ދުނިޔެ

ޕާކިސްތާނުގެ އަސްކަރީ މަރުކަޒަކަށް ހަމަލާއެެއް، އަފްޣާނިސްތާނާއި ޕާކިސްތާނުގެ ޞުލްޙަވުމާއި މެދު ސުވާލު އުފެދިއްޖެ

ޕާކިސްތާނުގެ އަސްކަރީ މަރުކަޒަކަށް ހަމަލާއެެއް، އަފްޣާނިސްތާނާއި ޕާކިސްތާނުގެ ޞުލްޙަވުމާއި މެދު ސުވާލު އުފެދިއްޖެ

ބަދަލުކުރެވުނު ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޮކްޓޯބަރު 2025، 06:01

17 އޮކްޓޯބަރު 2025، 06:01

ޕާކިސްތާނާއި އަފްޣާނިސްޠާނުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހުއްޓުމެއް ގެނެސް ޞުލްޙަވުމަށް ގާތްވެފައިވަނިކޮށް ޕާކިސްތާނުގެ ޢަސްކަރީ މަރުކަޒަކަށް ހަމަލާއެއްދީފިއެވެ. 

 

48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިއަދު މެންދުރުފަހު 13:00 ގައި ވަނީ ހަމަވެފައެވެ. މި އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވަމުންދަނިކޮށް، ޕާކިސްތާނު ޠާލިބާނުން (ޓީޓީޕީ) މީރު އަލީގައި ހުރި އަސްކަރީ މަރުކަޒަކަށް ހަމަލާއެއް ދީފައިވާކަމަށް ޕާކިސްތާނުގެ ފުލުހުންގެ އޮފިޝަލް އިރުފާން އަލީ ވަނީ ބުނެފައެވެ.

މި ހަމަލާގައި ލިބުނު ގެއްލުންތަކާ ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކާ ވާހަކަތައް ތަފާތުވެއެވެ. އެސޯސިއޭޓެޑް ޕްރެސްއިން ނަގާފައިވާ ބަހެއްގައި އިރުފާން އަލީ ބުނެފައިވަނީ ހަމަލާދިން ތިން މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް ރޮއިޓަރސްއިން ނަގާފައިވާ ބަހެއްގައި ޕާކިސްތާނުގެ ސެކިއުރިޓީ އޮފިޝަލުން ބުނެފައިވަނީ ހަތް ސިފައިން މަރުވެފައިވާ ކަމަށެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި، އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުވުމުގެ ކުރިން ޕާކިސްތާނުން ކާބޫލްގައި ދެ ޑްރޯން ހަމަލާ ދީފައިވާ ކަމަށެވެ. މި ހަމަލާތަކުގައި ފަސް މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ޤަތަރުން ވަނީ ދެ ޤައުމުގެ ދެމެދުގައި ދޯހާގައި ސުލްހަވެރި މަޝްވަރާތަކެއް ބޭއްވުމަށް ހުށަހަޅާފައެވެ. ނަމަވެސް މިހާތަނަށް މި ހުށަހެޅުމާމެދު އެއްވެސް ޤައުމަކުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. މި ހާލަތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ހަމަނުޖެހުން އިތުރަށް ގޯސްވެދާނެކަމުގެ ބިރު ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.

އަފްޣާނިސްޠާނުގައި ހަރަކާތްތެރިވާ އދ. ގެ އެހީތެރިކަމުގެ މިޝަނުން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި މި ހަފްތާގައި ޕާކިސްތާނާއެކު ހިނގި ހަނގުރާމައިގެ ސަބަބުން އަފްޣާނިސްތާނުގެ 37 އާންމު ރައްޔިތުން މަރުވެ، 425 މީހުންނަށް އަނިޔާވެފައިވެއެވެ.

މި ހަނގުރާމައިގައި ޕާކިސްތާނުގެ އާންމު ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ތަފްސީލު އެ ޤައުމުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޕާކިސްތާނުގެ އަސްކަރިއްޔާގެ މީޑިއާ ވިންގް، އިންޓަރ-ސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން ބުނެފައިވަނީ މި ހަފްތާގައި ހައިބަރު ޕަހްތުންހުވާގައި ހިންގި އޮޕަރޭޝަންތަކުގައި "އިންޑިއާގެ އެހީތެރިކަން ލިބިގެން" ހަރަކާތްތެރިވި 34 "ޓެރަރިސްޓުން" މަރާލެވިފައިވާ ކަމަށެވެ.

ޕާކިސްތާނު ސަރުކާރުން ޓީޓީޕީއަށް ނިސްބަތްކޮށް ކިޔާ "ފިތުނަތުލް-ޚަވާރިޖް" ގެ މެންބަރުންނަށް އަމާޒުކޮށް މި އޮޕަރޭޝަންތައް ހިންގާފައިވާކަމަށް ޕާކިސްތާނުގެ ނޫސް "ޑޯން" ގައި ވަނީ ރިޕޯޓުކޮށްފައެވެ.

މި ހަނގުރާމައިގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެ، ސަރަހައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާނެކަމުގެ ކަންބޮޑުވުން ބައިނަލްއަޤްވާމީ މުޖުތަމައުގެ ފަރާތުން ފާޅުކުރަމުންދެއެވެ. އަދި މި ހާލަތުގައި ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދެއްކުމުގެ މުހިންމުކަން ބައިނަލްއަގުވާމީ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ.

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން