ދުނިޔެ
އިންޑިއާގެ “ދިވާލީ ޕަޓާކާ” ތަކާއެކު ނިއުދިއްލީގެ ވައި ނުރައްކާތެރި މިންވަރަށް ތަޣައްޔަރުވެެއްޖެ
އިންޑިއާގައި ދިވާލީ ފާހަގަކުރަނީ
އިންޑިއާގައި ފާހަގަކުރާ “ދިވާލީ” ގައި ބޭނުންކުރި ބަޑިބޭސް ތަކުގެ ސަބަބުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެއްޖެއެވެ.
ސުވިސް އެއަރ ކޮލިޓީ ކުންފުނި އައިކިއުއެއަރ އިން ބުނާ ގޮތުގައި އަންގާރަ ދުވަހު ހެނދުނު ނިއުދިއްލީގެ އެއަރ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ވަނީ 442 އަށް އަރާފައެވެ.
ކޮންމެ އަހަރެކޭ ވެސް އެއްފަދައިން، "ދިވާލީ" ފާހަގަކުރުމަށް ހޯމަ ދުވަހުގެ ރޭ ބޭނުންކުރި ހބަޑިބޭހުގެ ސަބަބުން، ޓްރެފިކާއި، ސިނާއީ މަސައްކަތްތަކާއި، ދަނޑުވެރިކަމުގެ ސަބަބުން ފިނި މޫސުމުގައި އުފެދޭ ވައި ތަޣައްޔަރުވުން އިތުރުވެ، ނިއުދިއްލީ ވަނީ ދުނިޔޭގެ އެންމެ ވައި ތަޣައްޔަރު ސިޓީއަށް ވެފައެވެ.
އަންގާރަ ދުވަހު ހެނދުނު އެ ސިޓީގެ ވައިގައި ހުރި ޕީއެމް2.5 - ފުއްޕާމޭއަށް ވަދެ، ބޮޑެތި ބަލިތައް ޖެހުމަށް މަގުފަހިވާ ކުދި ޒައްރާތުގެ މިންވަރު - ވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އަހަރަކަށް ލަފާކުރާ މިންގަނޑަށްވުރެ 59 ގުނަ އިތުރުވެފައެވެ.
މިނިސްޓްރީ އޮފް އާރތު ސައިންސަސް އިން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވައިގެ ފެންވަރު ހުންނާނީ "ވެރީ ޕުއަރ" އާއި "ޕުއަރ" ދެމެދުގައެވެ. ކޮންމެ ފިނި މޫސުމެއްގައި ނިއުދިއްލީ އާއި އެ ސަރަހައްދުގެ އެހެން ސިޓީތަކުގައި ދުމުގެ ބޯ ފަށަލައެއް އުފެދެއެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ 20 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ފުއްޕާމޭގެ ބަލިތަކަށް ހުށަހެޅެއެވެ.
މި މައްސަލައާ ގުޅިގެން ކުރީގެ އަހަރުތަކުގައި ސްކޫލްތައް ބަންދުކުރުމާއި، އިމާރާތްކުރުމުގެ މަސައްކަތްތައް ހުއްޓުވުމާއި، އަމިއްލަ އުޅަނދުފަހަރު ދުއްވުން ކޮންމެވެސް ވަރަކަށް ހުއްޓުވާފައިވެއެވެ. ނަމަވެސް މިފަދަ މައްސަލަތަކާ ކުރިމަތިލަނީ އިންޑިއާ އެކަންޏެއް ނޫނެވެ. އައިކިއުއެއަރގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕާކިސްތާނުގެ ލާހޯރުގެ ވައިގެ ފެންވަރު ވެސް ވަނީ 234 އަށް އަރާފައެވެ. މިއީ ދުނިޔޭގައި ދެވަނައަށް އެންމެ މައްސަލަ ބޮޑު ސިޓީއެވެ.