ދުނިޔެ

ހޮންކޮންގް އެއާޕޯޓްގައި ކާގޯ ބޯޓެއް ކަނޑަށް ވެއްޓި ދެ މީހުން މަރުވެއްޖެ!

ހޮންކޮންގް އެއާޕޯޓްގައި  ކާގޯ ބޯޓެއް ކަނޑަށް ވެއްޓި ދެ މީހުން މަރުވެއްޖެ!

ހޮންކޮނގް އެއަރޕޯޓުގައި ރަންވޭމަތިން ކައްސާލި ބޯޓު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޮކްޓޯބަރު 2025، 06:25

20 އޮކްޓޯބަރު 2025، 06:25

ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓްގައި، ހެނދުނު ދުބާއީން އައި ކާގޯ ބޯޓެއް ރަންވޭ އިން ކައްސާލައި ކަނޑަށް ވެއްޓި ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އެއާޕޯޓްގެ ދެ މުވައްޒަފުން މަރުވެފައިވެއެވެ.

އެމިރޭޓްސްގެ ފްލައިޓް EK9788، ބޯއިން 747-481 މަރުކާގެ މި ބޯޓު ހޮންކޮންގްގެ ގަޑިން ހެނދުނު 03:50 ހާއިރު (ގްރީންވިޗް މީން ޓައިމް 19:50) ރަންވޭ އިން ބޭރަށް ކައްސާލައި، އެއާޕޯޓްގެ ޕެޓްރޯލް ވެހިކަލްއެއްގައި ޖެހި، ވެހިކަލްއާއެކު ކަނޑަށް ވެއްޓިފައިވެއެވެ. މި ހާދިސާ ހިނގިއިރު ވެހިކަލްގައި ތިބި އުމުރުން 30 އަހަރާއި 41 އަހަރުގެ ދެ މުވައްޒަފުން، ހާދިސާ ހިނގި ތަނުގައި މަރުވެފައިވެއެވެ. މި ދެ މުވައްޒަފުންނަކީ އެއާޕޯޓްގައި މަސައްކަތްކުރާތާ ދުވަސްވީ، އެއް މުވައްޒަފަކު 7 އަހަރާއި އަނެއް މުވައްޒަފަކު 12 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ ދެމީހުންނެވެ. ބޯޓުގައި ތިބި ހަތަރު ފަޅުވެރިން ސަލާމަތްވެފައިވާއިރު، އެމީހުން ވަނީ ބޯޓުގެ ކުއްލި ހާލަތުގެ ދޮރުތައް ހުޅުވައި، ސިކުންތުކޮޅެއްގެ ތެރޭގައި އެމަރޖެންސީ ހިދުމަތްތަކުން ސަލާމަތްކޮށްފައެވެ. ހާދިސާ ހިނގިއިރު ބޯޓުގައި އެއްވެސް މުދަލެއް ނެތެވެ.

އޮފިޝަލުން ވިދާޅުވީ، ޕެޓްރޯލް ވެހިކަލް ދަތުރުކުރަމުން ދިޔައީ ރަންވޭގެ ފެންސުން ބޭރުން ކަމަށާއި، ރަންވޭއާ ރައްކާތެރި ދުރުމިނެއްގައި ކަމަށެވެ. ނަމަވެސް ބޯޓު އާދައިގެ ހާލަތުގައި ދަތުރުކުރާ މަގުން ބޭރަށް ގޮސް، ފެންސު ފަޅާލައި، ވެހިކަލް ކަނޑަށް ވައްޓާލީ ކަމަށް އެއާޕޯޓް އޮޕަރޭޝަންސް އެގްޒެކެޓިވް ޑިރެކްޓަރ ސްޓީވެން ޔުއު ވިދާޅުވިއެވެ. ޔިއު އިތުރަށް ވިދާޅުވީ، ބޯޓު "އާދައިގެ ހާލަތުގައި ކަނޑާ ދިމާއަށް އެނބުރިފައި ނުވާނެ" ކަމަށާއި، ލޭންޑް ކުރި ވަގުތު ކުއްލި ހާލަތުގެ އެއްވެސް ސިގްނަލެއް ފޮނުވާފައި ނުވާ ކަމަށެވެ.

ތުރުކީގެ އެއާލައިން ކަމަށްވާ އެކްޓް އެއާލައިންސް އިން ލީޒްކޮށްފައިވާ މި ބޯޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ. ހާދިސާ ހިނގި ތަނުން ނަގާފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި ބޯޓުގެ ފިޔަ ދެ ބަޔަށް ބިނދި، އެއް ބައި ވަނީ ކަނޑު އަޑީގައެވެ. އަދި ބޯޓުގެ ބައެއް ތަންތަނަށް ރެނދުލާފައިވާ މަންޒަރު ފެނެއެވެ. 



Ads by MSS

މި ލިޔުން ކިޔާލުމުން