ދުނިޔެ

ޕާކިސްތާނުގެ ނޭވީން އެއް ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި

ޕާކިސްތާނުގެ ނޭވީން އެއް ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި

ޕާކިސްތާން ނޭވީގެ އުޅަނދެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޮކްޓޯބަރު 2025، 03:44

22 އޮކްޓޯބަރު 2025، 03:44

ކޮމްބައިންޑް މެރިޓައިމް ފޯސަސް (ސީއެމްއެފް) ގެ ދަށުން މަސައްކަތްކުރާ ޕާކިސްތާން ނޭވީން އެރަބިއަން ކަނޑު ސަރަހައްދުން ދެ އުޅަނދަކުން ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިފިއެވެ.

ސީއެމްއެފްއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ވޭތުވެދިޔަ ހަފްތާގައި، 48 ގަޑިއިރުގެ ތެރޭގައި ދެ އޮޕަރޭޝަނެއްގައި 972 މިލިއަން ޑޮލަރަށްވުރެ ގިނަ އަގުހުރި މަސްތުވާތަކެތި އަތުލެވުނެވެ. އޮކްޓޯބަރު 18 ވަނަ ދުވަހު ފުރަތަމަ އުޅަނދުން 822.4 މިލިއަން ޑޮލަރުގެ 2 ޓަނަށްވުރެ ގިނަ ކްރިސްޓަލް މެތަމްފެޓަމައިން (އައިސް) އަތުލައިގަނެވުނެވެ.

އޭގެ 48 ގަޑިއިރު ނުވަނީސް، ދެވަނަ އުޅަނދަކުން 140 މިލިއަން ޑޮލަރުގެ 350 ކިލޯގްރާމްގެ އައިސް އަދި 10 މިލިއަން ޑޮލަރުގެ 50 ކިލޯގްރާމްގެ ކޮކެއިން އަތުލެވުނެވެ. މި އުޅަނދުތަކަކީ ވަކި ޤައުމަކަށް ނިސްބަތްނުވާ އުޅަނދުތަކެއްކަމަށް ސީއެމްއެފްއިން ފާހަގަކޮށްފައިވެއެވެ.

މި އޮޕަރޭޝަންތައް ކުރިއަށް ގެންދެވުނީ ސަޢުދީޢަރަބިއާގެ އިސްނެގުމުގެ ދަށުން ހިންގާ ކޮމްބައިންޑް ޓާސްކް ފޯސް 150 ގެ ސީދާ އެހީތެރިކަމާއެކުގައެވެ. ސީއެމްއެފްގެ ޓާސްކް ފޯސްގެ ކޮމާންޑަރު، ސަޢުދީޢަރަބިއާ ނޭވީގެ ކޮމޮޑޯ ފަހަދު އަލްޖޮއިއަދު ވިދާޅުވީ މިއީ ސީއެމްއެފްގެ އެންމެ ކާމިޔާބު އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަންކަމަށެވެ.

ސީއެމްއެފްއަކީ 47 ޤައުމެއްގެ ކަނޑުގެ ބައިވެރިވުން އެކުލެވޭ އިއްތިހާދެކެވެ. މި އިއްތިހާދުގެ މަސައްކަތަކީ ދުނިޔޭގެ އެންމެ މުހިންމު ނޭވީ ދަތުރުފަތުރުގެ މަގުތައް ހިމެނޭ 3.2 މިލިއަން އަކަމޭލުގެ ސަރަހައްދެއް ބެލެހެއްޓުމެވެ. ޕާކިސްތާން ނޭވީން ވަނީ މި ކާމިޔާބީއަކީ ސަރަހައްދީ ކަނޑުގެ ސަލާމަތާއި، ދުނިޔޭގެ އަމަން އަމާންކަމަށް އެ ޤައުމުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްކަމަށް ފާހަގަކޮށްފައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން