ދުނިޔެ
ތުރުކީގެ ރިސޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާއަކާ ގުޅިގެން އެކަމުގައި އިހުމާލުވި މީހުންގެ މައްޗަށް ޖަލު ޙުކުމް އިއްވައިފި
އަލިފާނުގެ ހާދިސާ ހިނގި ރިސޯޓް
ތުރުކީގެ ހުޅަނގު އުތުރުގައިވާ ބޮލޫ ފަރުބަދާގައި ހުންނަ ސްކީ ރިޒޯޓެއްގެ ހޮޓަލެއްގައި މިދިޔަ ޖެނުއަރީ މަހު ހިނގި އަލިފާނުގެ ހާދިސާގައި 78 މީހުން މަރުވުމާ ގުޅިގެން، އެކަމުގައި އިހުމާލުވި މީހުންގެ މައްޗަށް އެޤައެއުމުގެ ކޯޓަކުން އުމުރު ދުވަހުގެ ޖަލު ޙުކުމް އިއްވައިފި އެވެ.
ސްޓޭޓް ޓީވީ ޓީއާރުޓީ ޚަބަރުގައި ބުނެފައިވާ ގޮތުގައި، ހުކުރު ދުވަހު ޙުކުމް އިއްވި މީހުންގެ ތެރޭގައި އިސްތަންބޫލާ 295 ކިލޯމީޓަރު ދުރުގައިވާ ކާރްތާލްކާޔާ ސްކީ ރިޒޯޓްގައި ހުންނަ ގްރޭންޑް ކާރްތާލް ހޮޓަލުގެ ވެރިޔާ ހާލިތު އާރްގޫލް ހިމެނެ އެވެ. އަދި ހޮޓަލުގެ މެނޭޖްމަންޓް ޓީމުގައި ހިމެނޭ ހާލިތުގެ އަނބިކަނބަލުން އެމީނާ އާރްގޫލް އާއި ދެ އަންހެން ދަރިން ކަމަށްވާ އެލިފް އަރަސް އާއި ސެއިދާ ހާޖީބެކިރޯގްލޫ އަށް ވެސް ވަނީ ހުކުމް އިއްވާފަ އެވެ. މީގެ އިތުރުން ހޮޓަލުގެ ޖެނެރަލް މެނޭޖަރު އެމީރު އަރަސް އާއި ބޮލޫގެ ޑެޕިއުޓީ މޭޔަރު ސެދާތު ގޫލެނަރު އާއި އެހެން ހޮޓަލެއްގެ ޑިރެކްޓަރު އަހުމަދު ދެމީރު އަށް ވެސް ޙުކުމް އިއްވިއިރު، އެ ދެ މީހުންނަކީ ވެސް ގްރޭންޑް ކާރްތާލް ހޮޓަލުގެ ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ދެ މީހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޖެނުއަރީ 21 ވަނަ ދުވަހުގެ ރޭ ގްރޭންޑް ކާރްތާލް ހޮޓަލުގެ ރެސްޓޯރެންޓްގަ އެވެ. އަލިފާންގަނޑު ވަރަށް އަވަހަށް 12 ބުރީގެ ހޮޓަލުގެ އެކި ހިސާބުތަކަށް ފެތުރި، އެ ހޮޓަލުގައި ތިބި 238 މެހެމާނުންގެ ތެރެއިން 78 މީހުން މަރުވިއިރު، އޭގެ ތެރޭގައި 34 ކުދިން ހިމެނެ އެވެ. މި ހާދިސާ ހިނގާފައިވަނީ ސްކޫލް ބަންދުގެ ދުވަސްވަރު އަންކާރާ އާއި އިސްތަންބޫލުން ގިނަ އާއިލާތަކެއް ސްކީ ކުރުމަށް ބޮލޫ ފަރުބަދަތަކަށް ދަތުރުކުރާ ދުވަސްވަރެއްގަ އެވެ. އަލިފާނުން ސަލާމަތްވުމަށްޓަކައި ބައެއް މެހެމާނުން ރޭގަނޑުގެ ވަގުތުގައި ކުޑަދޮރުތަކުން ފުންމާލަން މަޖުބޫރުވުމުގެ ސަބަބުން އިތުރު 137 މީހުންނަށް އަނިޔާ ވެފައިވެ އެވެ.
ކޯޓުން ޙުކުމް އިއްވި މީހުންނަށް، މި ހާދިސާގައި މަރުވި 34 ކުދިންނަށްޓަކައި ޖުމްލަ 34 “އާގްރަވޭޓެޑް” އުމުރު ދުވަހުގެ ޖަލު ޙުކުމް ވަނީ އިއްވާފަ އެވެ. ކޯޓު ރޫމްގައި ތިބި މީހުން ވަނީ މި ޙުކުމަށް ތަރުހީބުދީ އަތްތިލަބަޑި ޖަހާފަ އެވެ.
މި އަލިފާނުގެ ހާދިސާއާ ގުޅިގެން ތުރުކީގައި ރުޅިވެރިކަން ފެތުރިގެން ދިޔައެވެ. ސަލާމަތްވި މީހުން ބުނި ގޮތުގައި އަލިފާނުގެ ސަބަބުން ސައިރަން ނޭޅުމާއި އަދި އެއްވެސް އަލިކަމެއް ނެތް ދުންފިލާފައިވާ ކޮރިޑޯތަކުން ނިކުންނަން ޖެހުމުން، ހޮޓަލުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ މިންވަރާ މެދު ސުވާލު އުފެދުނެވެ.
އެކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް އޮތް ޕްރެޝަރާ އެކު، ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަގުތުން ނުވަ މީހަކު ހައްޔަރުކޮށް، އަދި ސަރުކާރުން ވަނީ ތަހުޤީޤު ހިންގުމަށް ހަ ޕްރޮސެކިއުޓަރުން ހަމަޖައްސާފަ އެވެ. ދާޚިލީ ކަންކަމާ ބެހޭ ވަޒީރު އަލީ ޔެރްލިކާޔާ ވަނީ އަލިފާނުގެ ހާދިސާ ހިނގި ހޮޓަލުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، "މި ހިތާމަ ގެނެސްދިން ފަރާތްތައް އަދުލުން ސަލާމަތްވެގެން ނުދާނެ" ކަމަށް ވައުދުވެފަ އެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވެސް ވަނީ ޤައުމީ ހިތާމައިގެ ދުވަހެއް ކަނޑައަޅުއްވައި، އަނިޔާ ލިބުނު މީހުންގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފަ އެވެ.