ދުނިޔެ
ތުރުކީވިލާތުގެ ކޯޓަކުން ޖަލުގައި ހުންނެވި އެ ޤައުމުގެ ސިޔާސީ ބޭފުޅަކަށް ޖާސޫސް ކުރުމުގެ ދައުވާއެއް އުފުލައިފި
އެކްރެމް އިމާމޯގްލޫ ހައްޔަރުކުރުމާ ގުޅިގެން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
ތުރުކީވިލާތުގެ އިދިކޮޅު ލީޑަރު އަދި އިސްތަންބޫލްގެ މޭޔަރު އެކްރެމް އިމާމޯގްލޫއާ ދެކޮޅަށް އެ ޤައުމުގެ ކޯޓަކުން ޖާސޫސް ކުރުމުގެ ދައުވާއެއް އުފުލައިފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗް މަހުއެވެ. އަދި އޭނާ ހައްޔަރުކުރުމާ ގުޅިގެން ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފެށިގެން ދިޔައެވެ.
އިމާމޯގްލޫއާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ، ބޭރުގެ ސަރުކާރުތަކަށްޓަކައި އިންޓެލިޖެންސް ހަރަކާތްތައް ހިންގިކަމުގެ ތުހުމަތުގައި، ޖުލައި މަހު ހައްޔަރުކުރި ވިޔަފާރިވެރިއަކާ އޭނާއާ ގުޅުން ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ ހަފްތާގައި ތަޙުޤީޤުކުރަން ފެށުމާ ގުޅިގެންނެވެ.
އިމާމޯގްލޫގެ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އިން ބުނާ ގޮތުގައި، މި ދަޢުވާތަކަކީ އިދިކޮޅު ފަރާތްތަކުން ކުރިޔަށްގެންދާ އަނިޔާވެރިކަމުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.
އެކަމަކު، ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެއެވެ. އަދި ތުރުކީވިލާތުގެ ޝަރުޢީ ނިޒާމަކީ މިނިވަން ނިޒާމެއް ކަމަށާއި، މި ދައުވާތަކާއި ތަޙުޤީޤުތައް ހިންގަނީ އިދިކޮޅު ފަރާތްތަކުން ހިންގާފައިވާ ކޮރަޕްޝަނާއި އެހެނިހެން ޤާނޫނާ ޚިލާފު ޢަމަލުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ސަރުކާރުން ބުނެއެވެ. އިމާމޯގްލޫއާ ދެކޮޅަށް މާޗް މަހު ކޮރަޕްޝަންގެ ދައުވާތަކެއް އުފުލައި ހައްޔަރުކުރުމުން އެ ޤައުމުގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ހިނގާފައެވެ. އަދި ޖުލައި މަހު އިސްތަންބޫލްގެ ޕްރޮސެކިއުޓަރ ޖެނެރަލަށް ބަދުބަސް ބުނެ އަދި އިންޒާރު ދިނުމުގެ ކުށުގައި އޭނާ ޖަލަށް ލުމަށް ވަނީ ޙުކުމްކޮށްފައެވެ.
ސަރުކާރު ހިންގާ އަނަދޮލޫ ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި، އުރްދުޣާންގެ މައިގަނޑު އިދިކޮޅު ލީޑަރު ކަމަށްވާ އިމާމޯގްލޫއާ ދެކޮޅަށް ތުހުމަތުކުރެވޭ ކަންތައްތަކުގެ ތެރޭގައި، އޭނާގެ ރިޔާސީ ކެމްޕޭނަށް ބައިނަލްއަޤްވާމީ ފަންޑު ހޯދުމުގެ މަސައްކަތުގެ ތެރެއިން އިސްތަންބޫލްގެ ރައްޔިތުންގެ އަމިއްލަ މައުލޫމާތުތައް ބަދަލުކުރުން ހިމެނެއެވެ. އިމާމޯގްލޫ ވަނީ ކޯޓުގަޔާއި ސޯޝަލް މީޑިއާގައި ވެސް މި ހުރިހާ ދައުވާއެއް ދޮގުކޮށްފައެވެ.
"މިފަދަ ބަދުނާމު، ދޮގު އަދި ރޭވުންތައް ޝައިތާނާގެ ހިތަކަށް ވެސް ނާންނާނެ! ބަޔާންކުރަން ނޭނގޭހާ ލަދުވެތި ނާތަހުޒީބުކަމަކާ މި ކުރިމަތިލަނީ." އޭނާ އެކްސް ގައި ލިޔެފައިވެއެވެ.
އިމާމޯގްލޫގެ ކުރީގެ ކެމްޕޭން މެނޭޖަރު ނެކާޓީ އޮޒްކާންގެ އިތުރުން، ސަރުކާރަށް ފާޑުކިޔާ ޓީވީ ނިއުސް ޗެނަލް ޓެލެ1 ގެ އެޑިޓަރު-އިން-ޗީފް މަރްދާން ޔަނަރްދާގްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ. ޖާސޫސްކުރުމުގެ ތުހުމަތުތަކާ ގުޅިގެން މި ޗެނަލް ވަނީ މިދިޔަ ހުކުރު ދުވަހު ދައުލަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އިމާމޯގްލޫއާ ދެކޮޅަށް އިތުރު ދައުވާތައް އުފުލާފައި މިވަނީ، މިދިޔަ އަހަރުގެ ލޯކަލް އިލެކްޝަންތަކުގައި އިދިކޮޅު ފަރާތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.
މިކަމަށް ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި، އޭނާ ހައްޔަރުކުރުމާއި އޭގެ ފަހުން އިތުރު ދައުވާތައް އުފުލުމަކީ އިދިކޮޅު ފަރާތްތަކުގެ ބާރުކަނޑުވާލުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ސީއެޗްޕީގެ މޭޔަރުންނާއި މުނިސިޕަލްޓީތަކާ ދެކޮޅަށް ކޮރަޕްޝަނާ ގުޅޭ ތުހުމަތުތަކުގައި މި އަހަރުގެ ތެރޭގައި ވަނީ ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކޮށްފައެވެ. އެކަމަކު، ރައީސް އުރްދުޣާން ވަނީ ޝަރުޢީ ދާއިރާގެ ކަންކަމަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.