ދުނިޔެ

ޣައްޒާ ހިންގުމަށް އުފައްދާ ބައިނަލްއަޤްވާމީ ކޯލިޝަންގައި ތުރުކީވިލާތުގެ އެއްވެސް ބާރެއް ހިމަނަން ބޭނުމެއް ނުވޭ: ނަތަންޔާހޫ

ޣައްޒާ ހިންގުމަށް އުފައްދާ ބައިނަލްއަޤްވާމީ ކޯލިޝަންގައި ތުރުކީވިލާތުގެ އެއްވެސް ބާރެއް ހިމަނަން ބޭނުމެއް ނުވޭ: ނަތަންޔާހޫ

ޓްރަމްޕް އަދި ނަތަންޔާހޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޮކްޓޯބަރު 2025، 05:44

21 އޮކްޓޯބަރު 2025، 05:44

ޣައްޒާގައި ހަނގުރާމަ ހުއްޓުމަށްފަހު ޣައްޒާ ހިންގުމަށް ބައިނަލްއަޤްވާމީ ބާރުތަކުގެ ކޯލިޝަނެއް އުފެއްދުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ޣައްޒާގައި ތުރުކީގެ އެއްވެސް ބައިވެރިވުމަކަށް އިސްރާއީލުން ދެކޮޅުހަދާ ކަމުގެ މެސެޖެއް އެމެރިކާއަށް ފޮނުވާފައެވެ. 

މިކަން މިއަދު އިސްރާއީލީ ނޫސް "މައާރިފް" އިން ވަނީ ހާމަކޮށްފައެވެ.

އެނޫހުގައި ބުނެފައިވާ ގޮތުން، ނަތަންޔާހޫ މި ކަން ހާމަކުރީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބަލަހައްޓާ އެމެރިކާގެ އިސް އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުންތަކެއްގައެވެ.

ޑިޕްލޮމެޓިކް މަސްދަރުތަކުން މައާރިފްއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އެމެރިކާގެ ރައީސްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ބައިޑެންގެ ލަފާދޭ ޖެރެޑް ކުޝްނަރާ ވާހަކަދައްކަމުން ނެތަންޔާހޫ ވަނީ "ޣައްޒާގެ މަޝްރަޙުގައި ތުރުކީ ބައިވެރިކުރަން އުޅުމަކީ އިސްރާއީލުގެ ރަތް ރޮނގެއް ފަހަނައަޅާދިއުން" ކަމުގައި ބުނެފައެވެ.

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދޫޣާންގެ ވެރިކަމުގެ ދަށުގައިވާ ތުރުކީއަކީ "ދުޝްމަން ފަރާތެއް" ކަމަށް ނެތަންޔާހޫ ދެކޭކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި ހަމާސްއަށް ސިޔާސީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތުކުރާ ކަމަށް މަސްދަރުތަކުން ބުނެފައިވެއެވެ. އެހެންކަމުން އިންސާނީ ނުވަތަ މަދަނީ މަސައްކަތްތަކުގައި ނަމަވެސް ތުރުކީ ބައިވެރިވުމަކީ އިސްރާއީލަށް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.

މި ބަޔާންތައް އައިސްފައިވަނީ ހަނގުރާމައަށްފަހުގެ އިންތިޒާމުތައް ހަމަޖެއްސުމަށް، ވަގުތީގޮތުން ސަރަޙައްދުގެ ސަލާމަތާއި ބޯޑަރު ކްރޮސިންގްތައް ބެލެހެއްޓުމަށް ގިނަ ޤައުމުތަކުގެ ބާރެއް އުފެއްދުމަށް، އެމެރިކާއިން އިސްރާއީލާއި ޢަރަބި އަދި ހުޅަނގުގެ ވެރިރަށްތަކާއެކު މަޝްވަރާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން