ޚަބަރު
ކުރިއަށް މިއޮތް ރޯދަމަހުގެ ކުރިން އޮޅުވެލިފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދޭނަން: ރައީސް މުޢިއްޒު
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ހުލާސާ
ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ޅ. އޮޅުވެލިފުއްޓަށް ދީމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އޮޅުވެލިފުށީގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްގެންދަވާނެކަމަށާއި، މި މަޝްރޫޢުތަކާއެކު ރަށަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށެވެ. ނަމަވެސް، ރަށުގައި ހުއްޓިފައި ހުރި ބައެއް މަސައްކަތްތައް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާއްޞަކޮށް ކަރަންޓުގެ ނެޓްވޯކް އަޕްގްރޭޑް ކުރަން ޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކަރަންޓުގެ މައްސަލަ ހައްލުނުވުމުގެ ސަބަބުން ނަރުދަމާ އަޅާފައި އޮތްނަމަވެސް އެ ނިޒާމާއި، ޞިއްޙީ މަރުކަޒަށް އިތުރު ކުރި ޖާގަ އެކަށީގެންވާ ގޮތަށް ބޭނުން ނުކުރެވޭކަމަށެވެ. މި މައްސަލަ ހައްލުކޮށްދިނުމަށް ފެނަކައަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، މަސައްކަތް ވަރަށް ގާތުން ބައްލަވާނެކަމަށް ރައީސް ޔަޤީންކަން ދެއްވިއެވެ.
ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވަކި އަމާޒެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން އެންމެ ލަސްވެގެން ރޯދަ މަހުގެ ކުރިން މުޅި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަމާޒަކީ މިއަހަރުގެ ތެރޭގައި ނަރުދަމާގެ މައްސަލައަށް ހައްލުގެނައުމަށްޓަކައި އަދި ސިއްޙީ މަރުކަޒަށް ބޭނުންވާ ކަރަންޓު މައްސަލައަށް ބޭނުންވާ ވަރަށް ހައްލުކޮށްދިނުން. އެންމެ ލަސްވެގެން ރޯދައިގެ ކުރިއަށް މުޅި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުން. ކަރަންޓުގެ މައްސަލަ ވަރަށް ގާތުން ސީދާ ރައަސް އޮފީހުން ވަރަށް ގާތުން ބަލާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ސްކޫލްގައި ހުއްޓިފައި ހުރި 10 ކްލާސްރޫމް ތަރައްޤީކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުންޏަށް މިހާތަނަށް ކުރި މަސައްކަތަށް ފައިސާ ދީފައިވާކަމަށެވެ. އަދި މި މަސައްކަތް ނިންމުމަށް ކުންފުންޏަށް އަންގާފައިވާކަމަށާއި، އިތުރަށް ބާރު އަޅާ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. ކްލާސްރޫމްތައް އިތުރުކުރުމުގެ މަސައްކަތުގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި މަލްޓިޕާޕަސް ހޯލެއް ތަރައްޤީކުރުމަށް ހިމަނުއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަމުންދަނީ ވަޢުދުވެވަޑައިގެންނެވި މަސައްކަތްތައް ނިންމުމާއެކު، އިތުރު ކަންކަންވެސް ރައްޔިތުން އެދޭގޮތަށް ކުރިއަށްގެންދިޔުމަށްކަމަށެވެ.
އެގޮތުން، އެރަށު ކައުންސިލުން ތަރައްޤީކުރާ ވޯލީކޯޓު އެޅުމަށްޓަކައި ކައުންސިލަށް ފައިސާ ދާދި އަވަހަށް ޖަމާކޮށްދޭނެކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި މަގު ހެދުމުގެ މަޝްރޫޢޫއެއްވެސް ކުރިއަށްގެންދަވާނެކަމަށާއި، ހުރިހާ ދާއިރާއަކުންވެސް ރަށަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ އޮޅުވެލިފުށީގެ ރައްޔިތުންނަށް ދެއްވާފައެވެ.