ޚަބަރު
ދިއްފުށީގައި ސްޓެލްކޯއިން ޤާއިމްކުރި އައު އިންޖީނުގެ ހުޅުވައިފި
ދިއްފުށީ އައު އިންޖީނުގެ ހުޅުވުން
ކ. ދިއްފުށީގައި ޤާއިމްކުރި ސްޓެލްކޯގެ އައު އިންޖީނުގޭގެ އިމާރާތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި އިމާރާތް ހުޅުއްވައިދެއްވީ، ރައީސް މިހާރު ކ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. އައު އިންޖީނުގެ ހުޅުވުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި، ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ދިއްފުށީ ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އައު އިންޖީނުގެ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އޮފީސް ބައްލަވާލައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން އައު އިންޖީނުގެ އިމާރާތުގެ އިތުރުން، ކަސްޓަމަރ ސަރވިސް ބިލްޑިންގ އާއި އިންފާރު ރާނާފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 2024 ޖޫން 26 ގައެވެ. އަދި މަސައްކަތް ނިންމާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަންވިލް ޕްރައިވެޓް ލިމިޓެޑާއާއެވެ. މި މަޝްރޫޢަށް ޖުމްލަ 12.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ސްޓެލްކޯއިން ދެއްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، ދިއްފުށީގެ ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 2.2 މެގަވޮޓެވެ. ނަމަވެސް އައު އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީއަކީ 7 މެގަވޮޓް ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މިއީ ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އައު އިންޖީނުގޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމްގެ އިތުރުން އޮފީސް ބަޔަކާއި، މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއްވެސް ހިމެނޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ. މިއީ ދިއްފުށީ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދިގު މުއްދަތަކަށް ބޭނުންވާނެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅުނު ބިންގަލެކެވެ.