ދުނިޔެ

ހަމަލާބަދަލުރުންތައް ހުއްޓާލުމަށް ޕާކިސްތާނާއި އަފްޣާނިސްތާނުން އެއްބަސްވެއްޖެ

ހަމަލާބަދަލުރުންތައް ހުއްޓާލުމަށް ޕާކިސްތާނާއި އަފްޣާނިސްތާނުން އެއްބަސްވެއްޖެ

އަފްޣާނިސްތާނާއި ޕާކިސްތާނާއި ދެމެދު ޞުލްޙަވުމަށް ވެވުނު އެއްބަސްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޮކްޓޯބަރު 2025، 04:16

20 އޮކްޓޯބަރު 2025، 04:16

ޕާކިސްތާނާއި އަފްޣާނިސްޠާނު ގުޅޭ ބޯޑަރުގައި ހިނގަމުންދިޔަ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް 

ޤަތަރާއި ތުރުކީ މެދުވެރިވެގެން ކުރެވުނު މަޝްވަރާތަކަކަށްފަހު އަފްްޣާނިސްތާނާއި ޕާކިސްތާނުން ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައެވެ.

ޤަތަރުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އާދީއްތަ ދުވަހުގެ ފަތިހު ބުނި ގޮތުގައި، ދެ ޤައުމުގެ މެދުގައި ދެމެހެއްޓެނިވި ސުލްހައާއި އިސްތިޤްރާރު ޤާއިމުކުރުމަށްޓަކައި މެކޭނިޒަމްތަކެއް އެކުލަވާލުމަށްވެސް ވަނީ އެއްބަސްވެފައެވެ. 

މީގެ އިތުރުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ޕާކިސްތާނުގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު އިޝާޤް ދާރު މި އެއްބަސްވުމަށް މަރުހަބާ ކިޔުއްވައި، މިއީ ރަނގަޅު މިސްރާބަކަށް އެޅުނު ފުރަތަމަ ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ޤަތަރާއި ތުރުކީން އަދާކުރި ބިނާކުރަނިވި ދައުރަށް ޝުކުރު އަދާކުރެއްވިއެވެ.

މި މަޝްވަރާތައް ފެށުނީ ދެ ޤައުމުގެ މެދުގައި ހިނގި ވަރުގަދަ ހަމަލާތައްބަދަކުރުމުގައި ގިނަ އަދަދެއްގެ މީހުން މަރުވެ، ސަތޭކަ އަދަދަކަށް މީހުން ޒަޚަމްވުމާ ގުޅިގެންނެވެ. އަފްޣާނިސްތާނުގެ ދިފާއީ ވަޒީރު މުއްލާ މުހައްމަދު ޔަޢުޤޫބުގެ އިސްވެރިކަމުގެ ދަށުން ކުރިއަށްދިޔަ މަޝްވަރާތަކުގައި ޕާކިސްތާނުގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޤައުމުގެ ދިފާއީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފެވެ.

ދެ ޤައުމުގެ މެދުގައި ހިނގި މި ހަމަނުޖެހުން ތަކުގެ ސަބަބުތަކުގެ ތެރޭގައި، އަފްޣާނިސްތާނުގައި ހިމާޔަތްކޮށްގެން ތިބޭ ހަރުކަށި ޖަމާއަތްތަކުން ޕާކިސްތާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އަފްޣާނިސްތާނުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާކަމަށް ޕާކިސްތާނުން ކުރާ ތުހުމަތު ހިމެނެއެވެ. ނަމަވެސް މި ތުހުމަތުތައް އެޤައުމުން ދަނީ ދޮގުކުރަމުންނެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން