ޚަބަރު
ރައީސް މުޢިއްޒު އޮޅުވެލިފުށީ ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަދި މުއައްސަސާތަކާއި ބައްދަލުކުރައްވައިފި
ރައީސް މުޢިއްޒު އޮޅުވެލިފުށީ ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސް ވެރިންނާއި ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ. ކޮމިޓީ) އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް އެންމެ މުހިންމު ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ އޮޅުވެލިފުށީ ރިސޯސް ސެންޓަރުގައެވެ.
ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ނިމިފައިވާ ރަށުގެ ނަރުދަމާ ނިޒާމު ވީއެންމެ އަވަހަކަށް ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ނަރުދަމާ ނިޒާމުގެ ޕަންޕް ސްޓޭޝަނަށް ބޭނުންވާ ކަރަންޓު ނެޓްވޯރކް ރަނގަޅުކޮށްދެއްވުމަށާއި، ރަށުގެ ގިނަ ކަންކަމާއި ގުޅިފައިވާ ކަރަންޓުގެ މައްސަލަ ދާއިމީކޮށް ހައްލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހެލްތު ސެންޓަރުގެ އައު އިމާރާތަށްވެސް ކަރަންޓުގެ ޚިދުމަތް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދާއިރާއިން، ރަށުގެ ހެލްތު ސެންޓަރުން ކޮންމެހެން ބޭނުންވާ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށާއި، ރަށަށް ޚާއްޞަކޮށްގެން ސީއެމްބިއުލާންސެއްގެ ޚިދުމަތް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ތަޢުލީމީ ދާއިރާއިން، ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އަވަހަށް ނިންމަވައި ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. ކައުންސިލުން ވަނީ ވީއެންމެ އަވަހަކަށް ރަށުގެ ކަރަންޓް އަދި ޞިއްޙީ ދާއިރާގެ ކަންކަން އަވަސްކޮށްދެއްވުމަށް ރައީސަށް ދަންނަވާފައެވެ.
މީގެ އިތުރުން، ރަށުގެ މަގުހެދުމުގެ މަޝްރޫޢު ފެށުމަށާއި، ޒުވާނުންނަށް ބޭނުންވާ ފުޓްސަލް ދަނޑެއް ހަދައިދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި، މިހާރު ހުރި ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ ރައީސަށް ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންކަން ބައްލަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި، ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރައްވާފައެވެ.