ދުނިޔެ
ރަފާ ސަރަޙައްދުގައި އިސްރާއިލްގެ ހަމަލާތަކުގައި 3 މީހަކު ޝަހީދުވެއްޖެ
ޣައްޒާގައި ޝަހީދުންގެ ހަށިތަކެއް އުފުލަނީ
ޣައްޒާގެ ދެކުނުގައިވާ ރަފާގެ އުތުރު ސަރަޙައްދުގައި އިސްރާއިލްގެ ޙަމަލާތަކުގައި ފަލަސްތީނުގެ 3 ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ނާޞިރު މެޑިކަލް ކޮމްޕްލެކްސް އިން މިއަދު (ހޯމަ) ވަނީ ހާމަކޮށްފިއެވެ.
ޚާން ޔޫނިސްގެ އިރުމަތީގައިވާ ބަނީ ސުހައިލާގައި އިސްރާއިލްގެ ޑްރޯނެއްގެ ޙަމަލާއެއްގައި ފަލަސްތީނުގެ އިތުރު ރައްޔިތަކަށް ވަނީ އަނިޔާވެފައެވެ.
އިސްރާއިލްގެ ސިފައިން ބުނެފައިވަނީ ޣައްޒާގެ ދެކުނު ބޯޑަރު ކައިރީގައިވާ 'ޔެލޯ ލައިން' ހުރަސްކުރަން އުޅުނު ކަމަށް ބުނާ 'ޓެރަރިސްޓުން' މަރާލާފައިވާ ކަމަށެވެ. އަދި އަލް-ޖަޒީރާގެ ނޫސްވެރިއަކު ބުނެފައިވާ ގޮތުގައި ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ އިރުމަތީ ސަރަޙައްދުތަކަށް އިސްރާއިލްގެ ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވާކަމަށެވެ.
އަނެއްކޮޅުން، އިސްރާއިލްގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލް ސިފައިން މިއަދު ވަނީ ޣައްޒާއާއި މިޞްރުގެ ބޯޑަރުގައިވާ ފިލަޑެލްފިއާ ކޮރިޑޯ ބަންދުކޮށްފައެވެ. މިއީ އެންމެ ފަހުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މަރުވި އިސްރާއިލްގެ ހައްޔަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހޯދުމުގެ އޮޕަރޭޝަންތަކުގެ ތެރެއިން ކުރި ކަމެކެވެ.
މީގެ ކުރިން، ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއިލުން ހިންގާފައިވާ ނަސްލު ނައްތާލުމުގެ ޙަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ ޢަދަދު 68,865 އަށް އަރާފައިވާ ކަމަށާއި، އަނިޔާވި މީހުންގެ ޢަދަދު 170,670 އަށް އަރާފައިވާ ކަމަށް ހާމަކޮށްފައެވެ. މިނިސްޓްރީގެ ދުވަހު ތަފާސްހިސާބު ރިޕޯޓުގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ޣައްޒާގެ ހޮސްޕިޓަލްތަކަށް 7 ޝަހީދުން ގެނެސްފައިވާ ކަމަށާއި، އޭގެ ތެރޭގައި 3 އާ ޝަހީދުންނާއި، ހަށިގަނޑުތައް ހޯދުމުގެ މަަސައްކަތް ކުރާ ސައިޓަކުން ގެނައި 3 ހަށިގަނޑާއި، އަނިޔާގެ ސަބަބުން މަރުވި ޝަހީދަކު ހިމެނޭ ކަމަށެވެ. މީގެ އިތުރުން 6 މީހަކަށް އަނިޔާވެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެ އަހަރަށް ދެމިގެންދިޔަ އިސްރާއިލްގެ ޙަމަލާތަކުގައި ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާއެއް ހިންގާފައިވާއިރު، މި ޙަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި އިންސާނީ ކާރިސާއެއް ކުރިމަތިވެ، ޣައްޒާގެ 90% އަށް ވުރެ ގިނަ އުމްރާނީ ބިނާތަކަށް ގެއްލުން ވެފައިވެއެވެ. މި ގެއްލުންތަކުގެ ޖުމްލަ އަގު 70 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.