ދުނިޔެ

ޣައްޒާގެ ޞުލްޙައިގެ ކުރިއަށް މަރުޙަލާގެ ކަންކަމާ މަޝްވަރާކުރުމަށް ތުރުކީވިލާތުގައި ބައްދަލުވުމެއް ބާއްވައިފި

ޣައްޒާގެ ޞުލްޙައިގެ ކުރިއަށް މަރުޙަލާގެ ކަންކަމާ މަޝްވަރާކުރުމަށް ތުރުކީވިލާތުގައި ބައްދަލުވުމެއް ބާއްވައިފި

ޣައްޒާގެ އިމާރާތްތައް ހަލާކުވެފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ނޮވެމްބަރު 2025، 08:06

03 ނޮވެމްބަރު 2025، 08:06

ޣައްޒާގައި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، އެ ސަރަޙައްދުގެ ކުރިއަށް އޮތް މަރުޙަލާގައި ކުރިއަށް ދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ތުރުކީގެ އިސްތަންބޫލްގައި މިއަދު ބާއްވައިފިއެވެ.

 މި ބައްދަލުވުން ބާއްވާފައި މިވަނީ، ޙަމާސް ޖަމާޢަތުން އެއްބަސްވުމަށް ތަބާވުމަށް ކަނޑައަޅާފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެފައި ވަނިކޮށެވެ.

މިއަދުގެ ބައްދަލުވުމުގައި ތުރުކީ، ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، އުރުދުން، ޔޫއޭއީ، ޕާކިސްތާނު، އަދި އިންޑޮނޭޝިއާ ހިމެނޭހެން ޖުމްލަ ހަތް ޤައުމަކުން ބައިވެރިވެއެވެ. މި ޤައުމުތަކުގެ ވެރިންނާއި އިސް ބޭފުޅުން ވަނީ މީގެ ކުރިން ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނިއުޔޯކުގައި ބޭއްވި އ.ދ. ގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން އެމެރިކާގެ ރައީސް ޓްރަމްޕާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު ޓްރަމްޕް ވަނީ ޣައްޒާއާ ބެހޭ އޭނާގެ ޕްލޭން އިޢުލާންކުރައްވާފައެވެ.

ބައްދަލުވުން ފެށުމުގެ ކުރިން ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވީ، ޣައްޒާގައި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ހުރިހާ މާއްދާއަކަށް ޢަމަލުކުރުމަށް ޙަމާސް ޖަމާޢަތުން އަޒުމުކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އިސްރާއީލުން އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް ނުކުރާކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައެވެ. އޯއައިސީ ގެ އިޤްތިޞާދީ އަދި ވިޔަފާރީގެ އެއްބާރުލުމުގެ ދާއިމީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ، ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތުގައި އޯއައިސީއިން އިސް ދައުރެއް އަދާކުރާނެ ކަމަށެވެ.

އުރުދުޣާން ވިދާޅުވީ، މި މަރުޙަލާގައި ޣައްޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށާއި، އެއަށްފަހު އަލުން ބިނާކުރުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ. އަދި މިކަން ހުއްޓުވުމަށް އިސްރާއީލުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

"ޢަރަބި ލީގާއި އޯއައިސީ ތައްޔާރުކޮށްފައިވާ އަލުން ބިނާކުރުމުގެ ޕްލޭން އަވަހަށް ތަންފީޒުކުރަން ޖެހޭ ކަމަށް އަޅުގަނޑުމެން ދެކެން،" އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން މިދިޔަ ހަފްތާގައި ވިދާޅުވީ، އިސްތަންބޫލް ބައްދަލުވުމުގެ މަޤްޞަދަކީ "އަޅުގަނޑުމެންގެ ކުރިއެރުން ވަޒަންކުރުމާއި، ކުރިއަށް އޮތް މަރުޙަލާގައި އެކުގައި ހާސިލުކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުން،" ކަމަށެވެ. އަދި "ސުލްޙައިގެ ޕްލޭނެއް ފެންނަން ފަށައިފި، އެއީ އެންމެންނަށް އުންމީދުގެ ކުޑަ އަލިކަމެއް ގެނެސްދޭނެ،" ކަމަށް އޭނާ ވިދާޅުވިއެވެ. ފިދާން ވިދާޅުވީ، މަޝްވަރާތަކުގައި "އެ ޕްލޭން ތަންފީޒުކުރުމަށް ހުރި ހުރަސްތައް ކޮބައިތޯ؟ ގޮންޖެހުންތައް ކޮބައިތޯ؟ ކުރިއަށް އޮތް ފިޔަވަޅުތައް ކޮބައިތޯ؟ ހުޅަނގުގެ ޤައުމުތަކާ މަޝްވަރާކުރާނީ ކޮން ކަންތައްތަކާ ބެހޭގޮތުންތޯ؟ އަދި އެމެރިކާއާ އެކު ކުރިއަށްދާ މަޝްވަރާތަކަށް ލިބެން ހުރި އެހީތެރިކަމަކީ ކޮބައިތޯ؟" މިފަދަ ސުވާލުތަކަށް ޖަވާބު ހޯދާނެ ކަމަށެވެ. 

އިސްތަންބޫލްގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، "ޣައްޒާގައި ހިނގާ ޤަތުލުއާންމު ހުއްޓުވަން ޖެހޭ، ހަމަލާ ހުއްޓާލުން އެކަނި ނުފުދޭ،" ކަމަށާއި، ދެ ދައުލަތުގެ ހައްލަކަށް އޭނާ އަލުން ބާރުއެޅުއްވިއެވެ.

ތުރުކީގެ ޚާރިޖީ ވުޒާރާގެ މަސްދަރުތަކުން ބުނާ ގޮތުގައި، ފިދާން މިއަދު ގޮވާލާނީ "ފަލަސްޠީނުގެ ރައްޔިތުންނަށް ޣައްޒާގައި ސަލާމަތާއި ވެރިކަން ކަށަވަރުކުރުމަށް މަގުފަހިކުރާނެ މެކޭނިޒަމްތަކެއް ޤާއިމުކުރުމަށެވެ." ޣައްޒާގައި ހަމަލާ ހުއްޓާލުމަށް މެދުވެރިއެއްގެ ދައުރު ތުރުކީން ވަނީ މުހިންމުކޮށް އަދާކޮށްފައެވެ. މިއަދުގެ ބައްދަލުވުމުގެ ކުރިން ތުރުކީގެ ޚާރިޖީ ވަޒީރު ވަނީ ޙަމާސް ޖަމާޢަތުގެ ސިޔާސީ ބިއުރޯގެ މެންބަރުންނާ އިސްތަންބޫލްގައި ބައްދަލުކުރައްވައި، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭނާ އެއްގޮތަށް، މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއް ވަނީ ޢަމަލުކުރަމުންނެވެ. ނަމަވެސް އިސްރާއީލުން ވަނީ އެ އެއްބަސްވުމާ ޚިލާފުވުމުގެ ތަކުރާރު ޢަމަލުތައް ހިންގާފައެވެ. ޓްރަމްޕްގެ 20 މާއްދާގެ ޕްލޭނުގައި ފަހުގެ މަރުޙަލާއެއްގައި "ވަގުތީ ބައިނަލްއަޤްވާމީ ސުތަޤްރާރު ޤާއިމުކުރާނެ ބާރެއް ޣައްޒާގައި އަވަހަށް ޤާއިމުކުރުމަށް" ބަޔާންކޮށްފައިވެއެވެ. އަދި އެ ބާރުން "ޤަބޫލުކުރެވޭ ފަލަސްޠީނުގެ ފުލުހުންގެ ބާރަކަށް ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދޭނެ" ކަމަށް ވެސް ވެއެވެ. މި ބާރު ޤާއިމުކުރަން ޖެހެނީ އިސްރާއީލުގެ ސިފައިން މަޑުމަޑުން ފޭބުމާއެކު، ސަރަޙައްދުގައި ހަމަޖެހުން ކަށަވަރުކުރުމަށެވެ. އަދި މި ބާރުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ޢަރަބި އަދި މުސްލިމު ޤައުމުތަކުގެ ސިފައިންނެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން