވެ. އެ ޖަމާޢަތުން ވަނީ "އިސްރާއީލުގެ ޖަލުތަކަށް ވަދެ ފަލަސްތީނުގެ ގައިދީންގެ ހާލަތު ބެލުމަށް ބައިނަލްއަޤްވާމީ ކޮމިޓީތައް އެކުލަވާލުމަށް" ގޮވާލާފައެވެ. ޣައްޒާގައި ހުންނަ އެންޖީއޯއެއް ކަމަށްވާ ފަލަސްތީނުގެ ގައިދީންގެ ވަކާލާތުކުރާ މަރުކަޒުން ބުނީ މި ބިލަކީ "އިސްރާއީލުގެ ހަނގުރާމައިގެ ޖަރީމާއެއް" ކަމަށާއި، އޭގެ ނަތީޖާއާމެދު އިންޒާރު ދީފައިވާ ކަމަށެވެ. މި ހައްގުތަކަށް ވަކާލާތުކުރާ ޖަމާޢަތުން އިތުރަށް ބުނީ، "މި ނުބައި އަމަލުގެ ނަތީޖާ މާ ބޮޑަށް ވެސް ގޯސް ވާނެ ކަމަށާއި، މުޅި ސަރަހައްދުން ކުރިމަތިލާންޖެހޭ ނަތީޖާ އެއްވެސް މީހަކަށް ލަފާ ނުކުރެވޭފަދަ އާ ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލާނެ" ކަމަށެވެ.
މިހާރު ވެސް 10،000 އަށް ވުރެ ގިނަ މީހުން އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ކަމަށް ލަފާކުރެވޭއިރު، ޚާއްސަކޮށް ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގި ދުވަސްވަރު އެތައް ބަޔަކު ވަނީ ގެއްލިފައެވެ. އިސްރާއީލުން ވަނީ ގިނަ ގައިދީންގެ މައުލޫމާތު ދިނުން ހުއްޓާލާފައެވެ.