ދުނިޔެ
މިޔަންމާގެ އެންމެ މަޝްހޫރު ސްކޭމް ސެންޓަރުން 2،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި
ރެއިޑުގައި އަތުލައިގަތް ސެޓްލައިޓްތަކާއެކު
މިޔަންމާގެ ސިފައިން ތައިލެންޑާ އެޤައުމު ގުޅޭ ސަރަހައްދުގައި ހުންނަ ސްކޭމް ސެންޓަރު "ކޭކޭ ޕާކް" ރެއިޑްކޮށް، 2،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ އެ ޤައުމުގެ ސަރުކާރުގެ މީޑިއާއިންނެވެ.
“މިޔަންމާ އަލިން” ނޫހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި ބޮޑު ސަރަހައްދަކީ ބައިނަލްއަޤްވާމީ ކުށުގެ ޖަމާޢަތްތަކުން ހިންގަމުން އައި ޤަވާއިދާ ޚިލާފު ޖުވާ، މަނީ ލޯންޑަރިންގ އަދި އޮންލައިން ރޮމޭންސް އާއި އިންވެސްޓްމަންޓް ސްކޭމްތައް ހިންގަމުންދިޔަ ތަނެކެވެ. މި ސަރަހައްދުގައި 250 އަށްވުރެ ގިނަ އިމާރާތް ހުރި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރެއިޑްގައި ހައްޔަރުކުރެވުނު 2،198 މީހުންގެ ތެރޭގައި 445 އަންހެނުންނާއި، 1،645 ފިރިހެނުންނާއި، 98 ސެކިއުރިޓީ ގާޑުން ހިމެނެއެވެ. އަދި މި ރެއިޑްގައި 30 ސްޓާލިންކް ސެޓެލައިޓް ވެސް ހިފަހައްޓާފައިވެއެވެ. މި ސެޓެލައިޓްތަކަކީ އެލޮން މަސްކްގެ ސްޕޭސްއެކްސްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ސްޓާލިންކްއިން އުފައްދާ ހިންގާ ސެޓެލައިޓްތަކެކެވެ.
ކޭކޭ ޕާކް ހުރީ ކަރެން ސްޓޭޓްގެ މިޔަވަޑީ ޓައުންޝިޕްގައެވެ. މިއީ ތައިލެންޑްގެ މޭ ސޯޓް ސަރަހައްދާ ވަރަށް ކައިރި ސަރަހައްދެކެވެ. މި ސަރަހައްދަކީ 2021 ގެ ހަނގުރާމައިން ފެށިގެން މިޔަންމާގެ ސިފައިންނާއި، ޕީޕަލްސް ޑިފެންސް ފޯސްއާއި، ކަރެން އެތްނިކް ގްރޫޕްތަކާ ދެމެދު ހަނގުރާމަ ހިނގަމުންދާ ސަރަހައްދެކެވެ.
މިޔަންމާގެ ސިފައިންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ޒޯ މިން ޓުން ވިދާޅުވި ގޮތުގައި ކަރެން ނެޝަނަލް ޔޫނިއަންގެ އިސް ލީޑަރުން ވެސް ކޭކޭ ޕާކްގެ ސްކޭމް ޕްރޮޖެކްޓްތަކުގައި ބައިވެރިވެފައިވެއެވެ. މި ސްކޭމް ސެންޓަރުތަކުގައި މަސައްކަތްކުރާ ގިނަ މީހުންނަކީ ވަޒީފާގެ ފުރުސަތުތަކުގެ ނަމުގައި އޮޅުވާލައިގެން ގެނެސް، އަޅުންނެކޭ އެއްފަދައިން ގެންގުޅޭ މީހުން ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނެއެވެ.
ތައިލެންޑް ފުލުހުންގެ އަންދާޒާގައި، ހަމައެކަނި ތައިލެންޑް-މިޔަންމާ ބޯޑަރުގައި ވެސް 100،000 އަށްވުރެ ގިނަ މީހުން މިފަދަ ސްކޭމް އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ ކަމަށް ލަފާކުރެވެއެވެ. މިފަދަ ސްކޭމް ސެންޓަރުތަކުން ކުށުގެ ޖަމާޢަތްތަކަށް އަހަރަކު ބިލިއަން ޑޮލަރުތަކެއް ލިބޭ ކަމަށް ވެސް ލަފާކުރެވެއެވެ.