ދުނިޔެ
ތުރުކީވިލާތުގައި ޢިމާރާތެއް ވެއްޓި ކުޑަދެކުދިން މަރުވެއްޖެ
ވެއްޓުނު އިމާރާތުގެ ދަށުން ގެއްލުނު މީހުން ހޯދަނީ
ތުރުކީވިލާތުގެ ހުޅަނގު އުތުރުގެ ޝަހަރު ގަބްޒޭގައި ހުރި ހަތް ބުރީގެ އެޕާޓްމަންޓް އިމާރާތެއް ބުދަ ދުވަހުގެ ފަތިހު ވެއްޓި، ފަސް މީހުންގެ އާއިލާއެއް ވަޅުލެވި، އޭގެ ތެރެއިން ދެ ކުދިން މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވި ދެ ކުދިންގެ ހަށިގަނޑު ވަނީ ނަގާފައެވެ. އަދި މިހާރުވެސް ދެމަފިރިން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ސަރުކާރު ހިންގާ ޓީއާރުޓީ ނިއުސް ޗެނަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާއިލާގައި ހިމެނެނީ 43 އަހަރުގެ ފިރިހެނެއް، 37 އަހަރުގެ އަންހެނެއް އަދި އެމީހުންގެ ތިން ކުދިންނެވެ. ދާޚިލީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު މެހްމެތު އަކްތާސް ނޫސްވެރިންނަށް ވިދާޅުވީ، 18 އަހަރުގެ ދިލާރާ ބިލިރު ސަލާމަތްކުރެވިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ކޮއްކޮ، 14 އަހަރުގެ ހައިރުއްނިސާ އާއި، ކޮއްކޮ، 12 އަހަރުގެ މުޙައްމަދު އެމިރުގެ ހަށިގަނޑު ވަނީ ކުރިން ނަގާފައެވެ.
ޓީއާރުޓީން ބުނި ގޮތުގައި، މިހާރުވެސް އެދެމަފިރިން ހޯދުމުގެ މަސައްކަތުގައި 627 މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ސަރުކާރުގެ އަނަދޮލޫ އެޖެންސީން ބުނި ގޮތުގައި، އިމާރާތް ވެއްޓުނު ސަބަބު އަދި ނޭނގެއެވެ. ނަމަވެސް ގަބްޒޭގެ މޭޔަރު ޒިންނޫރު ބުޔުކްގޮޒް، ލޯކަލް މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މިކަން ހިނގީ ކައިރީގައި ހަދަމުންދާ މެޓްރޯގެ މަސައްކަތާ ގުޅިގެން ކަމަށް ވެދާނެ ކަމަށެވެ.
ގަބްޒޭ އަކީ އުތުރު އެނަޓޯލިއަން ފޯލްޓް ލައިންގެ މަތީގައި އޮންނަ ސަރަހައްދެއް ކަމުން، 1999 ވަނަ އަހަރުގެ ބާރުގަދަ ބިންހެލުމުގައި އެންމެ ބޮޑަށް އަސަރުކުރި އެއް ސަރަހައްދެވެ. އެ ބިންހެލުމުގައި ޖުމްލަ ގާތްގަނޑަކަށް 18,000 މީހުން މަރުވިއެވެ.
މާހިރުން ވަނީ ތުރުކީވިލާތުން ބިންހެލުންތަކަށް ތައްޔާރުވުމުގެ ގޮތުން ޒަމާނީ އިމާރާތް ކުރުމުގެ ޤަވާއިދުތައް ތަންފީޒު ނުކުރުމަކީ ބިންހެލުން އަންނަ ސަރަހައްދުތަކަށް ބޮޑު ނުރައްކަލެއް ކަމަށް ދިގު މުއްދަތެއްގައި އިންޒާރު ދީފައެވެ. މިދިޔަ ޖަނަވަރީ މަހު ކޮންޔާގައި ހަތަރު ބުރީގެ އިމާރާތެއް ވެއްޓި ދެ މީހުން މަރުވިއެވެ. އެ އިމާރާތުގެ ބިމުގެ ފަންގިފިލާ ކުއްޔަށް ހިފައިގެން ތިބި ވިޔަފާރިވެރިން، އިތުރު ޖާގަ ހޯދުމަށްޓަކައި އިމާރާތުގެ ސަޕޯޓް ކޮލަމްތައް ނައްތާލީތޯ ބެލުމަށް މިހާރު ދަނީ ޝަރީޢަތް ކުރަމުންނެވެ. މިގޮތަށް ޢަމަލުކުރުމަކީ ބޮޑު އަދަބެއް ލިބޭ ކަމެއް ނަމަވެސް، މިއީ އާންމުކޮށް ހިންގާ ކަމެކެވެ. އެމީހުން ކުށް ސާބިތުވެއްޖެނަމަ 22 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެއެވެ.