ދުނިޔެ

ޔަހޫދީން އެއްބަސްވުމާ ޚިލާފުވެ، ޣައްޒާގެ ރަފަޙް ހުރަސް ހުޅުވައިލުމަށް އިންކާރު ކޮށްފި

ޔަހޫދީން އެއްބަސްވުމާ ޚިލާފުވެ، ޣައްޒާގެ ރަފަޙް ހުރަސް ހުޅުވައިލުމަށް އިންކާރު ކޮށްފި

ޣައްޒާގެ ރަފަޙް ބޯޑަރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޮކްޓޯބަރު 2025، 05:50

19 އޮކްޓޯބަރު 2025، 05:50

 ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތާ އެކު ހަދާފައިވާ އެއްބަސްވުމާ ޚިލާފުވެ، ޣައްޒާގެ ރަފަޙް ހުރަސް ހުޅުވައިލުމަށް ޔަހޫދީން އިންކާރު ކޮށްފިއެވެ. މި އިންކާރުކުރުމާއެކު، އޮކްޓޫބަރު 9ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުން ވަނީ ނާޒުކު ހާލަތަކަށް ވެއްޓިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އެކުލަވައިލެއްވި މި އެއްބަސްވުމުގެ ދަށުން، މިޞްރާއި ޣައްޒާ ގުޅުވައިލާ ރަފަޙް ސަރަޙައްދީ ހުރަސް ހުޅުވައިލަން ޖެހޭނެއެވެ.

ނަމަވެސް، ޒަޔަނިސްޓު ދައުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ކަން ކުރުމަށް އިންކާރު ކުރައްވާފައެވެ. މިއީ ދެ އަހަރު ދުވަހަށް ފަހު، ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ހިންގަމުންދިޔަ ނަސްލުނައްތާލުމުގެ ކުރުމުގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައިވާ އެއްބަސްވުމެކެވެ.

އެއްބަސްވުމާ އެއް ގޮތަށް ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ދިރިތިބި 20 މީހުން މިނިވަން ކޮށްފައެވެ. އަދި، މަރުވެފައިވާ އަސީރުންގެ ހަށިތައް ޙަވާލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ނަތަންޔާހޫ ބުނެފައި ވަނީ، އެއްބަސްވުމާ އެއްގޮތަށް ޙަމާސުން އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިއްބައި މަރުވި ހުރިހާ އަސީރުންގެ ހަށިތައް ޙަވާލުކޮށް ނިންމާފައި ނުވާ ކަމުގައެވެ. އަދި، އެ ސަބަބަށް ޓަކައި، ވަކި މުއްދަތެއް ނެތް ގޮތުގައި ރަފަޙް ހުރަސް ބަންދު ކޮށްފައި ބޭއްވުމަށް ނިންމާފައިވާ ކަމުގައެވެ. ޔަހޫދީންގެ މި ނިންމުމާ އެކު، އޮކްޓޫބަރު 20ވަނަ ދުވަހު އެ މަގު ހުޅުވައިލާނެ ކަމުގައި މިޞްރުގައި ހުރި ފަލަސްޠީނުގެ އެމްބަސީން ހާމަކޮށްފައިވާ ދަނޑިވަޅެއްގައި، ނަތަންޔާހޫގެ މި ވާހަކަތަކުން އިތުރު ހިތްހަމަ ނުޖެހުން އުފެދިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާއިން ވެސް ވަނީ ޙަމާސުން އެއްބަސްވުމާ ޚިލާފަށް އަމަލު ކުރަމުންދާ ކަމުގައި ތުހުމަތު ކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ތުހުމަތު ކުރި ގޮތުގައި، ޣައްޒާގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމާސުން ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދެއެވެ. އެ ވުޒާރާއިން ބުނީ، މި ގޮތަށް ޢަމަލުކޮށްފިނަމަ، ޣައްޒާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށާއި، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް އެމެރިކާއިން ތެދުވެ، ފިޔަވަޅުތައް އަޅާނެ ކަމުގައެވެ.

ޔަހޫދީންނާ އެކު ވެފައިވާ އެއްބަސްވުމާ ޙަމާސުން ޚިލާފުވަމުންދާ ނަމަ، އަލުން ޣައްޒާއަށް އަރައި ޤަތުލުޢާންމު ހިންގަން ފެށުމުގެ ހުއްދަ ޔަހޫދީންނަށް ދޭނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް ވެސް ވަނީ އިންޒާރު ދެއްވާފައެވެ. މި ތުހުމަތުތަކާ ގުޅިގެން ޙަމާސުން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް، އެ ޖަމާޢަތުން ދަނީ ޤަތުލުޢާންމު ހިންގުމުގައި ޔަހޫދީންނަށް ވާގިވެރިވެފައިވާ ޣައްޒާގެ ރައްޔިތުން ދެނެގަނެ، އެ މީހުންނަށް އަދަބު ދިނުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ދަޢުވާ ސާބިތުވެފައިވާ ބައެއް މީހުންނަށް ޙަމާސުން ވަނީ މަރުގެ އަދަބު ދީފައެވެ.

އަސީރުން މިނިވަން ކުރުމަށް ޙަމާސުން އިންކާރު ކުރަމުންދާ ކަމުގެ ތުހުމަތުތަކަށް އެ ޖަމާޢަތުން ވަނީ ރައްދު ދީފައެވެ. ޙަމާސުން ބުނީ، މަރުވެފައިވާ ގިނަ އަސީރުންގެ ހަށިތައް ވަނީ ޔަހޫދީން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ކަމުގައެވެ. އަދި، އެ މީހުންގެ ހަށިތައް ހޯދުމަށް ބިން ކޮނުމުގައި ބޭނުން ކުރާނެ ޚާއްޞަ އާލާތްތަކާއި އުޅަނދުފަހަރު ބޭނުންވާނެ ކަމަށާއި، ރަފަޙް ހުރަސް ހުޅުވައިލައި އެ ފަދަ ސާމާނު ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީން ހުރަސް އަޅާފައިވާ ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ. އެހެންކަމުން، ރަފަޙް ހުރަސް ހުޅުވައިލުމަކީ އިތުރު އަސީރުންގެ ހަށިތައް ހޯދުމަށް މަގުފަހިވާނެ ކަމެއް ކަމުގައި ޙަމާސުން ވަނީ ފާހަގަކޮށްފައެވެ.

އޮކްޓޫބަރު 18ވަނަ ދުވަހު ވެސް ޙަމާސުން ވަނީ މަރުވެފައިވާ އިތުރު ދެ އަސީރެއްގެ ހަށިގަނޑު ޔަހޫދީންނާ ޙަވާލު ކޮށްފައެވެ. މިއާ އެކު، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި އޮތް ކަމަށް ބެލެވޭ 28 އަސީރުންގެ ހަށިގަނޑުގެ ތެރެއިން 12 މީހެއްގެ ހަށިގަނޑު އެ ޖަމާޢަތުން މި ވަނީ ޙަވާލު ކޮށްފައެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިތުރު އަސީރުންގެ ހަށިތައް ހޯދުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމުގައި ވެސް ޙަމާސުން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން