ދުނިޔެ

ބޮލީވުޑްގެ ދެ ތަރިއަކަށް މަކަރާ ހީލަތުން ފައިސާ ހޯދުމުގެ ތުހުމަތު!

ބޮލީވުޑްގެ ދެ ތަރިއަކަށް މަކަރާ ހީލަތުން ފައިސާ ހޯދުމުގެ ތުހުމަތު!

ޝްރޭޔަސް ތަލްޕަޑޭ އާއި އަލޯކް ނާތު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޮކްޓޯބަރު 2025، 07:34

25 އޮކްޓޯބަރު 2025، 07:34

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ހިންގި ބޮޑު މަކަރާއި ހީލަތުގެ މައްސަލައެއްގައި ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ޝްރޭޔަސް ތަލްޕަޑޭ އާއި އަލޯކް ނާތު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. މި ދެ ތަރިންނަކީ އިންވެސްޓަރުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމުގެ ދޮގު ވައުދުތައް ވެފައި، އެއްކުރި ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ ދެ މީހުންނެވެ.

މި މަކަރާގުޅޭ ސްކީމްގެ ތެރެއިން، އިންވެސްޓްކުރާ ފަރާތްތަކަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ވަޢުދުވެ، ގިނަ އަދަދެއްގެ މީހުން އޭގެ ތެރެއަށް ދަމައިގަނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މަޝްހޫރު އެކްޓަރުންގެ ބައިވެރިވުން އޮތުމުން، ގިނަ އިންވެސްޓަރުން މި ޕްރޮޖެކްޓަށް އިތުބާރު ކުރުމަށް ފަހު، ފައިސާ އިންވެސްޓުކޮށްފައިވެއެވެ. ނަމަވެސް، ވައުދުވި ފައިދާތައް ލިބުން ހުއްޓި، އިންވެސްޓަރުންގެ ފައިސާ ގެއްލިފައިވާކަން އެނގުމުން މައްސަލަތައް ފެށުނެވެ. ގިނަ އަދަދެއްގެ ޝަކުވާތައް ލިބުމާ ގުޅިގެން، އުއްތަރު ޕްރަދޭޝްގެ ކަމާބެހޭ ފަރާތްތަކުން މި މައްސަލަ ރަސްމީކޮށް ތަހުގީގުކުރަން ފެށީއެވެ.

މި މައްސަލައިގައި ފިލްމީ ދާއިރާގެ މަޝްހޫރު ފަރާތްތަކެއްގެ ނަން ހާމަވުމަކީ އާންމުންނަށް ބޮޑު ހައިރާންކަމެއް ގެނެސްފައިވާ ކަމެކެވެ. މިފަދަ މަކަރުވެރި ނެޓްވޯކްތައް މިހާބޮޑަށް ފުޅާވެ، މަޝްހޫރު ފަރާތްތައް ވެސް އޭގެ ތެރެއަށް ވަދެފައިވަނީ ކިހިނެއްތޯ ގިނަ ބަޔަކު ސުވާލުކުރަމުން ދެއެވެ. މާލީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ކުންފުންޏެއްގެ  މައުލޫމާތު ބަލާނުލައި، މަޝްހޫރު ފަރާތްތަކަށް އިތުބާރުކޮށްގެން މީހުން މިފަދަ މަކަރުތަކަށް ހެއްލެއެވެ.

އުއްތަރު ޕްރަދޭޝް ފުލުހުން ވަނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ އެކްޓަރުންނާއި އެހެނިހެން ފަރާތްތަކާ ސުވާލުކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ. އޮފިޝަލުން ޔަގީންކަން ދީފައިވަނީ، މި މައްސަލައާ ގުޅުންހުރި ކޮންމެ މީހެއްގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. ތަހުގީގުވެރިން މިހާރު ދަނީ ފައިސާ ދިޔަ މަގު ދެނެގަނެ، މި މަކަރުގެ ނެޓްވޯކްގެ އެހެނިހެން މެންބަރުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް ޝްރޭޔަސް ތަލްޕަޑޭ އާއި އަލޯކް ނާތު މި މައްސަލައާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. އެމީހުންގެ ގާނޫނީ ޓީމުތަކުން ރަސްމީ ބަޔާންތައް ތައްޔާރުކުރަމުންދާއިރު، އެ ބަޔާންތައް ވަރަށް އަވަހަށް ނެރޭނެ ކަމަށް ލަފާކުރެވެއެވެ. މި ހާދިސާގެ ސަބަބުން، މަކަރާއި ހީލަތުގެ މިފަދަ މައްސަލަތަކުގައި މަޝްހޫރު ފަރާތްތަކުގެ ދައުރާ ބެހޭގޮތުން ފުޅާ ދެފުށް ފެންނަ ބަހުސެއް ވަނީ ފެށިފައެވެ.  ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ފަރާތްތަކުން ވަނީ އެމީހުންގެ ހިޔާލު ފާޅުކޮށް، މިފަދަ މަކަރުތައް ހުއްޓުވުމަށް ހަރުކަށި ގަވާއިދުތަކެއް އެކުލަވާލުމަށް ގޮވާލާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން